ރާއްޖޭގައި ހަނޑޫ ބޭނުންކުރާ ވަރަށް ހަކުރު ބޭނުންކުރޭ

އެސްޓީއޯ ކާޑު ގުދަނަށް ކާޑުގެ ބާވަތް ގުދަން ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭއަށް ގިނަ އަދަދަކަށް ހަކުރުގެ ބާވަތް އިމްޕޯޓު ކުރާ ކަމަށާއި ދިވެހީން ހަނޑޫ ބޭނުންކުރާ ވަރަށް ހަކުރު ވެސް ބޭނުންކުރާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަމްރު މިއަދު ވިދާޅުވީ ހަނޑޫ، ހަކުރު އަދި ފުށަކީ ރާއްޖޭގެ ސްޓޭޕަލް ފުޑްސް ނުވަތަ ކާޑުގެ ގޮތުގައި އާންމުކޮށް ކައި އުޅުމަށް ބޭނުންކުރާ ތަކެތި ކަމަށެވެ.

އަދި އެ ތިން ބާވަތުގެ ތެރެއިން ވެސް ދިވެހީންގެ ތެރޭގައި އެންމެ ގިނައިން ބޭނުންކުރަނީ ހަނޑުލާއި ހަކުރު ކަމަށް އަމްރު ވިދާޅުވިއެވެ. އެކަމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް އަމްރު ފާހަގަކުރެއްވި އެވެ.

"ހަކުރަކީ ބައެއް ގައުމުތަކުގެ ސްޓޭޕަލް ފުޑްސްގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫން. މީހުން [ދިވެހީން] ފުދޭވަރަކަށް ގިނައިން ހަކުރު އެބަ ގަނޭ އިނގޭތޯ. މިއީ ސިއްހީ ގޮތުން ކުޑަކޮށް ވިސްނާލަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުން އެހާ ގިނަ އަދަދަކަށް ހަކުރު ބޭނުންކުރުމަކީ ސިއްހީ ގޮތުން ބަލާ އިރު އެހާ ރަނގަޅު ކަމެއް ކަމަށް ނުބެލެވޭ ކަމަށް އަމްރު ފާހަގަކުރެއްވި އެވެ.

"މިއީ ހުރިހާ އެންމެން ވެސް ވިސްނާލަން ޖެހޭ ކަމެއް ކަންނޭނގެ. ހަނޑޫ ވިކޭ ވަރަށް ހަކުރު ވިކޭ ނަމަ އެއީ ވިސްނާލަން ޖެހޭ ކަމެއް." އަމްރު ވިދާޅުވި އެވެ.

comment ކޮމެންޓް