ގޭގައި ތިބެގެން މުވައްޒަފުންނަށް ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނެގޮތް އުރީދޫން ފަހިކޮށްދީފި

މާޗް 3، 2020: އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ކުރުނބާ މޯލްޑިވްސްގައި ބޭއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނޭގޮތް ހަދައި، އޮފީސް މަސައްކަތްކުރުން ފަހިކޮށްދިނުމުގެ އިންތިޒާމްތައް ކުރިޔަށް ގެންދަން ފަށައިފިއެވެ.

މިގޮތުން، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ސަރުކާރު މުވައްޒަފުންނަށް ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، އޮންލައިންކޮށް ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި އިންތިޒާމާ ގުޅޭ އިތުރު މައުލޫމާތު ސަރުކާރު މުވައްޒަފުންނަށް ކަމާ ގުޅުންހުރި މިނިސްޓްރީތައް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް ވަނީ ގައުމަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިންޓަނެޓް ގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އިސްނަގައިގެން މުޖުތަމައު އަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

"ހަމައެހާއެކު އުރީދޫ ނެޓްވޯކް މެދުވެރިކޮށް ރައްކާތެރިކަމާއެކު ސަރުކާރުގެ ޕޯޓަލްތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އަވަސް ޚިދުމަތެއް ފޯރުކޮށްދީފައިވާތީ، އުރީދޫ މޯލްޑިވްސްއަށް ޚާއްސަ ޝުކުރެއް އަދާ ކުރަން،"

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ހާން ވިދާޅުވީ މުޅި ދުނިޔެއަށް އައިސްފައިވާ މި ބޮޑު ބަދަލާ ގުޅިގެން، ދިވެހި މުޖުތަމައުއަށް ދިމާވާ ދަތިތައް ޑިޖިޓަލް ޒަރިއްޔާތައް ބޭނުންކޮށްގެން ލުއި ފަސޭހަކޮށްދީ، ސަރުކާރާއި އަދި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް މިފަދަ ކަންކަމުގައި އެކުންފުނިން އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"މި ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. އެގޮތުން ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް ވަނީ މުޅިންހެން އިންޓަނެޓް މެދުވެރިކޮށް ކުރަންޖެހިފަ. މުޅި ދުނިޔެއަށް އައިސްފައިވާ މި ބޮޑު ބަދަލާ ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމައުއަށް ދިމާވާ ދަތިތައް ޑިޖިޓަލް ޒަރިއްޔާތައް ބޭނުންކޮށްގެން ލުއި ފަސޭހަކޮށްދީ، ސަރުކާރާއި އަދި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް މިފަދަ ކަންކަމުގައި އުރީދޫއިން އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން. އެގޮތުގެ މަތިން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނަޖީބު ހާން ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި، އެޗްޕީއޭ އަދި ކަމާ ގުޅޭ މުއައްސަސާތަކާ ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އުރީދޫ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާނެ ކަމަށް އެ ކުފުނިން ބުންޏެވެ.

comment ކޮމެންޓް