ކޮރޯނާވައިރަސް: ވެލާނާ އެއާޕޯޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފަކު، ޓްރޮލީތަކެއް ގެންދަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި އެމްއޭސީއެލްއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ ވީއައިއޭގައި ފަސިންޖަރުންގެ "ޓަޗް ޕޮއިންޓް"ތައް ސެނިޓައިޒް ކުރުމާއި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލްއިން ހިއްސާކުރި ވީޑިއޯއިން ފެންނަނީ ފަސިންޖަރުން ބޭނުންކުރާ ޓްރޮލީ ފަދަ ތަކެތި ފަސިންޖަރުން އައުމުގެ ކުރިން ހުންނަނީ ސެނިޓައިޒްކޮށް، ޑިސްއިންފެކްޓް ކޮށްފައި ހުންނަ ކަމެވެ.

މީގެ އިތުރުން އެއާޕޯޓުގައި ބޭނުންކުރާ ބަސްތަކާއި ބެގެޖު ބެލްޓް ޑިސްއިންފެކްޓު ކުރާކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެމްއޭސީއެލްއިން މީގެ ކުރިން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން އެއާޕޯޓު ޑިސްއިންފެކްޓު ކުރުމުގެ އިތުރުންމި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ވެސް ރޭގަނޑު 9:00 ހެނދުނު 6:00 އަށް އެއާޕޯޓު ބަންދުކުރަން ވަނީ ނިންމާފައެވެ.

ހަމައެއާއެކު ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް19 ކޯޑިނޭޓިން ސެންޓަރެއް ވެސް އެމްއޭސީއެލްއިން ވަނީ ގާއިމުކޮށްފައެވެ.

ކޮރޯނާވައިރަސް ފެތުރުން މަދުކުރުމަށް އެމްއޭސީއެލްއިން ވީއައިއޭގައި ކުރަމުންދާ ހުރިހާ މަސައްކަތްތެއްވެސް ކުރާނީ އެ ސެންޓަރުންނެވެ.

މީގެ އިތުރުން ވީއައިއޭއިން ފުރާ މީހުންގެ ޓެމްޕަރޭޗާ ސްކްރީންކުރުމާއި އެއާޕޯޓު ޑިސްއިންފެކްޓު ކުރުމުގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއްވެސް އެއާޕޯޓުގައި ވަނީ ގާއިމުކޮށްފައެވެ.

މާޗް 27 ވަނަ ދުވަހު އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއެކު ވީއައިއޭއަށް ބޭރުގެ ފްލައިޓްތައް އައުން މުޅިން ކަހަލަ ގޮތަކަށް ވަނީ ހުއްޓިފައެވެ.

comment ކޮމެންޓް