ދުނިޔޭގެ އިގްތިސާދު މިދަނީ އިނދަޖެހުމަކާ ދިމާލަށް: އދ

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓަރެސް

ނިޔުޔޯކް (1 އެޕްރީލް 2020): ކޮރޯނާ ވައިރަސް "ކޮވިޑް-19" އާއެކު މުޅި ދުނިޔެވަނީ އިގްތިސާދީ އިނދަޖެހުމެއްގެ ކުރިމަތީގައި ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެ އެވެ.

ގުޓެރެސް ވިދާޅުވީ ކޮވިޑް-19 އާއެކު މުޅި ދުނިޔެ ކުރިމަތިލާފައިވާ އިގްތިސާދީ އިނދަޖެހުމަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔެ ތަޖުރިބާކުރި އިގްތިސާދީ އިނދަޖެހުންތަކަށްވުރެ ބޮޑު އިނދަޖެހުމަކަށް ވެދާނެ ކަމުގެ ބިރަކީ ހަގީގީ ބިރެއްކަމުގަ އެވެ.

މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ

ގުޓެރެސް ވިދާޅުވީ ކޮރޯނާ ވައިރަސް އަކީ އާދައިގެ ރޯގާއެއް ނޫންކަމަށާ މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާކަމުގައެވެ. އެކަން އެނގެނީ އެރޯގާގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތައް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައަށްވުރެ ގިނަ މީހުން ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހު ގޭގައި ތިބެން މަޖްބޫރުވެފައިވާތީއެވެ.

ވައިގެ ދަތުރުތައް ހުއްޓި އެއާލައިންތަކުގެ މަތިންދާބޯޓުތައް އެއާޕޯޓްތަކުގައި ގްރައުުންޑް ކޮށްފަ

ގުޓެރެސް މިހާ ނާއުންމީދީ ގޮތެއްގައި މާޔޫސްވެ ވަޑައިގެން ވާހަކަ ދެއްކެވީ ކޮވިޑް-19 ރޯގާގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސާދީ އަދި އިޖްތިމާއީ ގެއްލުންތަކުގެ ބަލާލައި އދ. ގެ ތަޖްރިބާކާރުން އެކުލަވާލެއްވި ރިޕޯޓަށްފަހު ނިޔުޔޯކްގައި ހުންނަ އދ.ގެ މައި އޮފީހުގައި ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

25 މިލިއަނަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލޭނެ ކަމުގެ ބިރުއެބައޮތް

ގުޓެރޭޒް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައިސް 25 މިލިއަނަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލި އެމީހުންނާއި އެމީހުންގެ އާއިލާތައް ހާލުގައި ޖެހުމުގެ ބިރު އޮތްކަމަށް އދ. ގެ ތަޖްރިބާކާރުންގެ ރިޕޯޓްގައި ލަފާކޮށްފައިވާ ކަމުގައެވެ.

ޚަރަދު ކުޑަކުރުމަށް އިލްތިމާސް ކުރެއްވި

ކޮވިޑް-19 ގެ ނުރައްކަލުން ދުނިޔެއަށް އަރައިގަނެވޭނެ ދުވަހެއް ލަފާކުރަން މިވަގުތަށް ދަތިވުމަކީ އިގްތިސާދީ އިނދަޖެހުމަކާ ދިމާއަށް ދުނިޔެ ދާނެކަމުގެ ބިރު ބޮޑުވާ މައިގަނޑު ސަބަބުކަން އެ ރިޕޯޓްގައި ބުނެފައިވެއެވެ. އެހެންކަމުން ޚަރަދުތައް ކުޑަކުރުމަށް ދުނިޔޭގެ ގައުމުތަކަށާއި ކުންފުނިތަކަށާ އަދި އާއިލާތަކަށާ ވަކިވަކި ފަރުދުންނަށް އިލްތިމާސް ކުރައްވާކަމަށް ގްޓަރެސް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓް ކަމަށްވާ ލަންޑަންގެ ހީތްރޯ އެއާޕޯޓް ގެ ކައުންޓަރުތައް ފަޅަށް

އދ. ގެ ރިޕޯޓްގައި ކޮވިޑް-19 އަށްފަހުވެސް ދުނިޔޭގެ އިގްތިސާދު އާރާސްވި ނަމަވެސް އަވަސްގޮތަކަށް އެކަންނުވާނެ ކަމުގެ އިޝާރާތްތައްވެސް ވަނީ ދީފައެވެ. މިގޮތުން ދުނިޔޭގެ އިންވެސްޓަރުން (ސަރުކާރުތަކާއި ކުންފުނިތަކާއި ވަކިވަކިފަރުދުން) އެހެންގައުމުތަކުގައި ކުރާ ފޮރިން އިންވެސްޓްމަންޓްތަކުގެ މިންވަރު ކޮވިޑް-19 އަށްފަހު 40 އިންސައްތަ ދަށަށް ދާނެކަމަށް އެ ރިޕޯޓްގައި ވަނީ ލަފާކޮށްފައެވެ. މިއީ އަވަސްގޮތަކަށް ދުނިޔޭގެ އިގްތިސާދު ރިކަވާ ނުވާނެ މައިގަނޑު ސަބަބުކަމަށްވެސް ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އެެމެރިކާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ނިޔުޔޯކްގެ މަގުތައް ފަޅުވެ އިގްތިސާދީ ހަރަކާތްތައް ހުއްޓިފައި

ކޮވިޑް-19 އަށްފަހު ދުނިޔޭގެ ގައުމުތަކުން އިސްކަންދޭނީ އަމިއްލަ އިގްތިސާދު އާރާސްތުކުރަން

ކޮވިޑް-19 އަށްފަހު ދުނިޔޭގެ ގައުމުތަކުން އިސްކަންދޭނީ އެ ގައުމުގެ އަމިއްލަ އިގްތިސާދު އާރާސްތުކުރުމަށް ކަމަށާ އެހެންގައުމުތަކުގައި އިންވެސްޓްކުރަން ނޫންކަމަށް އދ. ގެ ރިޕޯޓްގައި ތަޖްރިބާކާރުންވަނީ ލަފާކޮށްފައެވެ. މިއާއެކު ގުޓަރެސް ވަނީ ކޮވިޑް-19 ރޯގާ ފެތުރިގެން ދިއުން ކޮންޓްރޯލް ކުރެވެންދެން ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކާއެކު ގައުމުތަކުގެ ރައްޔިތުން ގުޅިގެން މިހާރު އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދެމިތިބުމަށް ގޮވާލައްވާފައެވެ.

ދުނިޔޭގެ އިގްތިސާދަށް 2 ޓްރިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމެއް

އދ. ން ދުނިޔޭގެ އިގްތިސާދާބެހޭގޮތުން އދ. ން ނެރުނު ރިޕޯޓް ތައްޔާރުކޮށްފައިވަނީ ވިޔަފާރިއާއި ތަރައްގީއާބެހޭ އިގްތިސާދީ ދިރާސާތަކާބެޙޭ އދ. ގެ މުއައްސަސާ އެއްކަމަށްވާ ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް (ޔުނެކްޓަޑް) އިންނެވެ. އެ ރިޕޯޓްގައި ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް 2 ޓްރިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބޭނެކަމަށްވެސްވަނީ އަންދާޒާކޮށްފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު