ޔޫކޭއިން އައި ހަތަރުވަނަ ދިވެއްސަކު ކޮރޯނާއަށް ޕޮޒިޓިވް

މާޗް 25، 2020: މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިނގިރޭސިވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު ކޮރޯނާވައިރަސް، ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިހާތަނަށް ރާއްޖެއިން 19 މީހަކު ވައިރަހަށް ޕޮޒިޓިވްވިއިރު، މިއީ ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި ހަތަރުވަނަ ދިވެހި މީހާއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިއަދު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހާއަކީ އިނގިރޭސިވިލާތުން ރާއްޖެ އައުމާއެކު އއ. ވެލިދޫގައި އައިސޮލޭޓު ކުރެވުނު މީހެކެވެ. އަދި އޭނާ ޓެސްޓްކޮށްފައިވަނީ އަލާމާތްތައް ފެނިގެން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ވައިރަހަށް ޕިޒިޓިވްވި ނަވާރަ މީހުންގެ ތެރެެއިން، 13 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ބާކީ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހީންނެވެ. އެ ހަތަރު ދިވެހީންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ރޯޔަލް އައިލެންޑް ރިސޯޓުގައި އެއް ކޮޓަރިއެއްގައި ކަރަންޓީނުކުރި، އާއިލީ ގޮތުން ގުޅުން އޮންނަ ދެ މީހެކެވެ.

ޕޮޒިޓިވްކަމަށް ދެއްކި ހަ މީހުންގެ ތެރެއިން ބާކީ ދެ މީހުންނަކީ މީގެ ކުރިން ޕޮޒިޓިވް ކޭސްތަކެއް ފެނި، މޮނީޓަރިން ހާލަތުގައި އޮތް އައިލެންޑް ސަފާރީ ނަމަކަށް ކިޔާ އުޅަނދުގައި ކަރަންޓީނުގައި ތިބުމަށްފަހު ރާއްޖެއިން ފުރި އިޓަލީ ދެ މީހުންނެވެ. އެމީހުން ކޮރޯނާއަށް ޕޮޒިޓިވްކަން އެނގުނީ އެރޮފްލޮޓްގެ މަތިންދާބޯޓެއްގައި ރަޝިއާއަށް ދަތުރުކުރަމުން ދަނިކޮށެވެ.

އިނގިރޭސީވިލާތުން އައި ހަތަރު ދިވެއްސަކު މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި އިރު، އިއްޔެ އެޗްޕީއޭ އިން ނިންމާފައިވަނީ މިދިޔަ މަހު 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު އިނގިރޭސީވިލާތުން ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ތިން މީހަކު އިއްޔެއާ ހަމައަށް ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށް ސަރުކާރުން ރޭ ބުންޏެވެ.

އިނގިރޭސީވިލާތުން މީހުން އައުން މަނާ ކުރީ، މިދިޔަ މަހު 19 ވަނަ ދުވަހުން ފެށިގެންނެވެ އަދި އެދުވަހުން ފެށިގެން އެގައުމުން އައި ދިވެހިން އައީ ކަރަންޓީންކުރުމުންނެވެ. އޭގެއިތުރުން ފަތުރުވެރިން ފިޔަވަވާ ބޭރުގައުމުތަކުން އަންނަ ހުރިހާ އެންމެން ކަރަންޓީން ކުރަން ލާޒިމް ކުރީ މިދިޔަ މަހު 21 ވަނަ ދުވަހު ފެށިގެންނެވެ.

comment ކޮމެންޓް