ކޮރޯނާވައިރަސް: އެންމެ ގޯސް ހާލަތަށް ތައްޔާރުވުމަށް ހުޅުމާލޭގައި 300 އެނދުގެ ފެސިލިޓީއެއް ހަދަނީ

ހުޅުމާލޭގައި 300 އެނދުގެ ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ/ ފެނަކަ

ކޮވިޑް-19އާ ފެތުރި ގިނަ އަދަދެއްގެ މީހުންނަށް އެއްފަަހަރާ ފަރުވާދޭން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި 300 އެނދުގެ ސިއްހީ ފަރުވާދޭ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީގައި ހުރި އިމާރާތްތަކެއް ހުސްކޮށް، އެތަންތަން މަރާމާތުކޮށްގެންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ދުވާލާއި ރޭގަނޑު މަސައްކަތްކޮށްގެން ހުޅުމާލޭގައި 300 އެނދުގެ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ފެސިލިޓީގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ތަނަކީވެސް ހަމަ ހާއްސަ އެހީއަށް ބޭނުންވާ ނުވަަތަ ހާއްސަ އަޅާލުން ބޭނުންވާ މީހުން ބެލޭނެ ތަނެއް އަދި ގިނަ އަދަދެއްގެ ވެންޓިލޭޓާ ބެޑްތަކެއްވެސް މިތަނުގައި އޮޕަރޭޓު ކުރަމުންދާނެ،" މަބްރޫކު ވިދާޅުވިއެވެ.

ފަރުކޮޅުފުށީގައި އަދި ހުޅުމާލޭގައި ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދަނީ އެމްއެންޑީއެފްގެ ދަށުން ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެމްއެންޑީއެފްގެ އިތުރުން ސްޓެލްކޯ، ފެނަކަ، އަމީން ކޮންސްޓްރަކްޝަން، މަސީ އަދި ޕްލޭނިން މިނިސްޓްރީއިންވެސް އެ މަސައްކަތުގައި ބައިވެރިވެއެވެ. ފެނަކަ ފަދަ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ދަނީ އެތަނުގެ އަމަލީ މަސައްކަތުގައި ބައިވެރިވަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހުރީ ޖުމްލަ 97 ވެންޓިލޭޓަރެވެ. މިރޭ މަބްރޫކު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު 65 ވެންޓިލޭޓަރު ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

ހޮސްޕިޓަލު ބެޑުތައް ތައްޔާރު ކުރެވެންވާއިރަށް އައިސީޔޫ ބެޑްތަކުގައި ފަރުވާ ދެވޭ ވަރަށް ނަރުހުންނާއި ޑޮކްޓަރުން ތައްޔާރު ކުރަން އައިޖީއެމްއެޗްއާއި އޭޑީކޭ ހޮސްޕިޓަލު ގުޅިގެން އައިސީޔޫގައި މަސައްކަތް ކުރެވޭ ވަރަށް ކުރިން އައިސީޔޫގައި މަސައްކަތް ނުކުރާ ޑޮކްޓަރުންނާއި ނަރުހުންތަކެއް މިހާރު ތަމްރީނު ކުރަމުން އެބަދެއެވެ. އެ މަސައްކަތް ކުރަނީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކުއެވެ.

ހުޅުމާލޭގައި 300 އެނދުގެ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ފަރުކޮޅު ފުށީގައި މަރާމާތުގެ މަސައްކަތްކޮށް، އެތަނުގައި ވަނީ 52 އެނދު ބަހައްޓައިފައެވެ. އޭގެ ތެރެއިން ދެ އެނދަކީ އައިސީޔޫ ދެ އެނދެވެ.

comment ކޮމެންޓް