އައިއެމްއެފް، އައިއެފްސީން 80 މިލިއަން ޑޮލަރު ހޯދަން މަޝްވަރާކުރަނީ

ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސާދަށް އަންނަ ގެއްލުންތަކުން އަރައިގަތުމަށް، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރު އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 30 މިލިއަން ހޯދުމުގެ މަޝްވަރާތައް ކުރައްވާކަން ފިނޭންސް މިނިސްޓަރު ހާމަކުރައްވައިފި އެވެ.

ރާއްޖޭގެ އިގްތިސާދަށް އަންނަ ގެއްލުންތައް ކުޑަކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވިދާޅުވީ ދައުލަތުގެ ބަޖެޓް 12 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

އެ ޑެފިސިޓް ފޫބެއްދުމަށް، ބައިނަލްއަގުވާމީ މާލީ އިދާރާތައް ކަމަށްވާ، އައިއެމްއެފް އާއި ވޯލްޑް ބޭންކް އަދި އައިއެފްސީއާ އެކު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަޝްވަރާ ކުރައްވަމުން އަންނަކަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން އައިއެމްއެފްއާ އެކު މަޝްވަރާ ކުރަނީ ހާއްސަ އިގްތިސާދީ ޕެކޭޖެއްގައި ބައިވެރިވުމަށް ނޫން ކަމަށެވެ. ނަމަވެސް އައިއެމްއެފްއާ އެކު މަޝްވަރާ ކުރަނީ، ރާއްޖެއަށް ލިބިފައި އޮންނަ ސްޕެޝަލް ޑްރޯއިން ރައިޓްސް (އެސްޑީއާރް)ގެ ދަށުން ފައިސާ ހޯދުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭޕްރީލް 1، 2020: ކޮރޯނާވައިރަހުގެ އިގްތިސާދީ ގެއްލުންތަކުގެ މައުލޫމާތު މިނިސްޓަރު އަމީރު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"[އައިއެމްއެފުން] އެސްޑީއާރު 100 ޕަސެންޓް ފްލީ ވިތްޑްރޯ ކުރަންޏާ 30 މިލިއަން ޑޮލަރު ވިތްޑްރޯ ކުރެވެން އެބަހުރި. އަޅުގަނޑުމެން މި ބަލަނީ އެ ޕޮސިބިލިޓީ. އެއްގޮތަކަށް ވެސް ހާއްސަ ޕެކޭޖަކަށް ދާކަށް ނޫން. އަދި މިވަގުތުގައި އައިއެމްއެފް އަދި އެހެން ތަންތަނުން ވެސް ޝަރުތުތަކެއް ނެތް މާބޮޑު. މިއީ ހާއްސަ ހާލަތެއް ކަމަށް އެބޭފުޅުން ވެސް ބައްލަވާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ، އައިއެފްސީއާ މަޝްވަރާ ކުރަމުން ދަނީ، ގައުމީ ބޭންކް، ބީއެމްއެލްއިން ވިޔަފާރިތަކަށް ލޯނު ދޫކުރަން އެހީވުމަށް ޓަކައި 50 މިލިއަން ޑޮލަރު އެ ބޭންކަށް ހޯދުމަށް ކަމަށެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމްލަސް ޕެކޭޖްގެ ދަށުން، 10 މިލިއަން ޑޮލަރުގެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ފައިސާ ދޭނީ ބީއެމްއެލްއިންނެވެ. އެގޮތުން ބީއެމްއެލްއިން އެއް ބިލިއަން ރުފިޔާ ދޫކުރަން ވަނީ ކަނޑައަޅައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، އައިއެމްއެފް ފަދަ މާލީ އިދާރާތަކާ ގުޅިގެން މިވަގުތު މަސައްކަތް ކުރުން ބޭނުން ވަނީ، އެ އިދާރާތަކުން ރާއްޖެއާ މެދު އެކުލަވާލާ ރިޕޯޓްތަކުން އެހެން ފަރާތްތަކުން ރާއްޖެއަށް އެހީވާން ބާރަކަށް ވާނެތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވާ 150 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި މިހާރު ވެސް އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ހޯދިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އާމްދަނީއަށް އަންނަ ހީނަރުކަން، ފޫބައްދަން ރާއްޖޭގެ ޑޮމެސްޓިކް، ރާއްޖޭގައި ހުރި ބޭންކުތަކުން ފައިސާ ހޯދުމަކީ މިވަގުތަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. އެހެންވެ، ރާއްޖެއިން ބަރޯސާވަނީ ބޭރުގެ މާލީ އިދާރާތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް