އިންޑިއާގައި ޑޮކްޓަރުންނާ ދިމާލަށް ކުޅު ޖަހާ، ހަމަލާ ދެނީ

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުންނަށް ވަނީ ހަމަލާތައް އަމާޒުވެފައި -- ފޮޓޯ: ސޯޕާ އިމޭޖެސް

ދިއްލީ (އޭޕްރިލް 5): އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންނަށް ހަމަލާ ދެމުންދާ ކަމުގެ ރިޕޯޓުތައް އާއްމުވެއްޖެ އެވެ.

އެ ރިޕޯޓުތަކުގައިވާ ގޮތުން ޑޮކްޓަރުންނާ ދިމާލަށް ބަޔަކު ކުޅު ޖަހާ، ހެލްތު ވޯކަރުން ގެތަކަށް ޒިޔާރަތް ކުރުމުން ހަމަލާ ދީފައިވެ އެވެ. އަދި ބައެއް ބަލި މީހުން ވަނީ އަންހެން ނަރުހުންނާ ހަޑިހުތުރު ބަހުން ވާހަކަ ދައްކާފަ އެވެ.

މީގެ އިތުރުން ޑޮކްޓަރުންނާއި އެމީހުންގެ އާއިލާ ދިރިއުޅޭ ގޭގެ އަވަށްޓެރިންގެ ފުރައްސާރައާ ވެސް އެޑޮކްޓަރުން ކުރިމަތިލާން ޖެހޭ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

އެފަދަ ހާދިސާއެއްގެ ވީޑިއޯއަކުން ފެންނަ ގޮތުގައި، މަދުޔަ ޕްރަދޭޝްގެ އިންދޯރުގައި ކޮވިޑް-19 ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހެއް ކައިރިއަށް ދިޔަ ދެ އަންހެން ޑޮކްޓަރަކާ ދިމާލަށް ބަޔަކު ގާ އުކަ އެވެ.

އެ ވީޑިއޯއިން ފެންނަ އެއް ޑޮކްޓަރު ކަމަށްވާ ޒާކިޔާ ސައީދު ބީބީސީއަށް ވިދާޅުވި ގޮތުގައި، އެހާދިސާގައި އޭނާއަށް އަނިޔާވި ނަމަވެސް އެއީ އޭނާގެ ޒިންމާ އަދާ ކުރުމަށް ފަސް ޖެހޭނެ ސަބަބެއް ނޫނެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރައްޔިތުން ރައްކާތެރި ކުރުމަށް. އަޅުގަނޑުމެން [އެގެޔަށް ދިޔައީ] ކޮވިޑް-19 ޖެހިފައިވާ މީހަކާ ކޮންޓެކްޓުވި މީހެއްގެ މައުލޫމާތު ލިބިގެން. އަޅުގަނޑުމެން އެމީހާއާ ވާހަކަ ދައްކަން ތިއްބާ މީހުން ރުޅިގަދަވެ، ހަމަލާ ދިނީ،" ޒާކިޔާ ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިންދޯރުގެ ކޮވިޑް-19 ޓާސްކްފޯސްގެ މެމްބަރެެއް ކަމަށްވާ ޑރ. އާނަންދު ރާއި ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާދޭ ޓީމަކަށް ހަމަލާ ދިނުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެ ހާދިސާ ހިނގާފައި ވަނީ މުސްލިމުންގެ އާބާދީ ބޮޑު އަދި ގިނަ ބަޔަކު ސަރުކާރަށް އިތުބާރު ނުކުރާ ސަރަހައްދެއްގައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެއީ މުސްލިމުން އިސްތިސްނިސްވާ ގޮތަށް އިސްލާހު ކުރި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ސަރަހައްދެއް ކަމަށާއި، އެކަމާ ގުޅިގެން މީހުންގެ ރުޅިވެރިކަން ޑޮކްޓަރުންނަށްވެސް އަމާޒުވީ ކަމަށް ޑރ. ރާއި ލަފާ ކުރެއްވި އެވެ.

