ކޮރޯނާވައިރަސް: ދެކުނު އިރުމަތީ އޭޝިއާއިން އެންމެ ގިނަ މަރު އިންޑޮނޭޝިއާގައި

އިންޑޮނޭޝިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 181އަށް އަރާފަ -- ފޮޓޯ: ބާކްރޮފްޓް މީޑިއާ

ޖަކާޓާ (އޭޕްރިލް 4): ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން އިންޑޮނޭޝިއާ އިން މަރުވި މީހުންގެ އަދަދު 181އަށް އަރައިފި އެވެ.

އިންޑޮނޭޝިއާއިން މިދިޔަ މަހުގެ ދޭއްގައި ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގެ 1،986 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި މިހާރު އެގައުމު ވަނީ ވައިރަހުގެ ސަބަބުން އިރުދެކުނު އޭޝިއާއިން އެންމެ ގިނަ މީހުން މަރުވި ގައުމަށްވެފަ އެވެ.

ދުނިޔޭގައި މިހާރު އެވަރެޖުކޮށް ވައިރަސް ޖެހިގެން މަރުވާ މީހުންގެ ނިސްބަތަކީ 5.2 ކަމަށްވި ނަމަވެސް އިންޑޮނޭޝިއާގައި އެ ރޭޓު 9.1 ޕަސެންޓަށް އަރަ އެވެ. އެއާ އަޅާބަލާ އިރު ފިލިޕީންސްގައި ބަލި ޖެހިގެން މަރުވާ ނިސްބަތަކީ 4.5 ޕަސެންޓު އަދި މެލޭޝިއާގައި 1.6 ޕަސެންޓެވެ. ނަމަވެސް އެ ދެ ގައުމުގައި ވެސް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3،000އަށް ވުރެ އިތުރެވެ.

ވައިރަސް ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ހޯދަނީ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ބެލުމަށް ފަހުގައި ކަމުން، އެގައުމެއްގައި ޓެސްޓު ކުރާ މިންވަރު ގިނަ ނަމަ ނުވަތަ މަދު ނަމަ، އޭގެ އަސަރު މަރުވާ މީހުންގެ ނިސްބަތުގެ ހިސާބަށް ވެސް ކުރާނެ އެވެ.

އިންޑޮނޭޝިއާގެ އޮންލައިން މީޑިއާއެއް ކަމަށްވާ ކަޓަޑާޓާގައިވާ ގޮތުން އެގައުމުން ކޮންމެ މިލިއަން މީހެއްގެ ތެރެއިން ވައިރަހަށް ޓެސްޓު ކުރަނީ 25 މީހުންނެވެ. އަދި އެއީ މުޅި އޭޝިއާގައި ވެސް އެންމެ މަދުން ޓެސްޓު ކުރާ އެއް ގައުމެވެ. އެގޮތުން އިންޑިއާގައި ކޮންމެ މިލިއަން މީހަކަށް 35 މީހަކު ޓެސްޓުކޮށްފައިވާ އިރު ދެކުނު ކޮރެއާއިން ކޮންމެ މިލިއަނަކަށް 8،222 މީހަކު ޓެސްޓުކޮށްފަ އެވެ.

އިންޑޮނޭޝިއާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ނިސްބަތް އިތުރުވި ސަބަބުތަކުގެ ތެރޭގައި ސިއްހީ ނިޒާމަށް ނުކަތާ ވަރު ވުމާއި ސިއްހީ އޮފިޝަލުންގެ މެދުގައި ޕާސަންލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) މަދުވުމާއި ޓެސްޓު ކުރާ މިންވަރު މަދުވުން ހިމެނޭ ކަމަށް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވި އެވެ.

އެގައުމުގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޖަކާޓާގައި 95 ހެލްތު ވޯކަރުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި 13 ހެލްތު ވޯކަރުން ވަނީ މަރުވެފަ އެވެ.

އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގައި މިހާރު 2،813 ހޮސްޕިޓަލް ހުރެ އެވެ. އެއީ އާބާދީގައި 260 މިލިއަން މީހުން ތިބޭ އެގައުމުގައި ކޮންމެ 10،000 މީހަކަށް އެވަރެޖުކޮށް 12 އެނދުވާ ވަރަށެވެ.

މީގެ އިތުރުން އެގައުމުގައި ގާތްގަނޑަކަށް 110،040 ޑޮކްޓަރުން ތިބި ކަމަށާއި އެގައުމަށް ޗައިނާ އިން 500،000 ރެޕިޑް-ޓެސްޓިން ކިޓު ގެންގޮސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އިންޑޮނޭޝިއާއިން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެގައުމަށް ބޭރު ގައުމުތަކުގެ މީހުން ވަނުން ހުއްޓުވުމާއި އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުން ހިމެނެ އެވެ.

comment ކޮމެންޓް