ޝިޕިން ލައިން އަކީ އިގްތިސާދީ މިނިވަންކަމަށް އެޅުނު ފިޔަވަޅެއް: އަމްރު

ރާއްޖޭގެ އަމިއްލަ ޝިޕިން ލައިނެއް އުފެއްދުމަކީ ގައުމުގެ އިގްތިސާދީ އިސްތިގުލާލަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ފުރަތަމަ ބޯޓު ރާއްޖެ އައުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މީގެ ކުރިންވެސް ރާއްޖޭގައި ޝިޕިން ލައިނެއް އޮތް ކަމަށާއި ޝިޕިން ލައިން އުވިގެން ދިޔައީ ދުނިޔެއަށް އައި ބަދަލުުތަކާ އެއްވަރަށް ފައިހަމަ ނުކުރެވުމުން ކަމަށެވެ.

ރާއްޖޭގެ ޝިޕިންލައިން އޭރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރު ކުރިކަމަށާއި ގިނަ ދިވެހިންނަށް އޭރު ވަޒީފާގެ ފުރުސަތުތައް ލިބުނުކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އާ ޝިޕިން ލައިނާއެކު ސްޓްރެޓެޖިކް ވިސްނުން ގެންގުޅެ، ފަހުގެ އީޖާދުތަކަށް އަހުލުވެރިވާން ޖެހޭނެ ކަމަށެވެ.

"މިއީ މި ގައުމުގެ ފުދުންތެރިކަމާ، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމާއި، ހާއްސަކޮށް އިގްތިސާދީ އިސްތިގުލާލަށް އެޅުނު ވަރަށް މުހިއްމު ބިންގަލެއް. މި ގައުމު، ތަރައްގީގެ މަގުގައި އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް،" އެމްއެސްއެސް އުފެއްދުމާ ގުޅޭގޮތުން އަމްރު ވިދާޅުވި އެވެ.

https://sun.mv/134252

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ރާއްޖޭގައި ޝިޕިން ލައިނެއް އުފެދިގެން ދިޔުމަކީ ރާއްޖެއަށް ފަސޭހައިން މުދާ އެތެރެކުރެވުމާއި ވިޔަފާރިވެރިންނަށް ހެޔޮއަގުގައި މުދާ ގަނެވި އަދި ރައްޔިތުންނަށްވެސް ހެޔޮ އަގުގައި މުދާ ލިބޭނެކަމުގެ އުއްމީދެއް ކަމަށެވެ.

"ޝިޕިންލައިންގެ ފައިދާ ދިވެހި ވިޔަފާރިވެރިންނަށް، އަދި ވިޔަފާރިތަކަށް އަދި އާންމު ފަރުދުންނަށް ވެސް ކުރާނެ. މުދަލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެކަމީ އަޅުގަނޑުމެން ޝައްކު ކުރާނެ ކަމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ. މިއީ ރާއްޖޭގެ އިގްތިސާދަށްވެސް ހެޔޮ ބަދަލު އަންނާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ މުވައްޒަފުން މަސައްކަތް ކުރަނީ ރާއްޖެއަށް އެތެރެކުރާ ޒަރޫރީ މުދަލަށް ހުއްޓުމެއް އަޔަނުދީ، އެތަކެތި ދުވަހުން ދުވަހަށް އޮފް ލޯޑު ކުރުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވަނީ ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި ބޭރުން އަންނަ ބޯޓުފަހަރަށް އަރައި އެމްޕީއެލްގެ މުވައްޒަފުން ކުރާ މަސައްކަތް ފާހަގަ ކުރައްވައިފަ އެވެ.

comment ކޮމެންޓް