ނަޝީދު ކޮރޯނާއަށް ނެގެޓިވް

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ކޮރޯނާވައިރަހަށް ޓެސްޓުކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ބައްޔަށް ނެގަޓިވްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރަންސްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެ ބައްޔަށް ނެގަޓިވް ކަމަށެވެ.

ރައީސް ނަޝީދު ކޮވިޑް 19 އަށް ޓެސްޓު ކުރައްވަން ޖެހިވަޑައިގަތީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ފަހުން އިނގިރޭސި ވިލާތުން އައި ހުރިހާ އެންމެން ޓެސްޓް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނިންމެވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު މިދިޔަ މަހުގެ 11 އިން 14 އަށް ހުންނެވީ އިނގިރޭސި ވިލާތުގައެވެ.

ބައްޔަށް ޓެސްޓުކުރުމަށްޓަކައި ރައީސް ނަޝީދުގެ ސާމްޕަލް ނަގާފައިވަނީ އިއްޔެ، ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. ނަޝީދުގެ ސާމްޕަލް ނެގި މަންޒަރުގެ ވީޑިއޯއެއްވެސް މަޖިލީހުން އާންމުކުރިއެވެ.

ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވް 19 ކޭސް މިހާތަނަށް ފެނިފައިވެއެވެ. އޭގެ ތެރެއިން 13 މީހަކު ބަލިން ފަސޭހަވެފައި ވެއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ބައްޔަށް ފަރުވާ ލިބެމުން ދަނީ ހަތަރު ދިވެއްސަކަށެވެ. އެ ހަތަރު މީހުންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނެވެ.

comment ކޮމެންޓް