ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިން މަސް ދުވަހުގެ އެލަވަންސެއް ދެނީ

ޕެރެޑައިސް އައިލެންޑް ރިސޯޓު -- ފޮޓޯ/ ވިލާ ހޮޓެލްސ

ކޮރޯނާ ވައިރަސް، ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިން މަސް ދުވަހުގެ އެލަވަންސެއް އޭޕްރީލް މަހުން ފެށިގެން ދޭން ސަރުކާރުން ނިންމައިފި އެވެ.

ކޮރޯނާވައިރަސް އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދާއި ރާއްޖޭގެ އިގްތިސާދަށްވެސް އަންނަނީ ލޮޅުން އަރަމުންނެވެ. އެއާއެކު ބައެއް އަމިއްލަ ކުންފުނިތަކުން ދަނީ، ކުންފުނިތަކުގެ ހަރަރުތައް ކުޑަކުރުމަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީިވްއަށް މުވައްޒަފުން ފޮނުވަމުންނެވެ.

އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުން ދޭ ސްޓިމިއުލަސް ޕެކޭޖް ލިބޭނީ، އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާ ފަރާތްތަކަށް ކަމަށެވެ. އަދި އެފަރާތްތަކަށް އެ ޕެކޭޖް ދޭނީވެސް އެގޮތަށް އެއްބަސްވާނަމަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ވަޒީފާ އަދާ ކުރާ މީހުންގެ ދިފާއުގައި ސަރުކާރުން އަޅާފައިވާ އަނެއް ފިޔަވަޅަކީ، ވަޒީފާއިން ވަކިކުރާ މީހުންނަށް ތިން މަހުގެ އެލަވަންސެއް ދިނުން ކަމަށް އަމީރު ވިދާޅުވި އެވެ.

"މިސާލަކަށް ރިސޯޓަކުން ސަރުކާރުން ދޭ ސްޓިމުލަސް ޕެކޭޖް ބޭނުން ނަމަ، އެންމެ ފުރަތަމަ ޝަރުތަކީ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހިން މުވައްޒަފައްގެ ވަޒީފާ ގެއްލިގެން ނުވާނެ،" އަމީރު ވިދާޅުވި އެވެ.

އެ ފައިސާ ހަމަޖައްސާނީ ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމްލަސް ޕެކޭޖްގައި ހިމެނޭ، ސީދާ ސަރުކާރުން ދޫކުރާ 1.5 ބިލިއަން ރުފިޔާގެ ސްޓިމްލަސްޕެކޭޖުގެ ތެރެއިން ކަމަށެވެ. އަނެއް އެއް ބިލިއަން ރުފިޔާ ދޫކުރާނީ ބީއެމްއެލް މެދުވެރިކޮށެވެ..

ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ދޭނީ ކިހާ އަދަދެއްގެ އެލަވަންސެއްތޯ ސުވާލުކުރުމުން އަމީރު ވިދާޅުވީ، އެ އަދަދު ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.

މިހާތަނަށް ވަޒީފާއިން ވަކިކޮށްފައި 292 މުވައްޒަފަކު ވަނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީވެފައިވެ އެވެ. ވަޒީފާއިން ވަކިކުރާ ހުރިހާ މުވައްޒަފުންވެސް ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމަށް އަމީރު ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަރުކާރުން ވަނީ މީގެ ކުރިން އެއްބިލިއަން ރުފިޔާއާ ހަމަށް ހަރަދުތައް މަދުކުރުމަށް ނިންމާފަ އެވެ.

އަމީރު މިރޭ ވިދާޅުވީ، މިހާރު ކުރިމަތިވަމުން އަންނަނީ އިގްތިސާދީ ކާރިސާއެއް ކަމަށާއި މިއަހަރު 12 ބިލިއަން ރުފިޔާގެ ބަޖެޓް ޑެފިސިޓެއް އަންނާނެ ކަމަށެވެ. އެކަން ފޫބެއްދުމަށް މިހާރު ސަރުކާރުން ނިންމާފައިވާ އިތުރަށް ހަރަދުކުޑަކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަޒީފާ ދޭ މީހުންނަށް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ޓުއަރިޒަމް އެމްޕްލޯއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފައި ވަނީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 11،000 އެއްހާ މީހުން މުސާރަ ނުހިނގާ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު މިރޭ ގޮވާލެއްވީ ވަޒީފާ ގެއްލޭ ނުވަތަ ވަޒީފާއަށް އަސަރު ކުރާ ފަރާތްތައް، ވީހާ އަވަހަކަށް ޖޮބްސެންޓަރުގައި ރަޖިސްޓްރީކުރުމަށެވެ. އަދި އެލަވަންސް ދިނުމުގައި ވެސް ބަލާނީ އެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު