ބުޅަލާއި ކުއްތާ ކެއުން މަނާކުރި، ޗައިނާގެ ފުރަތަމަ ސިޓީއަކަށް ޝެންޖެން

ޗައިނާގެ ޝެންޖެން ވަނީ ބުޅަލާއި ކުއްތާ ކެއުން މަނާ ކުރި އެގައުމުގެ ފުރަތަމަ ސިޓީއަށްވެފަ -- ފޮޓޯ: އޭއެފްޕީ

ބެއިޖިން (އޭޕްރިލް 3): ޗައިނާގެ ޝެންޖެންގައި ބުޅަލާއި ކުއްތާ މަސް ކެއުން މަނާކޮށްފިއެވެ. މިއީ ޗައިނާގައި މިތަކެތި ކެއުން މަނާކުރި ފުރަތަމަ ސިޓީއެވެ.

ޝެންޖެންގެ ސަރުކާރުން އެ ދެ ޖަނަވާރު ކެއުން މަނާކުރީ، ދުނިޔޭގައި މިހާރު ފެތުރެމުންދާ އާ ބާވަތުގެ ކޮރޯނާވައިރަސް ފުރަތަމަ ފެނުނީ ޗައިނާގެ ވަލު ޖަނަވާރު ވިއްކާ މާރުކޭޓަކުންކަމަށް ބެލެވިފައި ވަނިކޮށެވެ.

އޭގެ ސަބަބުން ޗައިނާއިން ވަނީ އެގައުމުގައި ވަލު ޖަނަވާރުގެ ވިޔަފާރިއާއި ކެއުން މިިދިޔަ ޖެނުއަރީ މަހު މަނާކޮށްފައެވެ. އަދި ޝެންޖެންއިން މިހާރު ވަނީ އަންނަ މެއި މަހުން ފެށިގެން އެ ގަވާއިދުގެ ތެރޭގައި ކުއްތާއާއި ބުޅާވެސް ހިމެނޭނެކަމަށް ނިންމާފައެވެ. އަދި އެ ގަވާއިދާ ހިލާފުވާ މީހުން ޖޫރިމަނާ ކުރާނެކަމުގެ އިންޒާރު ދީފައެވެ.

ޖަނަވާރުގެ ހިމާޔަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ހިއުމޭން ސޮސައިޓީ އިންޓަނޭޝަނަލް (އެޗްއެސްއައި)އިން ބުނި ގޮތުގައި ކޮންމެ އަހަރަކު އޭޝިއާގައި ކުއްތާގެ މަސް ކެއުމަށް ތިރީސް މިލިއަން ކުއްތާ މަރައެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާއިން ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމަށް ފެތުރި، އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި އެ ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 53،000 އަށް އަރާފައެވެ.

comment ކޮމެންޓް