ސީޕީ ހަމީދުގެ ހާއްސަ ޝުކުރެއް ރައްޔިތުންނަށް

މިއަދު ފުލުހުން ހިންގި އޮޕަރޭޝަނުގައި ސީޕީ މަގުމަތީގައި ހަރަކާތްތެރިވަނީ --- ފޮޓޯ/ ފުލުހުން

ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ސަލާމަތީ ބާރުތަކުން ހިންގާ ކަންކަން ކާމިޔާބު ވެގެން ދަނީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކުކަން ފާހަގަކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފި އެވެ.

މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހަވީރު ފަހަކުން ރޭގަނޑު އަށަކަށް މާލޭ ސިޓީގައި ކާފިއު ހިންގުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނެރުއްވި އަމުރާ ގުޅިގެން މާލޭ ސިޓީގެ މަގުތައް މިއަދު ވަނީ ހުސްވެފަ އެވެ. ރައްޔިތުން ތިބީ އެތެރޭގަ އެވެ.

އެކަމާ ގުޅިގެން ސީޕީ ހަމީދު 'ސަން' އަށް ދެއްވި ލައިވް އިންޓަވިއު އެއްގައި ވިދާޅުވީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން ކަމަށެވެ.

"މާލެ، ހުޅުމާލެ އަދި ވިލިމާލެ، ގްރޭޓާ މާލެ އޭރިއާގައި ދިރިއުޅުއްވާ ހުރިހާ ފަރާތްތަކަށް ބިދޭސީންވެސް ހިމަނައިގެން. ހުރިހާ ފަރާތަތަކުންވެސް ވަރަށް ބޮޑަށް މިކަމަށް ބޯލަނބައިގެން ދިޔަތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ." ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވި އެވެ.

މިއަދު މިއީ ކާފިއުގެ ފުރަތަމަ ދުވަސް ކަމަށްވުމާއެކު ބައެއް ފަރާތްތަކަށް ކޮންމެވެސް ވަރަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ގަބޫލުފުޅު ކުރައްވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅެން ޖެހުނު ފަރާތްތަކަށް ފުލުހުންގެ ފަރާތުން ދޭން ޖެހޭ ހުއްދަ ދިނުމުގައި ދަތިތަކެއް އުޅުނު ކަމަށާއި، އެހެންވެ އެކަމަށް މާފަށް އެދޭ ކަމަށް ސީޕީ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ފަރާތުން ދޭން ޖެހޭ ހުއްދަތައް ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް ކުރަމުން ދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

"މިހާތަނަށް އެޅުނު ފިޔަވަޅުތައް އެޅުމުގައިވެސް ރައްޔިތުންގެ ވަރަށް ބޮޑު ބޯލެނބުމާއި އެއްބާރުލުމާއެކު މިކަންކަން ކާމިޔާބު ވެގެން މިދިޔައީ. އަދިވެސް އެއްފަހަރު ތަކުރާރުކޮށް އިލްތިމާސްކޮށްލަން ބޭނުންވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންގެވުންތަކަށް ބޯލެނބުމަށް." ސީޕީ ހަމީދު ވިދާޅުވި އެވެ.

ކާފިއު ހިންގި ގަޑީގައި ފުލުހުން މަގުމަތީގައި އޮޕަރޭޝަން ހިންގި ކޮމިޝަނަރު އޮފް ޕޮލިސް ހިމެނޭ ގޮތަށް ފުލުހުންގެ އިސްވެރިން ވަނީ ފްރޮންޓް ލައިނުގައި މަގުމަތީގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ. ސީޕީ ހަމީދު ވިދާޅުވީ ބޭނުންވީ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމުގައި ހުރިހާ ފުލުހުންވެސް ތިބިކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރައްޔިތުންގެ ރައްކާތެރި ކަމަށް ގާއިމްވެ ތިބި ބަޔަކަށް ވާއިރުގައި އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ރައްކާތެރިކަން ދޭން. އަޅުގަނޑުމެން މި ނުކުންނަނީކަން މަގުމައްޗަށް ރައްޔިތުންނަށް ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދޭން. އެއީ ހާއްސަކޮށް މަގުމަތީގައި އެންމެ ސީނިއާ ލެވަލްއިން ފެށިގެން ހަރަކާތްތެރިވި މަގުސަދަކީ" ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވި އެވެ.

މިއަދުވެސް ފެށިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަކި ގޮތެއް އަންގަވަންދެން މާލޭ ސިޓީގައި ކޮންމެ ދުވަހަކު ވެސް ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ބޭރަށް ނުކުމެ އުޅުން މަނާވާނެ އެވެ.

comment ކޮމެންޓް