ތޮއްޑޫ ކަރާދަނޑުތަކުގައި ޒުވާރި އާއި ދޮނަޅަ އިންދުމުގެ މަސައްކަތް ފަށައިފި

ތޮއްޑޫގެ ދަނޑުވެރިން މަސައްކަތުގުގައި--- ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ

ކޮވިޑް19 އިގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ދިމާވެފައިވާ އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން، ކުރިއަށް އޮތް ރަމަޟޯން މަހު ދިވެހިންނަށް ކާބޯތަކެއްޗަށް ދަތި ނުވާނެކަން ކަށަވަރު ކުރުމަށް، އއ. ތޮއްޑޫ ކަރާދަނޑުތަކުގައި ޒުވާރި އާއި ދޮނަޅަ އިންދުމުގެ މަސައްކަތް ފަށައިފި އެވެ.

ތޮއްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޒުވާރި އަދި ދޮނަޅައަކީ ފަސޭހައިން ހެދޭ އެއްޗަކަށް ވާތީ އެރަށުގެ ކަރާ ދަނޑުތަކުގައި އިތުރު ހަރަދެއް ނުކޮށް އެތަކެތި އިންދުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

އަދި ރަމަޟާން ވަހަށް ޒުވާރި އާއި ދޮނަޅަ އިންދަން ވަކި ކަރާ ދަނޑުތަކެއް ދޫކުރުމަށް ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ. ކައުންސިލުން ބުނީ މި މަހުގެ ހަތް ވަނަ ދުވަހު އެ ދަނޑުތަކުގައި ދޮނަޅަ އާއި ޒުވާރި އިންދާ ނިންމަން ވާނެ ކަމަށާއި، އެކަމަށް ހުއްދަ ދެވުނު ދަނޑުތަކުގައި އެހެން ބާވަތެއް އިންދުމަކީ މަނާކަމެއް ކަމަށެވެ. ދަނޑުތަކުގެ ވެރިންނަށް މުޑުވައް ހަވާލުރާނީ މާދަމާ އެވެ.

ކައުންސިލުން ބުނީ ޒުވާރި އާއި ދޮނަޅަ އިންދުމުގެ ހުއްދަ ދިން ބިންތަކުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން ދެ މަހެއްހާ ދުވަސް ފަހުން ތޮއްޑޫ ދަނޑުތަކުން ޒުވާރި އާއި ދޮނަޅަ ކަނޑަން ލިބޭނެ އެވެ.

އިގްތިސޯދު ހީނަރުވެ ދަތުރުފަތުރުރައް މެދުކެނޑުމާ ގުޅިގެން، ސަރުކާރުން ވެސް އަންނަނީ ރައްޔިތުން ދަނޑުވެރިކަން ކުރުމަށް އިލްތިމާސް ކުރަމުންނެވެ.

އަދި އަންނަ މެއި މަހުން ފެށިގެން އެސްޓީއޯ އެގްރި ސެންޓަރު ހުޅުވައި ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ގަންނަން ފަށާނެ ކަމަށް އެސްޓީއޯއިން ވެސް ވަނީ ބުނެފައެވެ.

ނޯތު ހާބަރު ކުރިމަތީގައި ހުޅުވާ އެ ސެންޓަރުން ރާއްޖޭގައި ދަނޑުވެރިން އުފައްދާ ތަކެތި ގަތުމުގެ އިތުރުން އެތަކެތި ހޯލްސޭލްކޮށް ވެސް ވިއްކަމުންދާނެ އެވެ. އަދި ރީޓެއިލްކޮށް އެތަކެތި ވިއްކާނީ އެސްޓީއޯ ސުޕަމާކެޓުންނެވެ.

މީގެ އިތުރުން އެގްރިސެންޓަރުން ދަނޑުވެރިން ހައްދާ ތަކެތި ގަންނާނީ މާކެޓުގައި ހުރި އަގުތަކަށް ވުރެ ރަނގަޅު އަގުތަކުގައި ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް