ގެނެވޭނެ ގޮތެއް ނެތިފައި ހުރި 6.2 ޓަނުގެ ބޭސް އިންޑިއާއިން ގެނެސްދީފި

އިންޑިއާއިން ގެނައި ބޭސް ޝިޕްމަންޓްތައް--- ސަން ފޮޓޯ: ފަޔާޒް މޫސާ

އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވިފައި ހުރި 6.2 ޓަނުގެ ބޭސް އެ ގައުމުން ރާއްޖއަށް ގެނެސްދީފި އެވެ.

މއިީ އިންޑިއާގެ އެކި ސަރަހައްދުތަކުން އެސްޓީއޯއިން އޯޑަރުކޮށްފައިވާ ބޭސްތަކެކެވެ. ނަމަވެސް އެތަކެތި ގެނެވޭނެ ގޮތެއް ނެތިގެން އެ ބޭސްތައް ރާއްޖެއަށް ގެނެސްފައިވަނީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ.

މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހާއްސަ ރަަސްމިއްޔާތެއްގައި އެ ބޭސްތަކާ ހަވާލުވެލެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާ ވެފައި އޮތް ގައުމަކަށް މިއީ ވަރަށް ދަތި ދުވަސްވަރެއް ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެންމެ މުހިންމު އެއްޗަކީ ބޭސްކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއަދު ގެނައި ބޭސްތަކުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އަސާސީ އެތައް ބޭހެއް ހިމެނެ އެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އިންޑިއާއިން އެހީވާ ކަމަށެވެ. އަދި އޭނާ ވަނީ އިންޑިއާއަސް ހާއްސަ ޝުކުރެއް ދަންނަވައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް އޮންނާނީ ރާއްޖެއާއެކު ކަމަށެވެ.

އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން ތިން މަހަށް ބޭނުންވާ ޒަރޫރީ ބޭސްތައްވެސް ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް