ކާފިއު ހިންގާ ގަޑީގައި ބޭރުގައި އުޅޭ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާ ކުރަނީ

އޭޕްރީލް 1، 2020: މާލޭ ރަސްފަނު ސަރައްހަދު މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމާއި ހިލާފަށް ކާފިއު ހިންގާ ގަޑީގައި މަގުމައްޗަށް ނުކުންނަ ފަރާތްތަކަށް ނަސޭހަތް ދީ އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ރޭ ފަތިހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާދަމާ މެންދުރު 12 އިން ފެށިގެން ވަކި މުއްދަތެއް އަންގަންދެން ކޮންމެ ދުވަހަކު ހަވީރު ފަހަކުން ރޭގަނޑު އަށަކަށް މަގުމަތީގައި އުޅުން މަނާ ވާނެ ކަމަށެވެ.

ފުލުހުން މިރޭ ނެރުނު އިއުލާނުގައި ބުނީ މާދާމާއިން ފެށިގެން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރު ތަންފީޒު ކުރަމުން ދާނެ ކަމަށެވެ. އެގޮތުން ކާފިއު ހިންގާ ގަޑީގައި ބޭރުގައި އުޅޭ ފަރާތްތަކާއި ތިން މީހުންނަށް ވުރެ ގިނަމީހުން އެއްކޮށް ބޭރުގައި އުޅޭ ނަމަ ނަސޭހަތް ދީ އިސްލާހު ނުކޮށްފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ. ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިން ކަމަށް ފުލުހުން ބުންޏެވެ.

މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު ފަހަކުން ރޭގަނޑު އަށަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށް މައިމޫނާ ނެރުއްވި އަމުރުގައި ވިދާޅުވެފައިވެ އެވެ.

އެ ފިޔަވަޅުތަކުން 10 ފަރާތެއް އިސްތިސްނާ ވެއެވެ. އެއީ:

  • ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދުފަހަރު
  • ޑިޕްލޮމެޓިކް އުޅަނދުފަހަރު
  • އެމްބިއުލާންސް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
  • ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ހިލާފުވުމަކީ ގާނޫނީ ކުށެކެވެ. އެފަދަ އަމުރުތަކާ ހިލާފަށް މީގެ ކުރިން އަމަލުކޮށްފައިވާ ފަރާތްތައް ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖަހާފަ އެވެ. އަދި އެއް ފަރާތެއްގެ މައްޗަށް ދައުވާވެސް ކޮށްފައިވެ އެވެ.

comment ކޮމެންޓް