ބޯޓު ފަރަށް އަރައި ތިން މިލިއަން ރުފިޔާގެ ގެއްލުން

ބުދަ ދުވަހު ފަރަށް އެރި އަލްމާ ބޯޓު --- ފޮޓޯ : ވިޝާން / ޓްވިޓާ

އަށް މީހުންނާއެކު މާލެއިން ފުރައިގެން ދިޔަ "އަލްމާ" ނަމަކަށް ކިޔާ ބޯޓު ވަނީ މިދިޔަ ބުދަ ދުވަހު ފަރަށް އަރާފައެވެ. ބޯޓު ފަރަށް އަރައި އޭގައި ހުރި މުދާތަކެއް ހަލާކުވެ، ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީއަށް ދަތުރުކުރަމުން ދިޔަ ބޯޓު ވަނީ ގދ. ގައްދޫ ކައިރީގައި އޮންނަ މާވާރުލު ފަރަށް އަރާފައެވެ.

"ސަން"އަށް މިއަދު މައުލޫމާތު ދެމުން އަލްމާ ބޯޓުގެ އިސްވެރިޔެއް ކަމަށްވާ މޫސާދީދީ ބުނީ ބޯޓު ފަރަށް އެރިއިރު އޭގެ އަޑީގައިހުރި ހުރިހާ މުދާތައް ހެން ވަނީ ލޮނު އެޅި ހަލާކުވެފައި ކަމަށެވެ.

ބޯޓު ފަރަށް އެރުމާއެކު ގައްދޫ ރައްޔިތުންނާއި ފުލުހުން ވެގެން ވަނީ އެ ބޯޓުގައި ހުރި މުދާތައް ގައްދޫއަށް އަރުވައި ބޯޓު ފުން ކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. އެއާއެކު އެ ބޯޓު ފުން ކޮށްގެން މިހާރު ވަނީ ގައްދޫ ބަނދަރުގެ ތެރެއަށް ގެންގޮސްފައި ކަމަށް މޫސާ ބުންޏެވެ.

އޭނާ ބުނީ ބޯޓުން ނެގި މުދަލުތަކުގެ ތެރޭގައި ހުރި ސާމާނުތަކުގެ ތެރެއިން ގިނަ ތަކެތި ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށެވެ. އޭގެތެރޭގައި އާންމުކޮށް ފިހާރަތަކަށް ބޭނުންވާ ސާމާނުގެ އިތުރުން 46 ބޭސް ފޮށިގަނޑެއްހުރި ކަމަށް އޭނާ ފާހަގަކުރިއެވެ. އެ ހުރިހާ ބޭސްފޮށިގަނޑެއް ތެމި އެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ ބޯޓު ރަނގަޅަށް ސާފުކޮށް އެ ދިޔަ ނުވާނެ ގޮތް ހެދުމަށް ކަމަށެވެ. އެއަށްފަހު ބޯޓު އައްޑޫއަށް ދިއުމަށް މަސައްކަތް ކުރާނެކަމަށް އޭނާ ފާހަގަކުރިއެވެ.

އެހެންނަމަވެސް ބޯޓުގެ ބެޓެރިއަށް ފެން އެޅި އެވެސް ވަނީ ހަލާކުވެފައި ކަމަށް މޫސާދީދީ ބުންޏެވެ. އޭނާ ބުނީ މިހާރު ބެޓެރި އެއް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް