ރަށަށް ދިޔުމާ ގުޅޭ ގޮތުން މެންބަރު އީސަ ދެއްކެވި ވާހަކަ ރަނގަޅު: ނަޝީދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން އާންމުނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކުގެ ސަބަބުން ކުލި ނުދެއްކި، ގެއިން ބޭރުވާން ޖެހޭ މީހުން، އެ މީހުންގެ ރަށަށް އަނބުރާ ދިޔުމަށް ގޮވާލައްވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ދެއްކެވި ވާހަކަތައް ދިފާއު ކުރައްވާ، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކުން ކުލި ނުދެއްކި، މާލޭގައި މަގުމަތިވުމުގެ ކުރިން އަމިއްލަ ފަސްގަނޑަށް ހިޖުރުކުރުމަށް، އިއްޔެ ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު އީސަ ވަނީ އެދިވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

މެމްބަރު އީސަ ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެކެވަޑައިގަންނަވަނީ، ކިހިނެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއަދު އެމަނިކުފާނު ވިދާޅުވީ، މެމްބަރު އީސަ ބޭނުން ކުރެއްވި ބަސްތައް އެންމެ އެކަށީގެން ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް، އޭނާ ދެއްކެވީ ރަނގަޅު ވާހަކައެއް ކަމަށް ދޭހަވާ ގޮތަށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.

"ބޭނުން ކުރެއްވި ބަސްތައް އެންމެ އެކަށީގެން ނުވެދާނެ. އެހެންނަމަވެސް، އިއްޒަތްތެރި މެމްބަރު އެ ފާހަގަކުރައްވާ ނުކުތާއަށް ބައްލަވާ. އަޅުގަނޑުމެންގެ ހާލަތަށް ބައްލަވާ. ކިހިނެއް ހަދާނީ؟ މިސާލަކަށް މާދަމާގެ ރެންޓު ދައްކައިދޭނަމޭ ސަރުކާރުން މި ބުނަނީ. ހަ މަސް ދުވަހަށް ދެއްކޭނެތޯ ސަރުކާރަށް؟ 12 މަސް ދުވަހު ސަރުކާރަށް އެ ރެންޓު ދެއްކޭނެތޯ؟،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، މެމްބަރު އީސަ އަކީ މީހުންނަށް އަހަން އުނދަގޫ ހަގީގަތްތައް ސާފުކޮށް ވިދާޅުވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އަޅުގަނޑުމެން މީހުންނަށް އުނދަގޫ ތެދު ހަގީގަތްތައް ބުނީމާ އަޅުގަނޑުމެންނާ މީހުން ނުރުހޭ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރަކީ އާންމުކޮށް ވަރަށް ސާފު ބަހުން އެކަހަލަ ހަގީގަތްތައް ވިދާޅުވާ ބޭފުޅެއް،" ނަޝީދު ވިދާޅުވި އެވެ.

މެމްބަރު އީސާ މިވަގުތު ހުންނެވީ ކެނދިކުޅުދޫގައި ކަމަށް ނަަޝީދު ވިދާޅުވި އެވެ. އަދި އޭނާއަށް ގުޅުއްވުމުން، އެ ރަށުގައި ހުއިފިލަނޑާ އާލާ ކުރެވޭނެ ކަމަށާއި، ރަށުގެ މަދަރުސާ ރަނގަޅު ކަމާއި، ރަށަކީ ތަނަވަސް ރަށެއްކަން ފާހަގަކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މާލެ އަކީ "ޓައިމްބޮމެއް" ކަމަށާއި ކޮވިޑް-19އާ ގުޅިގެންވެސް މާލެ ލުއި ކުރަން ޖެހޭ ކަމަށް މެމްބަރު އީސަ ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މީހުން އަނބުރާ ރަށްތަކަށް އާބާދު ކުރުމުގެ ޕްރޮގްރާމެއް ހިންގަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެއީ "ހިލޭ ސާބަހާ" ހިންގާ ޕްރޮގްރާމަކަށް ވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ފެތުރިގަންނަވަންވީ ދެން އަންނަ "އާ އިގުތިސާދު" ހިންގަން ކަމަށެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުވެސް ވަނީ އަޑިއަޅާލާފަ އެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރާއްޖޭގެ އެންމެ ގިނަ މަސައްކަތްތެރިން ވަޒީފާ އަދާ ކުރާ ޓޫރިޒަމްގެ ދާއިރާއަށެވެ. ވަޒީފާތަކަށް އަސަރުކޮށް، މާލީ ގޮތުން ދަތިވުމުގެ ސަބަބުން މިހާރުވެސް ބައެއް މީހުން މާލެ ދޫކޮށް ރަށަށް އެބަ ދެއެވެ.

comment ކޮމެންޓް