ކޮރޯނާވައިރަސް: ނޭމާގެ އެއް މިލިއަން ޑޮލަރުުގެ އެހީ

ޕީއެސްޖީގައި ނޭމާ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ : ގޯލް

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ބްރެޒިލް ގައުމީ ޓީމުގެ ކުޅުންތެރިޔާ ނޭމާ، އެއް މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

ބްރެޒިލްގެ ޓީވީ ޗެނަލް އެއް ކަމަށްވާ އެސްބީޓީއިން ބުނެފައި ވަނީ އެގައުމުގައި ކޮވިޑް-19 ފެތުރެމުންދިޔުން ކޮންޓްރޯލުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ނޭމާ ވަނީ ބައެއް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އޭގެތެރޭގައި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް ހިމެނެ އެވެ.

ޕީއެސްޖީއަށްވެސް ކުޅޭ ނޭމާ ވަނީ ފާއިތުވި މަހުގައި ވަނީ ފްރެންޗް ޗެރިޓީއަށް ފައިސާގެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. ނަމަވެސް އޭނާ އެހީގެ ގޮތުގައި ދީފައި ވަނީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ނޭމާ އަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓުބޯޅަ ކުޅުންތެރިޔެވެ. އޭނާއަށް މަހެއްގެ މައްޗަށް ތިން މިލިއަން ޔޫރޯގެ އާމްދަނީއެއް ލިބެއެވެ.

ކޮވިޑް-19 އާ ގުޅިގެން ނޭމާ އެކި ފަރާތްތަކަށް އެހީތެރިވަމުންދާއިރު، ބޮޑެތި ލީގުތަކުގެ ފުޓުބޯޅަ ކުޅުންތެރިންގެ މުސާރަ ދަނީ ކުޑަކުރަމުންނެވެ. ކުޅުންތެރިންނާ އެއްބަސްވެެ މުސާރަ ކުޑަކުރަމުން ދަނީ ކްލަބުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ދިނުމުގެ ގޮތުންނެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ކުޅިވަރު ހުއްޓުމަކަށް އައިސްފައިވާ އިރު އޭގެ ސަބަބުން ކްލަބުތަކުގެ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އުފެދިފައިވުމުން ބައެއް ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރައިން ބައެއް އުނިކޮށް އެ މުސާރަ ދަނީ މުވައްޒަފުންނަށް ދެމުންނެވެ.

comment ކޮމެންޓް