ގޭގައި ހުރެގެން މަހާގެ ރެސިޕީތަކުގެ އަޖުމަބަލައިލާ!

ޝެފް މަހާ ނަސީރު ---

ނިކަން ފޯރީގައި މީރުމީރު އެކި ވައްތަރުތަކުގެ ކާއެއްޗެހި އަވަދިނެތި ގޭގައި ތައްޔާރުކުރަމުންދާއިރު، ހިތާމައަކީ އެއިން ގިނަ ރަހަތަކަކީ ދިވެހިންނާއި، ދިވެހި މި ވެއްޓާއި ދުރު ބާވަތްތަކެއް ބޭނުންކުރަންޖެހޭ އެއްޗެހިކަމެވެ. މާދަމާވެސް އެއިން ބާވަތެއް ލިބިދާނެތޯ ހިތުގައި ޝައްކުހީވެފައި މި ދަނޑިވަޅުގައި، ޝެފް ގިލްޑްސް މޯލްޑްވިސްގެ ސެކެޓްރީ ޖެނެރަލް، މަހާ ނަސީރު މި ކިޔައިދެނީ ދިވެހި ރާއްޖޭގައި އުފެއްދޭ ބައެއް ބާވަތްތަކުން ތައްޔާރުކުރެވިދާނެ ތަފާތު މީރު ރެސިޕީތަކެކެވެ.

ރެސިޕީތަކަށް ދިއުމުގެ ކުރިން މަހާ ނަސީރުގެ ދެތިން ވާހަކައެއް ލިޔެލާނަމެވެ. މަހާއަކީ ދިވެހިރާއްޖޭގައި މިފަހުން އުފެދުނު އެންމެ ވަރުގަދަ އެއް ޕޭސްޓްރީ ޝެފެވެ. ކުޑައިރުއްސުރެ ބައްޕަގެ ފަރާތުން ލިބުނު މެގަޒިންތަކުން ފެންނަ ރެސިޕީތަކަށް ޝައުގުވެރިކަމެއް އުފެދި، ކަލިނަރީ ދާއިރާގައި ފީނަމުން ދާތާ މިހާރު 20 އަހަރު ވެއްޖެއެވެ.

ދުނިޔޭގެ ފެންވަރުގެ އެކިއެކި ކަލިނަރީ މުބާރާތްތަކުގައި މަހާ ވަނީ ބައިވެރިވެފައެވެ. މިގޮތުން ހޮޓެލް އޭޝިއާގެ 2006 އަދި 2009 ގައި ބައިވެރިވެ ނޮވެލްޓީ ކޭކްސްގެ ސިލްވާއިން އޭނާވަނީ 3 ވަނަ ހާސިލްކޮށްފައެވެ.

މަހާއަކީ މިއަދު ޕޭސްޓްރީ ޝެފެއްގެ އިތުރުން ފްރީލާންސް އެފްއެންޑްބީ ކޮންސަލްޓަންޓެކެވެ. އަދި ޕޭސްޓްރީގެ ދާއިރާއިން ވޯލްޑް ޝެފްސް އެޕްރޫވްޑް ރޫކީ ޖަޖެއްވެސް މެއެވެ. މަހާގެ ސިގްނޭޗާއަކީ ޓިރަމިސޫ ކޭކު ނަމަވެސް މިއަދު އޭނާ އަހަރެމެންނަށް މި ކިޔާދެނީ ނިކަން މީރު ދިވެހި ޑިޝްތަކެކެވެ.

1. ރިހާކުރު ދިޔަ

މި ފަށަަނީ ނިކަން ފަސޭހަ އެންމެންވެސް ދަންނަ ރެސިޕީއަކުންނެވެ. ކިތަންމެ ގިނައިން ކެވުނެއް ކަމަކު އެންމެންނަށް އަދި ރިހާކުރު ދިޔަ ހަދަން ނޭނގިދާނެއެވެ.

ބޭނުންވާ ތަކެތި

 • 6 މޭޒުމަތީ ސަމްސާ ރިހާކުރު
 • 1 ޖޯޑު ކާށިކިރު
 • 10 ހިކަނދިފަތް
 • 1 ފިޔާ
 • ގިތެޔޮމިރުސްް
 • ލުނބޯ
 • ހިކިމިރުސް އުނދުންމަތީ ފިހެލާފައި
 • ލޮނު

އެންމެ ފުރަތަމަ ފިޔާ، ހިކަނދިފަތް އަދި ހިކި މިރުސް ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ލުނބޯފިތާލުމަށްފަހު ފިޔާތަކުން ދިޔަ ނުކުންނަވަރަށް މޮޑެލާށެވެ. އެއަށްފަހު ގިތެޔޮ މިރުހާއި، ހިކިމިރުސް، ރިހާކުރު އަދި ކާށިކިރު އަޅާލާށެވެ. ސަމްސަލެއް ބޭނުންކޮށްގެން ރަނގަޅަށް ގިރާލާށެވެ. ތަށީގެ ފުލުގައި ރިހާކުރު ނުހުންނަވަރަށް ރަނގަޅަށް މިކްސްކުރަން ސަމާލުކަންދޭންވާނެ އެވެ. މޮޑެ ނިމުމަށްފަހު ރަހަ ބަލާލަންވާނެ އެވެ. އިތުރަށް ލޮނު ބޭނުންނަމަ އަޅާލާށެވެ.

