ސޯލް ލަވަކިޔުންތެރިޔާ ބިލް ވިދާސް މަރުވެއްޖެ

ބިލް ވިދާސް --- ފޮޓޯ : ގެޓީ

"ލީން އޮން މީ" އާއި "އެއިންޓް ނޯ ސަންޝައިން" ފަދަ ލަވަތަކާ އެކު 70ގެ އަހަރުތަކުގައި މަޝްހޫރުވި ސޯލް ލަވަކިޔުންތެރިޔާ ބިލް ވިދާސް މަރުވެއްޖެ އެވެ.

ބިލް ވިދާސްގެ އާއިލާއިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި، ހިތުގެ ބަލިތަކަކާއެކު ލަވަކިޔުންތެރިޔާ ވަނީ މިދިޔަ ހަފްތާގައި މަރުވެފައި ކަމަށެވެ.

ލޮސް އެންޖެލެސްގައި ހުއްޓާ ބިލް މަރުވި އިރު އޭނާގެ އުމުރަކީ 81 އަހަރެވެ.

ވަރުގަަދަ އަޑެއްގެ ވެރިޔެއްގެ ގޮތުގައި މަޝްހޫރުވި ބިލް ވިދާސް ވަނީ 70ގެ އަހަރުތަކުގެ ތެރޭގައި އެންމެ މަގުބޫލުވި ބައެއް ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވަތައް ކިޔާފަ އެވެ. އެގޮތުން ލީން އޮން މީ އާއި އެއިންޓް ނޯ ސަންޝައިންގެ އިތުރުން ޖަސްޓް ދަ ޓޫ އޮފް އަސް އާއި ލަވްލީ ޑޭ ފަދަ ލަވަތައް އޭނާ ވަނީ ކިޔާފައެވެ.

ވިދާސް ވަނީ 1985 ވަނަ އަހަރުގައި ލަވަ ރިކޯޑުކުރުން ހުއްޓާލާފައެވެ. ނަމަވެސް އޭނާގެ ލަވަތަކަކީ މިއަދާ ހަމައަށް ވެސް އާރުއެންޑްބީ އަދި ހިޕްހޮޕްގެ ބޮޑެތި އިންފްލުއެންސް ހުރި ލަވަތަކެވެ.

އޭނާގެ ބައެއް ލަވަތައް އަދިވެސް އެމެރިކާގެ މިއުޒިކް ޗާޓުތަކުގައި ހިމެނި ރިކޯޑުތައް ހާސިލުކޮށްފައިވެ އެވެ. އެގޮތުން އޭނާގެ ލަވްލީ ޑޭގައި ހައި އީ ނޯޓެއް 18 ސިކުންތު ވަންދެއް ހިފަހައްޓައި އެންމެ ގިނަ އިރަކު ނޯޓެއް ހިފަހައްޓާލެވުނު ލަވައިގެ ރެކޯޑު ވަނީ ހޯދާފަ އެވެ.

comment ކޮމެންޓް