ނުވަ ސަފާރީ އަކާއި 15 ރިސޯޓަކުން ސްޓާފުން ފޭބުމުގެ ހުއްދަ ދީފި

ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް އަޅާފައި: ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުން މަނާކޮށްފައި އޮތުމަށްފަހު ބައެއް ތަންތަނުން މީހުން ފޭބުމުގެ ހުއްދަ ވަނީ ދީފައި --

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓަކުން ވެސް މީހުން އަރައި ފޭބުން މަނާކޮށްފައި އޮތުމަށްފަހު، ނުވަ ސަފާރީ އަކާއި ފަނަރަ ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

ކޮންމެ ރިސޯޓު މުވައްޒަފުންނަށް އެ ރިސޯޓުން ފޭބޭނީ އެ ރިސޯޓުގައި ހުންނަ އެންމެ ފަހުގެ ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ކަމަށް މީގެ ކުރިން ވަނީ ކަނޑައަޅާފަ އެވެ. އަދި ރިސޯޓުގައި ފަތުރުވެރިން ތިބި ނަމަވެސް، އެ ރިސޯޓުގައި ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަރަންޓީންގައި މުވައްޒަފަކު މަދުވެގެން 14 ދުވަސް ފުރިހަމަކޮށްފި ނަމަ އޭނާއަށް އެ ރިސޯޓުން ފޭބޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޕްރޮސީޖަރ ފުރިހަމަ ކުރި ނުވަ ސަފާރީ އަކާއި 15 ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައިވާ ކަމަށެވެ.

ނަމަވެސް އެ ސަފާރީތަކާއި ރިސޯޓުތަކުގެ ތަފްސީލެއް މަބްރޫކް ނުދެއްވަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި 19 މީހަކު ރާއްޖެއިން ފެނިފައިވާއިރު، 11 މީހަކު ޕޮޒިޓިވްވެފައިވަނީ ހަތަރު ރިސޯޓަކުންނެވެ. ހަތަރު މީހަކު ދެ ސަފާރީއަކުން ޕޮޒިޓިވްވި އެވެ. މީގެ އިތުރުން ވަރަށް ގިނަ ރިސޯޓުތަކުން ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން މޮނީޓަރިން ހާލަތައްވެސް ގެނަ އެވެ.

ވައިރަސް ޖެހުނު މީހުންގެ ތެރެއިން 13 ބިދޭސީން މިހާރު ރަނގަޅުވެފައިވާއިރު، މިހާރު ރާއްޖޭގައި ފަރުވާދެމުން ދަނީ ހަތަރު ދިވެހިންނަށް އެކަންޏެވެ. އެ ހަތަރު ދިވެހިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

comment ކޮމެންޓް