މަރުވި މީހުންގެ އަދަދު 50،000 އަށް އަންނަ ހަފްތާ އަރާނެ: ޑަބްލިއުއެޗްއޯ

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނަމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ --- ފޮޓޯ : ޕޮލިޓިކޯ އަޕްޑޭޓް

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު އެއް މިލިއަނަށް އަރައި، މަރުވި މީހުންގެ އަދަދު 50،000 އަށް އަރާނެ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނަމް ވިދާޅުވީ ވައިރަސް ފެތުރެމުން ދަނީ އަދިވެސް ވަރަށް ހަލުވި ސްޕީޑެއްގައި ކަމަށެވެ.

އެގޮތުން މީގެ ތިން ވަރަކަށް މަސް ކުރީން ގިނަ ބަޔަކަށް އަޑުވެސް އިވިފައި ނުވާ ވައިރަސް އެއް ވަނީ ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ގައުމުތަކަކަށް ފެތުރިފައި ކަމަށް އަދަނަމް ވިދާޅުވިއެވެ.

ޗައިނާގެ ވޫހާން އިން ފެތުރެން ފެށި އެ ވައިރަސްއަށް މިހާތަނަށް 910،352 މީހަކު ވަނީ ޕޮޒިޓިވްވެ، 45،498 މީހުން މަރުވެފައެވެ. އޭގެތެރެއިން މިހާރު އެންމެ ގިނަ ބަޔަކު އެ ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ. އެމެރިކާގެ 199،890 މީހަކު ވަނީ އެ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިޓަލީއިންނެވެ. އެގައުމު 110،542 މީހަކަށް ވައިރަސް ޖެހުނުއިރު މަރުވި މީހުންގެ އަދަދު 13،155 އަށް އަރައެވެ.

ކޮވިޑް-19 ޖެހިގެން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ސްޕެއިން އިންނެވެ. އެގޮތުން ސްޕެއިން އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 102،136 އަށް އަރާއިރު މަރުވި މީހުންގެ އަދަދު 9،126 އަށް އަރައެވެ.

comment ކޮމެންޓް