ފޯބްސް އޭޝިޔާގެ ގަދަ 30 ގައި ރާއްޖޭގެ އަޕޯ!

މުހައްމަދު އަފްޒަލް، އަޕޯ: ފޯބްސް އޭޝިޔާގެ ގަދަ 30 ލިސްޓުން ވަނީ ޖާގަ ހޯދާފައި.

މަޝްހޫރު ފޯބްސް މެގަޒިން އިން ހޮވި އޭޝިއާގެ އެންމެ ޒުވާން އޮންޓަޕްރިނިއަރުން ނުވަތަ ވިޔަފާރިވެރިންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެހި ޒުވާނަކު ހިމެނިއްޖެ އެވެ.

ފޯބްސް އިން އާންމުކުރި އޭޝިޔާގެ "30 އަންޑަ 30" ގެ ލިސްޓްގެ ރީޓެއިލް އެންޑް އީކޮމާސްގެ ބައިން މިއަހަރު ޖާގަ ހޯދި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، އުމުރުން 29 އަހަރުގެ ދިވެއްސެއް ކަމަށްވާ، މުހައްމަދު އަފްޒަލް (އަޕޯ) އެވެ.

އަޕޯ އަކީ ދިވެހިން ނޫސްތަކުގައި ވަރަށް ގިނަ ދުވަސްވަންދެން ލީޑް-ޑިވަލޮޕަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޒުވާނެކެވެ. އަޕޯ ފޯބްސްގެ ލިސްޓުން ޖާގަ ހޯދީ، އޭނާގެ ވިޔަފާރި ބައިވެރިޔާ ޖެވިން ސިންގް (25އ.) އާއެކު މެލޭޝިޔާގައި ފެށި "ރޭޖް" ކޮފީ ޝޮޕް ވިޔަފާރީގެ ސަބަބުންނެވެ. އެ ކޮފީ ޝޮޕްގެ އޮންލައިން ޕްލެޓްފޯމް، "ޑްރިންކްރޭޖް" އަކީ އަޕޯގެ އުފެއްދުމެކެވެ.

އޭނާގެ ކާމިޔާބާ ގުޅޭ ގޮތުން އަޕޯ މިއަދު "ސަން"އަށް ބުނީ، ކޮންމެ ޒުވާނަކުވެސް މަސައްކަތްކޮށްފި ނަމަ، ކާމިޔާބު ވާނެ ކަމަށެވެ. އަދި މިއީ ސްޓާޓަޕް އިކޯ ސިސްޓަމްގެ ސަކްސެސްރޭޓް ހައިކަން އަންގައިދޭ ކަމެއް ކަމަށް ވެސް އަޕޯ ބުންޏެވެ.

"މިއީ އަޅުގަނޑު ބުނާނީ، އުންމީދުތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާ ކޮންމެ ދިވެހި ޒުވާނަކަށް ލިބުނު ކާމިޔާބެކޭ. އުންމީދަކާ އެކު ހިތްވަރު އެލުވާ ނުލާ ގަދައަޅާ މަސައްކަތް ކޮށްފި ނަމަ ކާމިޔާބަކީ ކޮންމެ މީހެއްގެ ވެސް އެއްޗެއް. އެކަން އަޅުގަނޑު މި ސާބިތުކޮށްދިނީ،" މެލޭޝިޔާގައި ޑިވަލޮޕަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަޕޯ ބުންޏެވެ.

އަޕޯ ވަނީ އޭނާގެ އެ ކާމިޔާބުގައި އެކި ގޮތްގޮތުން އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

އަޕޯ އާއި އޭނާގެ ވިޔަފާރި ބައިވެރިޔާ ޖެވިން ސިންގ --

"ރޭޖް" އަކީ ބުރަކޮށް މަސައްކަތް ކުރާ މީހުންނަށް އެޕެއް މެދުވެރިކޮށް، ހެޔޮ އަގެއްގައި ކޮލިޓީ ރަނގަޅު ކޮފީއެއް ނުވަތަ އެހެން ވެސް ބުއިމެއް ލިބޭނެ ގޮތް ހެދުމަށް، ކޮފީ މޭޒެއްގައި ކުރެވުނު ސައްލާއަކުން ކުރި ފަޅަައިގެން އައި ވިޔަފާރިއެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ފެށި އެ ވިޔަފާރި މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ވިޔަފާރިއަށް އަހަރެއް ވީއިރު، މިހާތަނަށް މެލޭޝިޔާގައި އެކި ސަރަހައްދުތަކުގައި "ރޭޖް" ގެ 12 އައުޓްލެޓެއް ވަނީ ހުޅުވައިފަ އެވެ.

ރޭޖްގެ ވިޔަފާރި ފުޅާކުރަނީ، "ޑިރްންކްރޭޖް" އެޕުން ލިބޭ ޑޭޓާތަކުގެ މައްޗަށް ބަލައި ކަސްޓަމަރުުންގެ ބޭނުންތައް ބަލައިގެންނެވެ. އެ ޗެއިންގެ ކޮފީ ޝޮޕްތައް ހުޅުވަނީ ވެސް، ގިނައިން އޮފީސްތައް ހުންނަ ސަރަހައްދުތަކަށް ހާއްސަކޮށްގެން އެވެ.

"ޑްރިންކްރޭޖް" އެޕް މެދުވެރިކޮށް ކޮފީއަކަށް އޯޑަރުކޮށްލައި، ތައްޔާރުކޮށް ނިމުމުން އެ އައުޓްލެޓަކަށް ގޮސް ވެސް ކޮފީއަށް އިންސާފުކޮށްލެވެއެވެ. ކަސްޓަމަރު ބޭނުން ނަމަ، ބުއިމެއް ޑެލިވާވެސް ކޮށްދެއެވެ. އަދި ޕިކްއަޕް ވެސް ހަދާލެވޭނެއެވެ.

އަޕޯ މީގެކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ "ޑްރިންކްރޭޖް" އެޕްގެ މުޅި ކޮންސެޕްޓް އުފަން ކުރީ؛ "މުސްކުޅި ކޮފީ ޓްރެންޑް ބަދަލުކޮށްލައި"، ޒަމާނީކޮށްލުމުގެ ވިސްނުމުގައެވެ.

މިފަހަރުގެ ފޯބްސް އޭޝިޔާގެ ގަދަ 30 ތަރުތީބުކޮށްފައި ވަނީ 3،500 އަށް ވުރެ ގިނަ ނޮމިނޭޝަންތަކުގެ ތެރެއިން، ރިޕޯޓަރުންނާއި ދާއިރާގެ ދުވަސްވީ ތަޖުރިބާކާރުން ވަރަށް ރަނގަޅަށް މިނުމަށްފަހު އެވެ.

https://sun.mv/123970

ފޯބްސް އިން ބުނެފައި ވަނީ ގަދަ 30 ގައި ހިމެނިފައިވާ ޒުވާނުންްނަކީ އެމީހުންގެ ހިޔާލާއި ހުނަރު ބޭނުންކޮށްގެން ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދެމުން އަންނަ ޒުވާނުން ކަމަށެވެ.

އެމީހުންގެ މޮޅު ހިޔާލުތަކުގެ ސަބަބުން ދުނިޔެއަށް ފައިދާތަކެއް ގެނެސްދީ، ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދީ އުންމީދުތަކެއް ގެނެސްދީފައިވާ ކަަމަށެވެ.

comment ކޮމެންޓް