ރެޖިސްޓްރީވި ފަރާތްތަކަށް ފެން ބިލު ފޮނުވާނީ އެޕަށް އެކަނި

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެޕްލިކޭޝަން އަށް ރެޖިސްޓްރީވެފައިވާ ގޭބިސީތަކަށް މިއަދުން ފެށިގެން ބިލު ފޮނުވާނީ ހަމައެކަނި އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ކުރިއެކޭ އެއްފަދައިން މިހާރުވެސް ބިލުތައް ތައްޔާރުވުމާއެކު ފޯނަށް ނޮޓިފިކޭޝަން ލިބިގެންދާނެ ކަމަށެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.

އެކުންފުނީން ބިލުތައް އެޕަށް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މިހާރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކާތެރިކަމާއި ގުޅިގެން، ކުންފުނީގެ މުވައްޒަފުން ވީހާވެސް ބޮޑަށް ބޭރުގައި އުޅުން މަދުކުރަން އެޅޭ ފިޔަވަޅެއްގެ ގޮތުން ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ މިވަގުތު ކަރުދާސް ބިލު ފޮނުވަން ހަމަޖެހިފައިވަނީ ހަމައެކަނި މޯބައިލް އެޕްލިކޭޝަން އަށް ރެޖިސްޓްރީ ވެފައި ނުވާ ގޭބިސީތަކަށް ކަމަށެވެ. މޮބައިލް އެޕްލިކޭޝަނަށް ރަޖިސްޓްރީ ވެފައިނުވާ ގޭބިސީތަކުގެ ފެން ބިލް ރައްދުކުރެވޭނީ، ގޭގެ ގްރައުންޑް ފްލޯއާ ހަމައަށް އެކަންޏެވެ.

އެމްޑަބްލިއުއެސްސީ މޯބައިލް އެޕްލިކޭޝަން އިން ފެން ބޭނުންކުރެވޭ މިންވަރާއި ލައިވް ޗެޓުގެ ހިދުމަތުގެ އިތުރުން ފާއިތުވި މަސްތަކުގެ ބިލުވެސް ބަލައިލެވޭނެއެވެ.

މި ހާލަތުގެ ގޮތުން އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ހޯދުމުގައި އޮންލައިން ގޮތްތައް ހިޔާރުކުރުމަށް އެކުންފުނިން ބާރު އަޅައެވެ.

comment ކޮމެންޓް