ކޮވިޑް19: ޖަލު ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ކޮވިޑް19 އާ ގުޅޭގޮތުން މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ/ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކޮވިޑް-19 އިން ރައްކާތެރިވުމާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މާފުށީ ޖަލުގައެވެ. ކަރެކްޝަންސް އިން ބުނީ އެ ޕްރޮގްރާމުގައި ޖަލުގެ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ހިމެނޭ ގޮތުން 40 މީހަކު ބައިވެރިވި ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އެ ތަމްރީން ޕްރޮގްރާމްގެ މަގްސަދަކީ އެ ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދުމީހުންނާއި އޮފިސަރުންނާއި މުވައްޒަފުންނަށް ކޮވިޑް-19 އާ ބެހޭ މައުލޫމާތު ހިއްސާކޮށް، އެކި ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރުން ކަމަށެވެ.

އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއްގެ ގައިން ބަލީގެ އަލާމަތްތައް ފެނިއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއް އެ ވައިރަހަށް ޕޮޒިޓިވް ވެއްޖެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ކިޔައިދީފައެވެ.

އަދި ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) އަޅަންޖެހޭ ގޮތާއި ސާމްޕަލް ކަލެކްޓްކުރާނެ ގޮތްވެސް ވަނީ ބައިވެރިންނަށް ކިޔައިދީފައެވެ.

comment ކޮމެންޓް