ކޮރޯނާވައިރަސް: ރައީސް ސޯލިހު ލަންކާގެ ބޮޑުވަޒީރާ މަޝްވަރާކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ގުޅުވައިގެން ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ މަޝްވަރާކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ މަޝަވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ދެ ބޭފުޅުން މަޝްވަރާކުރެއްވީ މިއަދު ހެނދުނު ފޯނު ކޯލަކުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދުނިޔެއަށް ކުރިމަތިވެފައިވާ މި ހާލަތުން އަރައިގަތުމަށް ދެ ގައުމުންވެސް އަޅާފައިވާ އަދި އަޅަމުންގެންދާ ފިޔަވަޅުތަކާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވިއެވެ

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 ވައިރަސް ބާރަށް ފެތުރެންފަށައިފި ނަމަ ކުރިމަތިވެދާނެ ދަތިތަކާބެހޭގޮތުން މަޝްވަރާކުރައްވަމުން، ދެ ބޭފުޅުން ވަނީ ބަލި ފެތުރޭ މިންވަރާ އެއްވަރަށް ފަރުވާދޭ ވަސީލަތްތައް އިތުރުކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އޭގެ އިތުރުން، ކުއްލިއަކަށް ބަލިމީހުން އިތުރުވެދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބަލިމީހުންނަށް ބޭނުންވާނެ އެނދާއި، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް އެ ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް އަމަކުރަމުންގެންދާ ގޮތްތައް ކަމުގައިވާ އިޖުތިމާއީ ގައިދުރުކަން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މި ހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށާއި، ދެގައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، މި ސަރަހައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ސަރަހައްދުގެ ގައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

comment ކޮމެންޓް