މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރަން އިސްލާހު ހުށަޙަޅައިފި

ފެބްރުއަރީ 3، 2020: މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ---- ފޮޓޯ/ ރައީސް އޮފީސް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށްޓަކައި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް، ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ. އަދި އެ ބިލް މާދަމާގެ ޖަލްސާއާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ކޮރޯނާވަރަސް، ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ ފަސްކޮށްފަ އެވެ. މިހާރުތިބި ކައުންސިލްތަކުގެ ދައުރު ހަމަވާނީ، ޖޫން ތިން ވަނަ ދުވަހަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ދެބިލެއް ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

އެއީ، ގާނޫނު އަސާސީއަށް ފަސް ވަނަ އިސްލާހެއް ގެނައުމުގެ ބިލާއި، ކައުންސިލް އިންތިހާބު ލަސްކުރުމަށް ހުށަހަޅާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" އެވެ.

ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހުގެ ބިލު ހުށަހަޅުއްވަނީ ސަރުކާރުގެ ފަރާތުން އެމްޑީޕީ މެމްބަރު ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލަތް) އެވެ. ބެލެވޭ ގޮތުގައި މި އިސްލާހަކީ، އިންތިހާބު ފަސްކުރުމާ ގުޅިގެން މިހާރު ހިނގަމުން މިދާ ކައުންސިލްތަކުގެ ދައުރާ މެދު އަމަލު ކުރާނެ ގޮތްތަކެއް ބަޔާން ކުރާނެ ބިލެވެ.

އެ ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، އާންމު ކުއްލު ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީވެ، މިމަހު 18 ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށް ނުފެންނަ ކަމަށެވެ.

އެހެން ކަމުން އިންތިހާބު ބޭއްވޭނެ މާހައުލެއް ގައިމްވުމާއެކު އިންތިހާބު ބާއްވައި، އާ މެމްބަރުން އިންތިހާބުވެ މަގާމާ ހަވާލުވެންދެން، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދިގުކުުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ. ގާނޫނަށް އަމަލު ކުރަން ފަށާނީ ބިލު ތަސްދީގުވާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 ހުށަހެޅުއްވީ، ތުޅާދޫ ދައިރާ މެމްބަރު ހިސާން ހުސައިންނެވެ. މި ބިލަކީ، އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ހާލަތެއް ނެތް ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ނޫނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވޭނެ ގޮތައް ހެދުމަށް ހުށަހަޅާފައިވާ ބިލެކެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ފަރުމާކުރި އެ ބިލުގައި ބުނާގޮތުން، ބިލް ފާސްވެ އަމަލުކުރަން ފެށުމާއި އެކު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިހާބު ފަސްކުރެވުނީ އެވެ. އަދި އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ

ބިލުގައިވާ ގޮތުގައި، އަންނަ ޖެނުއަރީ 6 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ވާނެ އެވެ. އެހެން ކަމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު އަންނަ ޖެނުއަރީ މަހުގެ 6 އަށް ދިގު ދެމިގެން ދިޔުމުގެ ފުރުސަތު އެބަ އޮތެވެ.

މަޖިލިސް ގަވައިދުގައި ބުނާގޮތުން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އިބްތިދާއީ ބަހުސް ފެށުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ އެވެ. ނަމަވެސް އިސްތިސްނާވާ ހާލަތްތަކުގައި، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެ ވަޑައިގެންނަވާނަމަ ހަތް ދުވަހުގެ ބަދަލުގައި އިބްތިދާއީ ބަހުސް ފެށުމަށް ތިން ދުވަސް ދެވިދާނެ އެވެ.

އެ ބިލް އަވަސް ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

comment ކޮމެންޓް