ކޮރޯނާވައިރަސް: އިނގިރޭސިވިލާތުން ބޭހެއް ޓެސްޓު ކުރަނީ

އިނގިރޭސިވިލާތުން ވަނީ ކޮރޯނާވައިރަސް ބޭހެއް ޓެސްޓު ކުރަން ބަލި މީހުންނަށް ދޭން ތައްޔާރުވެފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (އޭޕްރިލް 1): ދުނިޔޭގައި މިހާރު ފެތުރެމުންދާ އާ ބާވަތުގެ ކޮރޯނާވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19 ބައްޔަށް ފަރުވާއެއްގެ ގޮތުން ދެވިދާނެ ބޭހެއް އިނގިރޭސިވިލާތުގައި ޓެސްޓު ކުރަން ތައްޔާރުވެއްޖެ އެވެ.

އިނގިރޭސިވިލާތާއި ސްކޮޓްލޭންޑުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އެ ޓެސްޓުތަކުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ގުރޫޕަކަށް ބޭސް ދޭނެ އެވެ. އަދި އެ މީހުންނަށް ބޭސް ދޭނީ ބަލީގެ އަލާމާތްތައް ކުޑަކޮށް ފެންނަ މީހުންނާއި ހާލު ސީރިއަސް މީހުން ދެ ބަޔަކަށް ބަހާލުމަށް ފަހުގަ އެވެ. އެ ޓެސްޓު ކުރިއަށްގެންދާނީ ނެޝަނަލް ހެލްތް ސާވިސްގެ 15 ސެންޓަރެއްގައި ކަމަށާއި އޭގައި ބައިވެރިވާނީ މަދު ބަޔަކު ކަމަށް ބީބީސީން ރިޕޯޓު ކުރި އެވެ.

އިނގިރޭސިވިލާތުން ޓެސްޓު ކުރަން ހަމަޖެހިފައިވާ ބޭހަކީ ގިލިއަޑް ކިޔާ ބޭސް އުފައްދާ ކުންފުންޏަކުން ހަދާފައިވާ ރެމްޑެސިވިއާ ކިޔާ ބޭހެކެވެ. އެ ބޭހުގެ ޓެސްޓުތައް އެމެރިކާ އާއި ޗައިނާގައިވެސް ދަނީ ކުރިއަށްގެންދަމުންނެވެ. އަދި އެ ޓެސްޓުތަކުގެ ނަތީޖާ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބީބީސީން ރިޕޯޓު ކުރި އެވެ.

އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ އެ ޓެސްޓުތަކުގައި އިސްކޮށް ހުންނަވާނީ އިންފެކްޝަސް ޑިޒީސް ކޮންޒަލްޓެންޓެއް ކަމަށްވާ ޑރ. އެންޑްރޫ ޔުސްޓިއަނޮސްކީ އެވެ. އަދި އޭނާ ވަނީ އެ ބޭސް ލެބޯރެޓަރީގައި ޓެސްޓު ކުރުމުން ރަނގަޅު ނަތީޖާތަކެއް ލިބިފައިވާ ކަމަށާއި ވީމާ އެ ބޭސް އިންސާނުންނަށް ދިނުމުންވެސް އެފަދަ ނަތީޖާއެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެންޓި-ވައިރަލް ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ގިލިއަޑްގެ ޖެނެރަލް މެނޭޖަރު ހިލަރީ ހަޓަން ސްކުއަޔާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ރެމްޑެސިވިއާ ދިރާސާ ކުރާތާ 10 އަަހަރު ވެދާނެ އެވެ. އަދި އެ ކުންފުނިން ވަނީ އެހެން ބާވަތުގެ ކޮރޯނާވައިރަހުން ފެތުރޭ ސާސް އާއި މާސްއާ ދެކޮޅަށް އެ ބޭސް ޓެސްޓުކޮށްފައި ކަމަށާއި އެ ޓެސްޓުތަކުން ދެއްކި ގޮތުގައި އެ ދެ ބާވަތުގެ ކޮރޯނާވައިރަހާ ދެކޮޅަށް ބޭސް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެމްޑެސިވިއާ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރަނީ އެ ވައިރަސް ހަށިގަނޑުގެ ތެރޭގައި އިތުރުވުން ހުއްޓުވައިގެންނެވެ.

ރެމްޑެސިވިއާގެ އިތުރުން އެމެރިކާއިން ދަނީ ކޮވިޑް-19 ހުންނަ މީހުންނަށް ފަރުވާ ދިނުމަށް މެލޭރިއާ ބޭހެއް ކަމަށްވާ ކްލޮރޮކުއިން ޓެސްޓު ކުރަމުންނެވެ. މީގެ އިތުރުން ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ޖަހާނެ ވެކްސިނެއް އުފެއްދުމަށްވެސް އެމެރިކާ އާއި ޗައިނާ އާއި އިތުރު ގައުމުތަކުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކޮވިޑް-19އަށް އަދި ވަކި ފަރުވާއެއް ނެތުމުން އެ ބަލި ޖެހޭ މީހުންނަށް މިހާރު ފަރުވާ ދެނީ ބަލީގެ އަލާމާތްތައް ރަނގަޅުކޮށްގެންނެވެ.

ކޮރޯނާވައިރަހަށް މިހާރު ދުނިޔޭގެ 873,700އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އޭގެ ސަބަބުން 43,288 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލި ޖެހިފައިވާ 184,771 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

comment ކޮމެންޓް