ލުބުނާނުގައި ހުންނަ ފިލިޕީންސް ސަފީރު ކޮރޯނާ ޖެހިގެން އަވަހާރަވެއްޖެ

ލުބްނާނުގައި ހުންނަވާ ފިލިޕީންސްގެ ސަފީރު ބާނާޑިޓާ ކެޓައްލާ. އެކަމަނާވަނީ ކޮރޯނާ ވައިރަސް ޖެހިގެން އިއްޔެ އަވަހާރަވެފަ

ބެއިރޫތު (3 އެޕްރީލް 2020): ލުބްނާނުގައި ހުންނަވާ ފިލިޕީންސްގެ ސަފީރު ބާނާޑިޓާ ކެޓައްލާ، ކޮރޯނާވައިރަސް ޖެހިގެން އަވަހާރަވެއްޖެއެވެ.

މިކަން ކަށަވަރުކޮށްދެމުން ފިލިޕީންސް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަފީރު ކެޓައްލާ އަވަހާރަވީ ކޮރޯނާ ޖެހިގެން ބެއިރޫތުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ގެންދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ލުބްނާނުގެ ޚާރިޖީ ވުޒާރާއިންވެސްވަނީ މިކަން ކަށަވަރުކޮށް ދީފައެވެ.

ޑިޕްލޮމެޓިކް ދާއިރާގައި 27 އަހަރު ހޭދަކުރައްވާފައިވާ ކެތާއްލާ އެހެން ބައެއް ގައުމުތަކުގައިވާ ފިލިޕީންސްގެ އެމްބަސީތަކުގައިވެސް އެކި ލެވެލްގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން ފިލިޕީންސް ޚާރިޖީ ވުޒާރާގައިވެސް އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.

ކޮރޯނާވައިރަސް ލުބްނާނުގައި ދަނީ ފެތުރެމުންނެވެ. ލުބްނާނުގައި ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 508 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކާއިރު އެރޯގާގައި މަރުވި މީހުންގެ އަދަދު 17 އަށް އަރައެވެ. ނަމަވެސް ލުބްނާނުގައި ކޮރޯނާއަށް ޓެސްޓް ކުރަނީ އެ ރޯގާގެ އަލާމާތްތައް ވަރަށް ބޮޑަށް ފެނިގެން ހޮސްޕިޓަލްތަކަށް ގެންދާ މީހުން އެކަނި ކަމަށްވާތީ އަލާމާތްތައް ނުފެނި އެ ބަލި ޖެހިފައިވާ އެތައް ސަތޭކަ ބަޔަކު ލުބްނާނުގައި ތިބޭނެކަމުގެ ބިރުވަނީ ހިވެފައެވެ.

ކޮވިޑް-19 އަށް ބަލާއިރު ލުބްނާނުގެ ހާލަތަށްވުރެ ފިލިޕީންސްގެ ހާލަތު މާ ގޯހެވެ. ފިލިޕީންސްގައި 3،018 މީހުން ބައްޔަށް ޕޮޒިޓިވްވެ 136 މީހުން އެރޯގާގައި މަރުވެފައިވެއެވެ. ފިލިޕީންސްގައި ވަނީ އެ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ކާފިއުވެސް އިއުލާނުކޮށްފައެވެ. ކާފިއުއާ ޚިލާފަށް މަގުތަކަށް ނުކުމެ އުޅޭ މީހުންނަށް އެއްފަހަރު އިންޒާރު ދިނުމަށްފަހު އިންޒާރަށް ބޯ ނުލަބައިފިނަމަ އެމީހުންގެ ގަޔަށް ބަޑިޖެހުމުގެ ހުއްދަވެސް ފިލިޕީންސް ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 ޖެހިގެން ލުބްނާނުގައި އަވަހާރަވި ފިލިޕީންސްގެ ސަފީރުގެ ހަށިކޮޅު އަނބުރައި ފިލިޕީންސަށް ގެންދިޔުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ލުބްނާނުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އެގައުމުގެ ނޫސްތައް ބުނެއެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު