ރިސޯޓުތައް ފަދަ ތަންތަނުން ގާނޫނުތަކަށް ބޯލަނބަން ޓޫރިޒަމް މިނިސްޓްރީއިން އަންގައިފި

މާޗް 8، 2020: ކޮވިޑް 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ރިސޯޓުތައް ފަދަ ތަންތަނުން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބަން ޓޫރިޒަމް މިނިސްޓްރީއިން އަންގައިފި އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 ވައިރަހާ ގުޅިގެން ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމުމުން، ގާނޫނާ ހިލާފަށް މުވައްޒަފުންނަށް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާއި، މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރު ކުރުމާއި، ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ފްލައިޓު ހަމަނުޖެހެނީސް ވެލާނާ އެއާޕޯޓަށް ގެންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

އެ މިނިސްޓްރީގެ ނޫސް ބަޔާނުގައި ވަނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަސް އިހުތިރާމުކުރުމަށް ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނަށް އަންގައިފައެވެ. އަދި ފްލައިޓެއް ހަމަނުޖެހެނީސް އެއްވެސް ބިދޭސީ މުވައްޒަފަކު އެއާޕޯޓަށް ނުފޮނުވުމަށްވެސް އަންގާފައިވެއެވެ.

"ބައިނަލްއަގުވާމީ ކާރިސާއެއް ތަޖުރިބާކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީޓަކުންވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް އިހުތިރާމުކުރެއްވުމަށް މި މިނިސްޓްރީއިން އަންގަމެވެ." ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނީ އެ މިނިސްޓްރީގެ އެފަދަ އެންގުންތަކާ ހިލާފުވާ ފަރާތްތަކަށް ގާނޫނާއި ގަވައިދުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ގާނޫނާއި ގަވައިދުތަކުގެ މަތީގައި ދެމިތިބި ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނަށް ޝުކުރުއަދާކޮށް، ޓޫރިޒަމް މިނިސްޓްރީއިން ބުނީ މިހާރު ދިމާވެފައިމިވާ ހާލަތުން އަރައިގަތުމަށް ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިގުތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު ކޮވިޑް-19އާ ގުޅިގެން 58 ރިސޯޓަކުން 11،000އެއްހާ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާން ނިންމާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިންވެސް މީގެ ކުރިން ވަނީ ބުނެފައެވެ. އޭގެ އިތުރުން ބައެއް ރިސޯޓުތަކުން ދަނީ ގާނޫނުގައި އޮންނަ މުއްދަތަށް ނޯޓިސް ނުދީ، އަދި ދޭން ޖެހޭ ވަރަށް ފައިސާ ނުދީ މުވައްޒަފަން ވަޒީފާއިން ވަކި ކުރަމުންނެވެ.

އެފަދަ ގޮތްގޮތަށް މީހުން ވަޒީފާއިން ވަކި ނުކުރުމަށް މީގެ ކުރިންވެސް ސަރުކާރުން ބުނެފައިވެއެވެ. އަދި ވަޒީފާއާ ގުޅޭ ޝަކުވާތައް ޖޮބް ސެންޓަރު މެދުވެރިކޮށް ސަރުކާރަށް ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.

comment ކޮމެންޓް