މީގެ އިތުރުން ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ކަރަންޓީނުކޮށްފައިވާ 21 މީހަކު ތިބި އުއްތަރަ ޕްރަދޭޝްގެ ގާޒީއާބާދުގެ ހޮސްޕިޓަލެއްގައި ވެސް ވަނީ ހެލްތު ވޯކަރުންގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ކަންތައްތަކެއް ހިނގާފަ އެވެ.

އެ ހޮސްޕިޓަލުގައި ކަރަންޓީނުކޮށްފައި ތިބީ، ދީނީ ޖަމާއަތެއް ކަމަށްވާ ތަބްލީޣޭ ޖަމާއަތުން މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި ދަރުސްތަކެއްގައި ބައިވެރިވުމުގެ ސަބަބުން ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންނެވެ.

"ބައެއް މީހުން ވަނީ ހޮސްޕިޓަލް ވޯޑުގައި ތިބެ ބަރަހަނާވެ، އަންހެން ޑޮކްޓަރުންނާއި ނަރުހުންނަށް ފުރައްސާރަކޮށްފަ. އެމީހުން ދިޔައީ ސިގިރެޓާއި ދުންފަތް ދިނުމަށް އެދެމުން،" އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރަކު ބުންޏެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އަދި އެ މީހުން ފަހުން ވަނީ އެހެން އިމާރާތެއްގެ އައިސޮލޭޝަން ވޯޑަކަށް ބަދަލުކޮށްފައި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.

އުއްތަރަ ޕްރަދޭޝްގެ ހޮސްޕިޓަލެއްގައި އަންހެން ޑޮކްޓަރުންނާއި ނަރުހުންނަށް، ކަރަންޓީނުކޮށްފައިވާ މީހުން ފުރައްސާރަ ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ -- ފޮޓޯ: މެޖޯރިޓީ ވޯލްޑް

ތަބްލީގީ ޖަމާއަތުގެ ދަރުސްތަކުގައި ބައިވެރިވި އެތައް ހާސް މީހުން ވަނީ މިހާރު ކަރަންޓީނުކޮށްފަ އެވެ. އޭގެ ތެރެއިން ދިއްލީގައި ކަރަންޓީނުކޮށްފައި ތިބި ބައެއް މީހުން ޑޮކްޓަރުންނާ ދިމާލަށް ކުޅު ޖެހި ކަމުގެ ހަބަރުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް އެ ކަރަންޓީނު ފެސިލިޓީގެ ތަރުޖަމާނަކު ވަނީ އެ ފެސިލިޓީގެ ހާލަތު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ދިއްލީ ސްޓޭޓުގެ ސަރުކާރުން ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ގާތުގައި އެދިފަ އެވެ.

ޑޮކްޓަރުންނަށް ވަޒީފާގެ މާހައުލުގެ އިތުރުން އެމީހުން ދިރިއުޅޭ ގެތައް ކައިރިންވެސް މީހުންގެ ނުރުހުން އަމާޒުވާ ކަމަށް ބީބީސީއާ ވާހަކަ ދެއްކި އެއް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން އެ ޑޮކްޓަރު ވަނީ އޭނާ އާއި އޭނާގެ އާއިލާ މިހާރު ދިރިއުޅޭ ބިލްޑިންގުން ދިޔުމަށް އަވަށްޓެރިން ބޭނުންވާ ކަން އެނގުމުން ވަރަށް ހިތާމަ ކުރާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅަން. އަޅުގަނޑުމެންގެ އަމިއްލަ އާއިލާއާ ވެސް ބައްދަލެއް ނުކުރަން. އެއީ ވަރަށް ބޮޑަށް ސްޓްރެސްވާ ކަމެއް. ނަމަވެސް އަޅުގަނޑުމެންނާ މެދު މިތަފާތު ކުރުންތައް ގެންގުޅޭތީ ވަރަށް ދެރަވޭ،" ޑޮކްޓަރު ވިދާޅުވި އެވެ.

އިންޑިއާގައި މިހާތަނަށް 3,588 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 99 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެގައުމުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާ ޓުޑޭގައިވާ ގޮތުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 50 އަށް ވުރެ ގިނަ މެޑިކަލް މުވައްޒަފުން ހިމެނެ އެވެ.

comment ކޮމެންޓް