ހޯމަ އަދި ބުދަ ދުވަހު އެމްޑަބްލިއުއެސްސީން ހިދުމަތް ދޭނެ

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރިއަށް އޮތް ހަފްތާ ސަރުކާރު ބަންދު ނަމަވެސް، ހޯދަ އަދި ބުދަ ދުވަހު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލުއެސްސީ) ގެ ކައުންޓަރުތަކުން ބައެއް ހިދުމަތްތައް ދެމުންގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލުއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޭޕްރީލް ހައެއް އަދި އަށް ވަނަ ދުވަހުގެ ހެނދުނު 09:00 އިން 12:00 އަށް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ކައުންޓަރާއި ރިސެޕްޝަން ހުޅުވާފައި ހުންނާނެ ކަމަށެވެ.

ކަސްޓަމާ ސާވިސް ކައުންޓަރުން ދޭނީ ޗެކު މެދުވެރިކޮށް ފެން ބިލްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތެވެ. ރިސެޕްޝަނުން ދެމުންގެންދާނީ ސިޓީ އާއި އިންވޮއިސް އަދި އެހެނިގެން ލިޔެކިޔުންތައް ބަލައިގަތުމާއި ހުށަހަޅާފައިވާ އިންވޮއިސްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެއްކުމެވެ.

މީގެ އިތުރުން އެ ދުވަސްތަކުގައި އެމްޑަބްލިއުއެސްސީން އަތޮޅު ތެރޭގައި ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ކަސްޓަމާ ސާވިސް ކައުންޓަރުތަކުން ވެސް އެ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ފެން ބިލުތަކަށް ފައިސާ ބަލައިގަތުމަށް ހުއްދަ ދީފައިވާ ޕޭމަންޓް އައުޓްލެޓްތަކުން ވެސް ބިލަށް ފައިސާ ދެއްކޭނެއެވެ.

އެހެންނަމަވެސް، ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބިލަށް އަރާ އަދަދު ބެލުމަށާއި ބިލަށް ފައިސާ ދެއްކުމަށް އެމްޑަބްލިއުއެސްސީގެ މޮބައިލް އެޕްލިކޭޝަން ބޭނުންކުރަން އެ ކުންފުނިން އިލްތިމާސް ކުރެއެވެ. އަދި ކުންފުނީގެ ހިދުމަތްތަކަށް އެދުމަށް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ވެސް އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް