"މުދާ އެތެރެކުރުމުގައި ބޭރު ބަަޔަކަށް ދެން ބަރޯސާވާކަށް ނުޖެހޭނެ"

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު --- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އޮޕަރޭޝަންތައް ފެށުމާއެކު ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭރު ބަޔަކަށް ބަރޯސާވާން ދެން ނުޖެހޭނެ ކަމަށް އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ޝިޕިން ލައިންގެ ފުރަތަމަ ބޯޓު، އެމްވީ އައިބީރިއަން އެކްސްޕްރެސްގެ ފުރަތަމަ ދަތުރުގައި ރާއްޖެ އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ސައީދު ވިދާޅުވީ ޒަމާންތަކަކަށްފަހު، ދިވެހި ޝިޕިން ލައިންއެއް އަނެއްކާވެސް އުފެދިގެން ދިޔުމަކީ ރާއްޖޭގެެ ރަައްޔިތުންނަށް އާ އުއްމީދުތަކެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.

މިއަދު އެމްއެސްއެސްގެ ފުރަތަމަ ބޯޓު ސްރީލަންކާއިން ރާއްޖެ އައިސްފައިވަނީ ރާއްޖެއަށް ބޭނުންވާ ކާޑާއި ސިއްހީ އާލާތްތަކާއެކުއެވެ.

ވައިގެ ދަތުރުތައް މެދުކެނޑިފައިވާ އަދި ދުނިޔޭގެ ގިނަ ގައުމުތަކަކުން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ގައުމީ ޝިޕިންލައިނެއް އޮތުމަކީ ރައްޔިތުންނަށް ބޭނުންވާނެ މުހިއްމު ތަކެތި، ދަތިކަމެއް ނެތި އެތެރެކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ޝިޕިން ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ.

https://sun.mv/134245

"ދިވެހި އޮފިސަރުންނާއި ދިވެހި ފަޅުވެރިންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެން ދިޔުމާއި، ދިވެހި ޒުވާނުންނަށް އާ ސިނާއަތެއްގައި މަސައްކަތް ކުރުމަށް ފުރުސަތު ފަހިވެގެންދާނެ،" އާ ޝިޕިންލައިނާ ގުޅޭގޮތުން އެމްޑީ ވިދާޅުވިއެވެ.

ރާއްޖެއަކީ މީގެ ކުރިންވެސް ޝިޕިންގެ ފަހުރުވެރި ތާރީހެއް އޮތް ގައުމެއް ކަމަށާއި ދިވެހި ފަޅުވެރިންނާއި އޮފިސަރުންނަށް އަލުން އަނބުރާ އެ މަގާމަށް ދިޔުމުގެ އުންމީދު އެމްއެސްއެސްއާއެކު އާވެއްޖެކަމަށް ވެސް އެމްޑީ ވިދާޅިވިއެވެ.

"އޮފިސަރުންގެ އާ ޖީލެއް، ފަޅުވެރިންގެ އާ ޖީލެއް އުފެދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް،" އަބްދުﷲ ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ ދަތުރުތައް އަދި މާލެއާއި ސްރީލަންކާއާ ދެމެދު ކުރުމަށް ހަމަޖެހިފައިވީނަމަވެސް، ރާއްޖެ އެތެރެކުރަން ބޭނުންވާ މުދާ، ދުނިޔޭގެ ކޮންމެ ތަނަކުން ވިޔަސް އެތެރެކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުޅަނދު ގިނަކޮށް މުޅި ދުނިޔޭގައި އަޅުގަނޑުމެންގެ ކޮންޓެއިނަރުތައް ލިބޭނެ ގޮތް ހަމަޖައްސާ މިކަން ކުރިމަގުގައި ކުރާނެ،" އެމްއެސްއެސްގެ އެމްޑީ ވިދާޅުވިއެވެ.

ޝިޕިން ލައިނަށް ގެނައި ފުރަތަމަ ބޯޓަކީ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ.

އެމްއެސްއެސްއަކީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ އެކެވެ. އެކުންފުނީގައި ހިމެނެނީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ 0.01 ޕަސެންޓް ހިއްސާއެވެ.

comment ކޮމެންޓް