ލަންކާގައި ތިބި 100 ދިވެއްސަކު ރާއްޖެ ގެނެސްފި

ލަންކާއިން ގެނައި ދިވެހީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ/ މޯލްޑިވިއަން

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ސްރީލަންކާ އިން ރާއްޖެ ނާދެވިފައިތިބި 100 ދިވެއްސަކު މޯލްޑިވިއަން އިން ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެމީހުން ރާއްޖެ ގެނެސްފައި ވަނީ މިރޭ 9:45 އެހައިކަންހާއިރު ކަމަށެވެ.

އެ މީހުން ވަނީ ކަރަންޓީންކޮށްފަ އެވެ.

އެއީ މިހާތަނަަށް ގެނެވުނު މީހުންނެވެ. ރާއްޖެ އަންނަން ބޭނުންވާ ގިނަ ދިވެހީންތަކެއް ލަންކާގައި އަދިވެސް އެބަތިއްބެވެ. އެމީހުން ގެނައުމުގެ މަސައްކަތް މޯލްޑިވިއަނުން އަންނަނީ ކުރަމުންނެވެ.

ލަންކާ އަކީ މީގެ ކުރިން މޯލްޑިވިއަން އިން ދަތުރުކުރާ ގައުމެއް ނޫނެވެ. އެހެން ކަމުން އަލަށް ދަތުރުކުރާ ގައުމަކަށް ވުމުން ގްރައުންޑް ހޭންޑްލިންއަށް ދައްކަން ޖެހޭ ޓެކްސް އިތުރުވާނެ އެވެ.

ލޮކްޑައުން ކޮށްފައި އޮތުމުގެ ސަބަބުން ސްރީލަންކާ އަދި އިންޑިއާއިން ނާދެވިފައި ތިބި ދިވެހީން ރާއްޖެ ގެނައުމުގައި އިސްކަން ދޭނީ އެންމެ ބޮޑަށް ހާލުގައި ޖެހިފައި ތިބި މީހުން ފުރަތަމަ ގެނައުމަށް ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.

އިންޑިއާގެ ކޮޗިންގައި ތިބި ދިވެހީން ގެނައުމަށް ބާއްވާ ފްލައިޓް އޮންނާނީ މާދަމާ އެވެ. ކޮޗިންއަށް އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު 200 މީހުން ގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ކޮލޮމްބޯ އާއި ކޮޗިންގެ އިތުުރުން އެހެން ސިޓީތައް އަދި އެހެން ގައުމުތަކުގައި ވެސް ތިބި ދިވެހީން ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ބިރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެ އިން ބޭރުގައި ތިބި ދިވެހީން ރާއްޖެ ގެނައުމުގައި، ޕަސެންޖަރުންނާއި ކުރޫއިންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް މޯލްޑިވިއަން ބުނެއެވެ. އަދި އެޗްޕީއޭގެ ގައިިޑްލައިނާ ޚިލާފަށް މޯލްޑިވިއަން އިން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

comment ކޮމެންޓް