ލަންކާގައި ތިބި ބޭރު މީހުންނަށް ވިސާގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ލަންކާ އެއާޕޯޓު --

ކޮލަމްބޯ (އޭޕްރިލް 1): ސްރީލަންކާގައި ތިބި ބޭރު ގައުމުތަކުގެ މީހުންނަށް އަނެއްކާ ވެސް ވިސާގެ މުއްދަތު އިތުރުކޮށްފަ އެވެ.

ލަންކާގެ ސްޓޭޓް އިންފޮމޭޝަން އޮފީހުން ބުނި ގޮތުގައި ވިސާގެ މުއްދަތު މިފަހަރު އިތުރުކޮށްފައި ވަނީ އަންނަ މަހުގެ 12އާ ހަމަޔަށެވެ. މީގެ ކުރިން އެގައުމުގައި ތިބި ބޭރު މީހުންގެ ވިސާގެ މުއްދަތު އިތުރު ކުރީ މި މަހުގެ 12އާ ހަމަޔަށެވެ.

ލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ނެރުނު ބަޔާނުގައިވާ ގޮތުން ވިސާ ފީ ދެއްކުމާއި ޕާސްޕޯޓުގައި އޭގެ ތަތްގަނޑު ޖެހުމާ ބެހޭ މައުލޫމާތު އެ ޑިޕާޓްމެންޓުން ފަހުން ދޭނެ އެވެ. އެހެންކަމުން އެ ޑިޕާޓްމެންޓުގައި ހުންނަ ވިސާ ޑިވިޝަނަށް މީހުން ނުދިޔުމަށް ވެސް އެބަޔާނުގައި ވަނީ އެދިފަ އެވެ.

އެ ބަޔާނުގައިވާ ގޮތުން ވިސާ އިތުރުކޮށްފައިވާ މުއްދަތުގައި ލަންކާ އިން ފުރަން ބޭނުން ނަމަ އެކަން އިމިގްރޭޝަނަށް އަންގަން ޖެހޭނެ އެވެ. އަދި ވިސާ އިތުރު ކޮށްފައިވާ މުއްދަތަކަށް ޖޫރިމަނާއެއް ނުނަގާނެ އެވެ.

ލަންކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގައި ކާފިއު ހިންގާ، އެގައުމަށް މީހުން ކަނޑުގެ މަގުންނާއި ވައިގެ މަގުން އެތެރެވުން ވަނީ މަނާކޮށްފަ އެވެ.

ލަންކާގައި މިހާތަނަށް 143 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ދެ މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް