ބޭހާއި ކާޑު ހިފައިގެން އާ ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ރާއްޖެ އައިސްފި

ރާއްޖޭގެ އާ ޝިޕިންލައިންގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު މިއަދު ރާއްޖެ ގެނެސް، ރާއްޖޭގެ އާ ޝިޕިން ލައިން މިއަދު އިފްތިތާހު ކޮށްފި އެވެ.

ޝިޕިން ލައިނަށް ގެނައި ފުރަތަމަ ބޯޓަކީ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ. އެ ބޯޓްގެ ނަމަކީ، އެމްވީ އައިބީރިއަން އެކްސްޕްރެސް އެވެ. އެ ބޯޓަށް މަރުހަބާ ކިޔަން ވަނީ ފެނުގެ ސެލިއުޓެއް އަރުވައިފަ އެވެ.

އެ ބޯޓްގައި ގެނެސްފައި ވަނީ، ކާޑުގެ ބާވަތްތަކާއި ބޭހެވެ.

އެމްއެސްއެސް އަކީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ އެކެވެ. އެކުންފުނީގައި ހިމެނެނީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ 0.01 ޕަސެންޓް ހިއްސާ އެވެ.

އެސްޓީއޯއިން ބުނީ، އެމްއެސްއެސް އުފައްދާ ހިދުމަތް ދޭން ފަށަނީ ދިވެހި ވިޔަފާރިވެރިންނަށް އިތުބާރު ހިފޭ، ޝިޕިން ލައިނަކަށް ވުމުގެ އަޒުމުގައި ކަމަށެވެ. މީގެ އިތުރުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވާލާ، ޓޫރިޒަމަށް ބަރޯސާވާ މިންވަރު އިގްތިސާދުގައި މަދުކުރުމަކީވެސް މި ކުންފުނި އުފައްދައި ހިދުމަތް ދިނުމުގެ މަގުސަދެއް ކަމަށް ބުންޏެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖެ އޮތީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި ކަމަށާއި އެކަން ބަދަލު ކުރުމަށް އެހެން ސިނާއަތްތަކަށް އިންވެސްޓު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން މި ޝިޕިން ލައިނަށް އިންވެސްޓު ކުރުމަކީ އޭގެ ތެރެއިން މުހިންމު އެއް މަސައްކަތް ކަމަށާއި މިކަމުގައި ކުރިން ރާއްޖޭގެ ފަހުރުވެރި ތާރީހު އަލުން އިޔާދަކުރައްވާނެ ކަމަށް ރައީސްވިދާޅުވި އެވެ.

އެސްޓީއޯއިން ޝިޕިންގެ ހިދުމަތް ފަށައި، އެ ވިޔަފާރީގެ ތެރެއަށް ވަންނައިރު، އެކުންފުނިންޏަކީ އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެވެ.

އެމްއެސްއެސްގެ ހިދުމަތާއެކު އެސްޓީއޯއާއި އެހެން ވިޔަފާރިތަކަށް ވެސް ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރަށް ވުރެ ލުއިފަސޭހަ ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

comment ކޮމެންޓް