ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ފުލުހުންގެ ތަހުގީގު ޓީމު އަނެއްކާ ވެސް ކުރެއްދުއަށް

ކުރެއްދޫ އައިލެންޑް ރިސޯޓު

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނު ނަމަވެސް ކަމާބެހޭ އިދާރާތަކަށް ނާންގާ އޭނާ އަނބުރާ ގައުމަށް ފުރުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އެ ރިސޯޓުގަައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު ފުލުހުންގެ ޓީމެއް އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ފުލުހުން ރިސޯޓަށް ގޮސްފައި ވަނީ ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ލިބިގެން ކަމަށެވެ.

އަދި ފުލުހުން ރިސޯޓަށް ދިޔައީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް-19 އާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ކަނޑައަޅާފައިވާ ސީޕްލޭންގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ފުލުހުން އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ ކަންކަމަށް ބަލައިގެން ކަމަށެވެ.

ފަތުރުވެރިޔާ އެނބުރި ގައުމަށް ދިޔަ ފަހުން އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެންގުމާއެކު، އަދި އެ ރިސޯޓުން އިތުރު ބައެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން އެ ރިސޯޓުގެ އެލާޓް ލެވެލް އޮރެންޖަށް މަތިކޮށް، ރިސޯޓަށް އަރާފޭބުން ވަގުތީގޮތުން މަނާކުރިއެވެ.

ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިންމައި އެ ރިސޯޓު މިހާރު އޮތީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.

މީގެކުރިން ވެސް މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ދިޔައެވެ. އެހެން ނަމަވެސް އޭރު އެ ރިސޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށްވުމާއެކު އަދި އެ ރިސޯޓުގެ ގިނަ އަދަދެއްގެ ބަޔަކު އެކަހެރިކޮށްފައި ތިބުމުން، ތަހުގީގު ޓީމު އެނބުރި އައީއެވެ. އަދި ތަހުގީގު ޓީމުވެސް ވަނީ ވަނީ 14 ދުވަހަށް ކަރަންޓީނު ކޮށްފައެވެ.

ފުލުހުން މީގެކުރިންް ބުނެފައި ވަނީ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރަން ޖެހޭ ގިނަަ ބަޔަކު އެކަހެރިކޮށްފައި ތިބުމުގެ ސަބަބުން ތަހުގީގަށް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.

މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން އެ ރިސޯޓުގައި މަސައްކަތްކުރާ ޑޮކްޓަރުގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.

ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު އިސިން ސެކެން ކޮކަބަސްގެ ޕާސްޕޯޓު ހިފަހެއްޓުމަށް އަމުރު ނެރުނީ، ފަތުރުވެރިޔާ ފުރައިގެން ދިޔަ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީވެ، ތަހުގީގު ނުނިމެނީސް އޭނާ ފުރައިގެން ގޮސްފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، ފަތުރުވެރިޔާގެ ކިބައިން ކޮރޯނާވައިރަސްގެ އަލާމާތްތަކެއް ހުރިކަން އެނގިހުރެ، އެކަން އަންގަން ޖެހޭ ފަރާތްތަކަށް ނޭންގުމާއި އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވި މައްސަލަ ކަމަށް ކޯޓު އަމުރުގައި ބުނުފައިވެއެވެ.

އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހާ ހަމައަށެވެ.

އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓުވި ފަސް މީހަކު ކުރެއްދޫ ރިސޯޓުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި އެ ޑޮކްޓަރު ވެސް ހިމެނެއެވެ. ނަމަވެސް މިހާރު އެ ހުރިހާ އެންމެން ވެސް ވަނީ ބަލިން ފަސޭހަވެފައެވެ.

comment ކޮމެންޓް