ދަނޑުވެރިކަމަށް ބާރުއަޅަން ބިން ދޫކުރާ އުސޫލު މުރާޖައާކުރަން ހުށަހަޅައިފި

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮރޯނާވައިރަސްއާ ގުޅިގެން އިގްތިސާދަށް ކުރަމުންދާ ނުރައްކަލާއެކު އާންމުދަނީ ހޯދުމަށް ދަނޑުވެރިކަމަށް ބާރުއެޅުމުގެ ގޮތުން ރަށްރަށުން ބިން ދޫކުރާ އުސޫލުތަކަށް ބަދަލު ގެނައުމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ހުށަހަޅުއްވައިފި އެވެ.

ޝިޔާމް މިގޮތަށް ހުށަހެއްޅުއްވީ މިއަދު އޮންލައިންކޮށް ކުރިއަށް ދިޔަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި މިއަދު އެޖެންޑާކުރީ، ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުން ހިންގުމަށް ހުށައަޅާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވާ މައްސަލައިގައި ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން މައިގަނޑު ތިން ކަމަކަށް ލަފާއަރުވާނެ ގޮތަކާ މެދު މަޝްވަރާ ކުރެވުނެވެ.

ލަފާ އަރުވާނެ މައިގަނޑު ތިން ކަންތައް:

  • ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުން ރާވާ ހިންގާ ހަރަކާތްކަކީ، ލާމަރުކަޒީ އުސޫލުން ހިނގާކަންކަން ކަން ކަށަވަރުކޮށް، ސަރުކާރުން ހިންގާ ކަންކަމުގައި އެ ނިޒާމަށް ކަންކަން ހިންގުމަށް ސަރުކާރަށް ލަފާ އެރުވުން.
  • މާލޭ މާރުކޭޓުގައި ވިޔަފަރީކުރާ ފަރާތްތަކަށް ކުލީގެ ލުުޔެއް ދިނުމަށް މާލެ ސިޓީއާ ކައުންސިލާ މަޝްވަރާ ކުރުން.
  • މާރުކޭޓުގެ ހާލަތު ރަނގަޅުކޮށް، ޒަމާނީ ދަތުރުވެރިންގެ މާރުކޭޓެއް އެޅުމަށް ސިޓީ ކައުންސިލާ މަޝްވަރާ ކުރުން.

އެތިން ކަމުގެ އިތުުރުން އިތުރު ހިޔާލުތަކާއި ހުށަހެޅުންތައްވެސް ކޮމިޓީ މެމްބަރުން ހުށަހެޅުއްވި އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ބައެއް ރަށްތަކާއި ބިންތަކަކީ، އެއްވެސް ވަރަކަށް އެ ބޭނުމަށް ބޭނުން ކުރާ ތަންތަން ނޫން ކަމަށެވެ. އެފަދަ އެއްވެސް ދަނޑުވެރިކަމުގެ ހަރަކާތެއް ނުހިންގާ ތަންތަން އަތުލެވޭނެ ނިޒާމެއް ގާއިމު ކުރުން މުހުންމުކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ދަނޑުވެރިކަމަށް ދީފައިވާ ރަށްތައް އެއްފަރާތައް ވުރެ ގިނަ ފަރާތްތަކަށް އެރަށްރަށުގައި ހަރަކާތްތެރި ވެވޭވެނެ ގޮތަށް ކޮމިޓީން މަސައްކަތްކޮށްގެން، އެކަންތައްތައް ކުރެވިއްޖެ ނަމަ ގިނަ މީހުންނަށް އާންމުދަނީ ލިބޭނެ ފުރުސަތު ފަހިވެގެން އެދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ޝިޔާމް ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޝިޔާމްގެ އެ ހުށަހެޅުމަށް އެމްޑީޕީ މެމްބަރުންވެސް ތާއީދު ކުރެއްވި އެވެ.

ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، ވަރަށް ގިނަ ރަށްރަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާއިރު، ބައެއް ރަށްރަށުގައި އެކަށީގެންވާވަރަށް ދަނޑުވެރިކަން ނުކުރާ ކަމަށެވެ. އަދި ބައެއް ރަށްރަށްތަކުގައި ދަނޑުވެރިކަން ނުކޮށް، އެހެން ބޭނުންތަކަށް ބޭނުން ކުރަމުން އަންނަކަމަށް ހިސާން ވިދާޅުވި އެވެ.

"ދަނޑިވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގައި ކުޑަކުޑަ ތަންކޮޅެއްގައި ގަސްކޮޅެއް ޖަހައިލައިގެން ދަނޑުވެރިކަން ކުރަނީކަމަށް ދައްކައިގެން، ހޮލިޑޭ ހޯމް އަޅައިގެން އެ ރަށް އެހެން ބޭނުންތަކަށް ބޭނުންކުރަމުން އެބަދޭ. މިނިސްޓްރީން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަތަކުގައި ދަނޑުވެރިކަން ކުރޭތީ ނުކުރޭތޯ ބެލުން [މުހިންމު]،" ހިސާން ވިދާޅުވި އެވެ.

ހިސާން އިތުރަށް ވިދާޅުވީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް އެގްރިމަންޓަށް ބަދަލު ގެނެސްގެން ހެދުމަކީ މި ދަނޑިވަޅުގައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މިއަދު ކޮމިޓީގައި ނިންމެވީ، މިކަންކަން ދިރާސާުރުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)، ތުޅާދޫ ދައިރާ މެމްބަރު ހިސާން ހުސައިން، ފުވައްމުލަކު ދެކުނު ދާއިރާ މުހައްމަދު މުމްތާޒު، ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް އަދި މައްޗަންގޮޅި އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދު އެވެ.

ރާއްޖޭގެ އިގްތިސާދު ބައްޓަން ވެފައި އޮތީ މުޅީންހެން ފަތުރުވެރިކަމުގެ މައްޗަށެވެ. ނަމަވެސް ކޮރޯނާވައިރަސްއާ އެކު ދަތުރުފަތުކުރުކުން ބަންދުވެ، ފަތުރުވެރިކަން މިވަނީ ހުއްޓިފަ އެވެ. އެއާއެކު ރާއްޖޭގެ އިގްތިސާދަށް ވަނީ ލޮޅުންތަކެއް އަރަން ފަށާފަ އެވެ. ސަރުކާރުން މިހާރު ވަނީ އިގްތިސާދު އެއްމެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، ގިނަ ސިނާއަތްތަކުގެ މައްޗަށް އިގްތިސާދު ފުޅާކުުރުމަށް އަމާޒު ހިފާފަ އެވެ.

އެގޮތުން ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުުރުމަށް ސަރުކާރުން ވަނީ ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި އަންނަ މެއި މަހު ގަންނާނެ ކަމަށް ބުނެފަ އެވެ. އެގޮތުން އެސްޓީއޯ އިން މިހާރު ވަނީ އެކަން ކުރުމަށް ނިންމާފަ އެވެ. އެއާއެކު ވަރަށް ގިނަ މީހުން ވަނީ ދަނޑުވެރިކަން ކުުރުމަށް ޝައުގުވެރިކަން ބޮޑުވެފަ އެވެ.

comment ކޮމެންޓް