އިންތިހާބު ފަސް ކުރުމުގެ ސަންސެޓް ބިލު މަޖިލީހަށް ފޮނުވައިފި

މޭ 6، 2017: ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތަށް ގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ، ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ މަހަށް ލަސްކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް "ސަން ސެޓް" ބިލެއް ހުށަހަޅައިިފި އެވެ.

އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތާވަލު ކުރީ އެޕްރީލް ހަވަނަ ދުވަށެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ބަލިމަޑުކަން. ކޮވިޑް-19އާ ގުޅިގެން އެ ތާރީހު އެޕްރީލް 18 އަށް ފަސްކުރި އެވެ. އެއީ އިންތިހާބު ފަސް ކުރަން އިލެކްޝަންސް ކޮމިޝަނަށް ގާނޫނީ ގޮތުން ބާރު އޮތް އެންމެ ލަސް ތާރީހެވެ.

އިންތިހާބު އިތުރަށް ފަސް ކުރަން ޖެހޭ ކަމަށް ސިއްހީ މާހިރުންވެސް ލަފާދޭތީ އަންނަ އަހަރުގެ ޖެނުއަރީއަށް އިންތިހާބު ފަސް ކުރެވޭ ގޮތަށް ސަންސެޓު ބިލެއް ބަންޑާރަނައިބުގެ އޮފީހުން ވަނީ އެކުލަވާލައިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި އެ ބިލުގެ ބަހުސް އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް ވިދާޅުވި އެވެ.

"އިންތިހާބާ ގުޅޭ ބިލު މިހާރު މަޖިލީހަށް ވަނީ ލިބިފައި. ހޯމަ ދުވަހު އިރާދަކުރެއްވިއްޔާ ބިލު އަޅުގަނޑުމެން ބަހުސް ފަށާނަން. ފުރަތަމަ ކިޔުން އޮންނާނެ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިންތިހާބު ބާއްވަން ވަކި ތާރީހެއް އަދިވެސް ދެމި އޮތުމުން، އިންތިހާބު ފަސް ކުރުމުގެ ބިލުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ އަމީންއާންމާއި ކައުންސިލާ ޖެނެރަލްވެސް ލަފާދޭ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

އިންތިހާބު ފަސް ކުރުމުގައި ވިސްނާފައި އޮތީ ކިހިނެއްތޯ "ސަން"އިން ސުވާލު ކުރި ނަމަވެސް، ނަޝީދު ވިދާޅުވީ، ބިލުގައިވާ އެއްޗެއް އަދި އެނގިވަޑައިނުގަންވާ ކަމަށެވެ.

"އެ ބިލު، ގާނޫނު އޮންނާނެ ގޮތެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގޭނެ. އިއްޒަތްތެރި މެމްބަރުންނަށް އެކަން އެނގިވަޑައިގަންނަވާނީ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މިއަދު އިތުރަށް ވިދާޅުވީ، އެންމެ ފުރަތަމަ ވިސްނުން ހުރީ ޑޮކްޓަރުންގެ ލަފާގެ މަތިން އިންތިހާބު ބޭއްވޭތޯ ކަމަށެވެ. އެކަމަކު، އެ ވިސްނުން މުޅިން ބަދަލުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންތިހާބު ލަސް ކުރުމާ ގުޅޭގޮތުން އެބަ އޮތް ދެ ބާވަތުގެ ވިސްނުންވެސް. އެއް ގޮަތަކީ ޑޮކްޓަރުންގެ ލަފައާ އިރުޝާދާ އެކީގައި އެ އޮތްގޮތަކަށް އިންތިހާބު ބޭއްވޭތޯ ބެލުން. އަޅުގަނޑަކަށް ހިއެެއް ނުވޭ އެއީ ވާން އޮތް ކަމެއް ހެންނެއް. އެއީ ކެމްޕެއިން ޕީރިއަޑެއްވެސް އެބަ ބޭނުންވޭ. ސަރުކާރުންވެސް އެދިވަޑައިގަންނަވަނީ އިންތިހާބު ލަސް ކުރަން. އަޅުގަނޑަށްވެސް ލަފާ ކުރެވޭ ގޮތުގައި މަޖިލީހުގެ ގިނަ އިއްޒަތްތެރި މެމްބަރުންވެސް ގަސްދުކުރަނީ އިންތިހާބު ފަސް ކުރަން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ލަސްކޮށްފި ނަމަ، ކައުންސިލަރުން މަގާމުގައި ތިބެން ޖެހޭ މުއްދަތު ހަމަވެ، ކައުންސިލުތައް ގާނޫނީ ހުސް ކަމަކަށް ދާނެ އެވެ. އިންތިހާބު ފަސް ކުރަން ފާސް ކުރާ ސަންސެޓް ގާނޫނުން އެކަމަށް ގާނޫނީ ހައްލެއް ގެންނަން ޖެހޭނެ އެވެ.

comment ކޮމެންޓް