ވޯލްޑްބޭންކުން ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް އިތުރު 7.3 މިލިއަން ޑޮލަރުގެ އަގުހުރި އެހީ ދިނުމަށް ވޯލްޑްބޭންކުން ނިންމައިފިި އެވެ.

މީގެ ކުރިން އެ ބޭންކުން ވަނީ ކޮރޯނާވައިރަސްއާ ގުޅިގެން 10 މިލިއަން ޑޮލަރުގެ އެހީ އެއް ހަމަޖައްސާފައެވެ. މިއާއެކު މި ކާރިސާއާ ގުޅިގެން ވޯލްޑްބޭންކުން ދޭ އެހީގެ ޖުމްލަ އަދަދަކީ، 17.3 މިލިއަން ޑޮލަރެވެ.

ވޯލްޑްބޭންކުން އިތުރު އެހީތަޖެއް ދޭން ނިންމީ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށާއި ބަލި ދެނެގަނެ، ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ހިރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 7.3 މިލިއަން ޑޮލަރުގެ އަގުހުރި 'މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް' ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮގެންނެވެ.

ވޯލްޑްބޭންކުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ މި ޕެކޭޖުގެ ދަށުން، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށާއި ވައިރަސް ޖެހޭ މީހުންނަށް އެކަށީގެންވާ ރަނގަޅު ފަރުވާ ދިނުމަށް އެހީތެރިވެދޭނެ ކަމަށެވެ. އެގޮތުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭ އާލާތްތަކާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރެވޭ ތަކެތި ހޯދުމަށާއި، ބާރުބޮޑުވާ ހާލަތްތަކުގައި ވެސް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދެވޭކަން ކަށަވަރުކުރުމުގައި ހޮސްޕިޓަލްތަކަށް އެހީތެރިވެވޭނެ ކަމަށް ވޯލްޑްބޭންކުން ބުނެއެވެ.

މީގެ އިތުރުން، ތޮށްޖެހިފައިވުމުގެ ސަބަބުން ބަލި ފެތުރިގެންދިއުމުގެ ފުރުސަތު އެންމެ ބޮޑު ސަރަހައްދު ކަމަށްވާ މާލެ އަށް ހާއްސަ ސަމާލުކަމެއް ދީގެން، އާންމު ހޭލުންތެރިކަން އިތުރުކުމާއި، މުޖުތަމަޢުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އަދި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތަކަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ވޯލްޑްބޭންކުން ބުނެއެވެ.

"ކުއްލި ހާލަތުގައި ވާލްޑް ބޭންކުން ފޯރުކޮށްދޭ މި އެހީގެ ސަބަބުން، ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ޞިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، އަދި އެންމެހާ ދިވެހިން ސަލާމަތްކޮށް ފަރުވާދިނުމަށް ބޭނުންވާ ސިއްހީ ފަރުވާގެ ތަކެތި ހޯދުމަށް ދިވެހި ސަރުކާރަށް އެހީތެރިވެދެވޭނެ،" ވާލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ.

"ހަމަ އެއާ އެކު، އިތުރަށް ފޯރުކޮށްދެވޭ 10 މިލިއަން ޑޮލަރަކީ، ޞިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަތުމަށް ވެވޭ އެހީއަކަށް ވެގެންދާނެ."

ކުރިން ވޯލްޑްބޭންކުން ހަމަޖެއްސި 10 މިލިއަން ޑޮލަރަކީ، ކުރިމަތިވާ ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ރާއްޖެއާ އެކު މިދިޔަ އަހަރު ސޮއިކޮށްފައިވާ، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ)ގެ ދަށުން ދީފައިވާ އެހީއެކެެވެ.

ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގަ އާއި، މި ކާރިސާ އިން އަރައިގަތުމަށް ހޭދަވާ މުއްދަތު ކުޑަ ކުރުމުގައި ތަރައްގީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށްޓަކައި، ވޯލްޑްބޭންކް ގްރޫޕުން ވަނީ 14 ބިލިއަން ޑޮލަރުގެ އަގުހުރި އަވަސް އެހީގެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ.

ޤައުމުތަކުން މި އަށް ވުރެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ބޭނުންވާތީ، 15 މަސްދުވަހަށް ބެހިގެންދާ ގޮތަށް ވާލްޑް ބޭންކް ގްރޫޕުން 160 ބިލިއަން ޑޮލަރާ ހަމައަށް އެހީތެރިވެދޭނެ އެވެ. މި އެހީގެ ބޭނުމަކީ، ފަގީރުންނާއި އަޅާލުން ބޭނުންވާ ފަރާތްތައް ރައްކާތެރިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދީ، އަދި އިގްތިސާދު ކޮޅަށް ޖެހުމެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށާއި ރާއްޖޭގެ އިގްތިސާދަށްވެސް އަންނަނީ ލޮޅުން އަރަމުންނެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދުގައި މައި ސިނާއަތު، ފަތުރުވެރިކަން ވަނީ އެއްކޮށްހެން ހުއްޓިފައެވެ.

comment ކޮމެންޓް