ކޮރޯނާވައިރަސް: ޑިމޮކްރެޓިކް ނެޝަނަލް ކޮންވެންޝަން ފަސްކޮށްފި

ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ކުރީގައި އުޅުއްވަނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ވާމަންޓުގެ ސެނެޓަރު ބާނީ ސޭންޑާސް -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޭޕްރިލް 3): އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރަސްމީކޮށް ހޮވުމަށް އަންނަ ޖުލައި މަހު ބާއްވަން އޮތް ކޮންވެންޝަން ފަސްކޮށްފި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ނެޝަނަލް ކޮމިޓީ (ޑީއެންސީ)އިން ބުނި ގޮތުގައި އެ ކޮންވެންޝަން ފަސް ކުރަން ނިންމާފައި ވަނީ، ކޮރޯނާވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ. އަދި މިހާރު ކޮންވެންޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓު މަހުގެ 17އިން ފެށިގެންނެވެ.

އެމެރިކާގައި އަންނަ ނޮވެމްބަރު ތިނެއްގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ވަމުން ދިޔަ ތައްޔާރީތައް ވަނީ މި ބަލިމަޑުކަމުގެ ސަބަބުން ހުއްޓުމަކަށް އައިސްފަ އެވެ. އަދި ގިނަ ސްޓޭޓުތަކުގެ ޕްރައިމަރީތައްވެސް ވަނީ ފަސް ކުރަން ޖެހިފަ އެވެ.

އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ހަމަޖެހިފައި ވަނީ އޮގަސްޓު 24އިން ފެށިގެންނެވެ. އެ ޕާޓީގެ ޕްރައިމަރީން އެންމެ ކުރީގައި އުޅުއްވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީން އެންމެ ކުރި ހޯއްދަވަނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވަނީ ވާމަންޓުގެ ސެނެޓަރު ބާނީ ސޭންޑާސް އެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވަނީ އެމެރިކާގަ އެވެ. އެގޮތުން އެގައުމުގެ 245،500އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 6،058 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް