ފިލްމު "ހެހެސް"ގެ ޝޫޓިން ނިންމާލައިފި

ހެހެސް ގެ ޕޯސްޓަރެއް---

ދިވެހިންގެ ތެރޭގައި މަގުބޫލު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ކުރިޔަށް ގެނެސްދޭން ނިންމާފައިވާ ދިވެހި ފިލްމު "ހެހެސް" ގެ ޝޫޓިން ނިންމާލައިފިއެވެ.

މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން އެ ފިލްމު ލޯންޗްކުރުމަށްފަހު ފިލްމުގެ ކާސްޓުން ޝޫޓިންގްއަށް ބ. ގޮއިދޫއަށް ފުރިއެވެ.

"ހެހެސް" ގެ ޕްރޮޑިއުސަރުންނަކީ ބެލުންތެރިންނަށް ކާމިޔާބު ފިލްމު ތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގާއި އަލީ ޝާނީޒް މުހައްމަދެވެ. ޝާނީޒަކީ ސީޒަންގެ ފިލްމު "ލޯބި ވެވިއްޖެ" ގެ ވެސް އެއް ޕްރޮޑިއުސަރެވެ.

"ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު ޝަފީގު ބުނީ ފިލްމުގެ ހުރިހާ މަންޒަރެއްވެސް ޝޫޓްކޮށް ނިމިއްޖެ ކަމަށެވެ. އަދި ފިލްމުގައި ހުރިހާ ތަރިން ދައްކުވައިދީފައިވާ އެކްޓިން އާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ޝޫޓިން ނިންމާލެވުނީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ. އަދި ހުރިހާ ތަރިންގެ އެއްބާރުލުވުން ވެސް ވަރަށް ފުރިހަމައަށް ލިބުނު ކަމަށެވެ.

ހެހެސްގައި ޖުމްލަ ތިން ލަވަ ހިމެނެއެވެ. ފިލްމުގެ ލަވަތައް ޝޫޓްކުރާނި އެކި ލޮކޭޝަންތަކުގައި ކަމަށްވެސް ޝަފީގު ބުންޏެވެ. ޝަފީގު ބުނީ މި އަހަރު ފިލްމު އެޅުވުމުގެ މަގު ތަނަވަސްވެއްޖެނަމަ މި އަހަރުތެރޭ ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ތައްޔާރަށް ތިބި ކަމަށެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ސްްކްރީން ޕްލޭއަކަށް ހަދާ "ހެހެސް" ޑައިރެކްޓްކުރަނީ ކާމިޔާބު ޑައިރެކްޓަރު އަހުމަދު ނިމާލެވެ.

ހެހެސް ފިލްމުގެ ޕޯސްޓަރު ---

ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް ޔޫއްޕެ ހިމެނޭ އިރު ދެން އެ ފިލްމުން ފެންނާނީ އަރަމުން އަންނަ ތަރިން ކަމަށްވާ ޝިފާ، އިރުފާނާ އިބްރާހީމް، ލަހުފާ އަދި އަލަށް ތައާރަފްވާ ތަރިއެއް ކަމަށްވާ ވާޝިއާގެ އިތުރުން ނިއުމާ މުހައްމަދުގެ ކުރިޔަށް އޮތް ފިލްމު "ކަޅަކި"އިން މުހިންމު ރޯލަކުން ފެނިގެންދާނެ ޝިޔާއެވެ.

އަދި ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ދެ މޫނު ކަމަށްވާ އިބްރާހިމް ޖިހާދުއާއި އަލީ އާޒިމް (ދޮން އައްޔަ)ވެސް ފެނިގެންދާނެއެވެ.

މި ފިލްމު ޕްރޮމޯޓްކުރަނީ "އިން ފަހަނައެޅި އިޝްގް" ގެ ހޭޝްޓެގް އާއެކުގައެވެ. މި ފިލްމަކީ ލޯބީގެ ތަފާތު ވާހަކައެއްގެ މަށްޗަށް ބިނާކޮށް އުފައްދާ ސަސްޕެންސް ތްރިލާއެކެވެ.

comment ކޮމެންޓް