މިއަހަރުގެ ވިމްބަލްޑަން ކެންސަލުކޮށްލައިފި

މިދިޔަ އަހަރުގެ ވިމްބްލެޑަން ސިންގަލްސް ކާމިޔާބު ކުރި އެއް ކުޅުންތެރިޔެއް ކަމަށްވާ ނޯވެކް ޖޮކޮވިޗް --- ފޮޓޯ : ޓެނިސް ޑޮޓް ކޮމް

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ޝަރަފުވެރި ޓެނިސް މުބާރާތްކަމަށްވާ ވިމްބަލްޑަންގެ މިއަހަރުގެ ސީޒަން ކެންސަލުކޮށްލުމަށް ނިންމައިފިއެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްތަކަށްފަހު ވިމްބަލްޑަން ފުރަތަމަ ފަރަހަށް ކެންސަލުކޮށްފައިވަނީ ދާދި ފަހުން އޯލް އިންގްލެންޑް ލޯން ޓެނިސް ކްލަބު (އޭއީއެލްޓީސީ)އިން ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހުގައެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން 134 ވަނަ ވިމްބްލެޑަން ކެންސަލުކޮށްލާފައިވާއިރު އެ މުބާރާތް ދެން ބާއްވާނީ އަންނަ އަހަރުގެ ޖޫން 28 އިން ޖުލައި 11 އަށް ކަމަށް އޭއީއެލްޓީސީއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ވިމްބަލްޑަން ބޭއްވުމަށް ކުރީން ނިންމާފައިވަނޯ ޖޫން މަހުގެ 29 އިން ފެށިގެން ޖުލައި މަހުގެ 14 އަށެވެ.

ވިމްބަލްޑަންގެ މުބާރާތެއް އެންމެ ފަހުން ކެންސަލުކޮށްލާފައިވަނީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައެވެ. އެއަށްފަހު ވިމްބަލްޑަންގެ ހުރިހާ މުބާރާތެއްވެސް މެދުކެނޑުމެއް ނެތި އަންނަނީ ބާއްވަމުންނެވެ.

ކޮރޯނާއާ ގުޅިގެން ޓެނިސް ޓޯނަމެންޓެއް ކަމަށްވާ ފްރެންޗް އޯޕެންވެސް ވަނީ ދާދި ފަހުން ފަސްކޮށްފައެވެ. އެގޮތުން ފްރެންޗް އޯޕެން މިހާރު ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖޫން މަހުގެ ހަތެއްގައެވެ. އެހެންނަމަވެސް ޔޫއެސް އޯޕެން ކުރިއަށް ގެންދާނެކަމުގެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.

މިދިޔަ އަހަރުގެ ވިމްބްލެޑަން ސިންގަލްސް ކާމިޔާބުކޮށްފައިވަނީ ނޯވެކް ޖޮކޮވިޗްއާއި ސިމޯނާ ހެލެޕްއެވެ.

comment ކޮމެންޓް