2. ސްޓަފްޑް ޗިޗަންޑާ (ސްނޭކްގޯޑް)

ޗިޗަންޑާއަކީ ވަރަށް ގިނައިން ރާއްޖޭގައި ހައްދާ އެހެންނަމަވެސް މާގިނަ ގޮތްގޮތަކަށް ތައްޔާރުކޮށްއުޅޭ ބާވަތެއް ނޫނެވެ. ފަހަރެއްގައި ހިކި މަސްކޮޅަކާއި އެކީގައި ކުޑަވަރެއްގެ ސްޓަރ ފްރައިއެއްގެ ގޮތުގައި ކެވިފައި ހުރެދާނެއެވެ. އެހެންނަމަވެސް ތަފާތު، މީރުގޮތަކަށް ޗިޗަންޑާ ތައްޔާރުކޮށްލަން މިއޮތީ ސަޅި ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

 • 2 ޗިޗަންޑާ (3 އިންޗަށް ވަށްކޮށް ކޮށާފައި)
 • 1 ފިޔާ
 • 4 ލޮނުމެދު
 • 1 އިންޗި އިނގުރު
 • އަސޭމިރުސް
 • ހިކަނދިފަތް
 • މުގުރި ހިކިމިރުސް
 • 1/2 ލުނބޯ ހުތް
 • 200 ގްރާމް ކަނޑުމަސް
 • ލޮނު
 • 3 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް

ޗިޗަންޑާ ނޫން އެހެން ހުރިހާ ބާވަތްތަކެއް ބްލެންޑްކޮށްލާށެވެ. ދެން ޗިޗަންޑާކޮޅުގެ އެތެރެއަށް، ބްލެންޑްކުރި މިކްސް އަޅާށެވެ. އެއަށްފަހު ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރުމަށްފަހު ޗިޗަންޑާތައް އެއަށް ލައި، މަތިޖަހާފައި މަޑުގިނީގައި ފިހެލާށެވެ. ކޮންމެ 5-7 މިނިޓަކުން މަތި ނަގައި، ހުރިހާ ފަރާތެއްވެސް ރަނގަޅަށް ފިހެވޭތޯ ޗެކް ކޮށްލާށެވެ. އެންމެ މީރުވާނީ ހޫނުކޮށް ހުއްޓާ ކެއުމުންނެވެ. ރިހައާއި ބަތާއެއްކޮށްވެސް ކެވިދާނެއެވެ.

3. ބަނބުކެޔޮ ބެންޔޭސް (Breadfruit Beignets)

ބަނބުކޭލަކީ ދިވެހީންގެ އެންމެ ފޭވަރިޓް އެކައްޗެވެ. ތެލުލައިގެން ވިޔަސް، ހަކުރުލައި ބޯކޮށްގެން ވިޔަސް ފަރުވާލެއް ނެތެވެ. ބަނބުކެޔޮ ބަތް ނުވަތަ ބަނބުކެޔޮ ބޮނޑިބަތަސް ހެވެވެ. އެންމެންވެސް ބަނބުކޭލަށް އެހާ ގަޔާވެއެވެ. މިފަހަރު މި އޮތީ ބަނބުކޭލުން ހެދިދާނެ ވަރަށް ތަފާތު ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި

 • 400 ގްރާމް ބަނބުކެޔޮ
 • 1 ގިތެޔޮ މިރުސް
 • 150 ގްރާމް ބެލް ޕެޕާ
 • 150 ގްރާމް ބޭސިލް
 • 150 ގްރާމް ސެލެރީ ލީވްސް (އޮޕްޝަނަލް)
 • 2 ޓޮމާޓޯ
 • 1 ފިޔާ
 • 20 ގްރާމް ބަޓަރު
 • ލޮނު
 • 1/2 ލުނބޯ ހުތް
 • 75 ގްރާމް ބްރެޑްކްރަމްބްސް
 • 2 ބިސް
 • 750 އެމްއެލް ސަންފްލާވަރ ތެޔޮ (ތެލުލުމަށް)

ބަނބުކެޔޮ ނޫން އެހެން ހުރިހާ އެއްޗެއް އޮށްތައް ނަގާފައި ކޮށާލާށެވެ. ބަނބުކޭލުގެ ތޮށި މެށުމަށްފަހު ބޮޑެތިކޮށް ކޮށާލާށެވެ. ލޮނުކޮޅެއް އެޅުމަށްފަހު ބަނބުކެޔޮތައް ފެނުކައްކާލާށެވެ. އެއަށްފަހު ބަނބުކެޔޮތައް ނަގައި، ހޫނުކޮށް ހުއްޓާ މޭޝް ކޮށްލާށެވެ. ދެން އެހެން ހުރިހާ އިންގްރިޑިއަންޓެއް އަޅައި، ލޮނާއި ލުނބޯހުތްވެސް ޖަހައި ރަހަ ހެޔޮވަރުކޮށްލާށެވެ. ރަހަތަކުން ފުރިފައިވާ "ބަނބުކެޔޮ މޭޝް"ގަނޑުން އާދައިގެ ސައިޒަކަށް ގުޅަ ހަދާށެވެ. ދެން ކޮންމެ ގުޅައެއްވެސް ބިހުގެ ކޯޓިންގްއަކަށް ލާށެވެ. ދެން ބްރެޑްކްރަމްބްސްގެ ކޯޓިންގްއެއް ލާށެވެ. އެއަށްފަހު ވަރަށް ފަރުވާތެރިކަމާއެކު، ހޫނު ތެޔޮގަނޑުގެ ތެރެއަށް މީގެ ހަ ވަރަކަށް ގުޅަ ލައި، ދެ ތިން މިނިޓަށް ތެލުލާށެވެ. ނުވަތަ ރަނގަޅަށް ކުލަ ބަދަލުވެ، މުރަނަ ވަންދެން ތެލުލާށެވެ.

comment ކޮމެންޓް