ޑރ.ޝަހީމްގެ ގުރުއާން ޗެލެންޖަށް އެންމެންގެ ކަންފަތް!

ކޮރޯނާވައިރަސް، ކޮވިޑް-19 ފެތުރުނަނުދީ ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން އެންމެންވެސް އެދެނީ ހުރިހާ އެންމެން ގޭގައި ތިބުމަށެވެ. މިހުރިހާ ދުވަހު ނިކަން ބިޒީކޮށް އުޅުނު ދިރިއުޅުން މަޑުޖައްސާލައި މަސައްކަތެއް ނެތި ގޭގައި ތިބެންޖެހުންވީ ގިނަ ބަޔަކަށް ފޫހިކަމަކަށެވެ.

ދެން ތައާރަފްވާންފެށީ ތަފާތު އެކިއެކި ޗެލެންޖުތަކެވެ. އެއްފަހަރު ޓޮއިލެޓް ރޯލްއަކުން ސްޓޭއެޓްހޯމް ޗެލެންޖެވެ. އަނެއް ފަހަރަކު އެދު ތަންމަތި އަޅާ ޗެލެންޖެކެވެ. އެ ނޫންނަމަ ސްޓައިލް އެޓް ހޯމް ޗެލެންޖެވެ. އެންމެ ފަހުންގޮސް މިއޮތީ މި ޗެލެންޖަށް ވަރަށް ބޮޑު ފުރިހަމަ ކަމެއް ގެނެސްދީ ގުރުއާން ޗެލެންޖްއެއްވެސް ތައާރަފްވެފައެވެ.

ގުުރުއާން ޗެލެންޖް ޓްވިޓާގައި އެންމެ ފުރަތަމަ ތައާރަފްކޮށްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓާރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޖިއްދާގައި ހުންނަވާ ސަން އާއި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި މި ޗެލެންޖް ފެއްޓެވުމުގެ މަގްސަދަކީ ގޭގައި ތިބޭއިރު މިލިބޭ ހުސްވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ގުރުއާން ކިޔެވުމަށާއި އަޑުއެހުމަށް ހިތްވަރުދިނުމެވެ.

" އެގިވަޑައިގަންނަވާނެ މި ވައިރަސް ކަންތައްތަކުގައި ހުރިހާ ގައުމެއްހެން ލޮކްޑައުންކޮށް ހުރިހާ އެންމެންވެސް ގޭގައި މިތިިބެނީ. ދެން އެ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގުރުއާން ކިޔެވުމުގެ ޕްރޮގްރާމެއް މިފެށީ. ގުރުއާން ކިޔަވާ ގުރުއާން ދިރާސާ ކުރުމަސް ލިބޭ ފުރުސަތެއް މިއީ" ވިދާޅުވިއެވެ.

މިހާތަނަށް ޗެލެންޖްގައި އެތަށް ސަތޭކަ ބަޔަކު ބައިވެރިވެފައިވާއިރު ހާހުން މީހުން ދަނީ މި ވިީޑިއޯތަށް ރީޓްވީޓްކޮށް ސޯޝަލް މީޑީއާތަކުގައި ޝެއާކުރަމުންނެވެ. ޗެލެންޖަށް ދައުވަތުދެވި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ މިނިސްޓަރުންނާއި، ވުޒާރާތަކުގެ އިސްވެރިންނާއި، ސިޔާސީ ބޭފުޅުންނާއި، ގާރީންނާއި އިމާމުންނާއި، އާންމު ފަރުދުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

ޑރ.ޝަހީމް ވިދާޅުވަނީ މި ހަރަކާތަށް 'ޗެލެންޖެއްގެ' ނަން ދެވުނަސް މިއީ ޗެލެންޖެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ސިޔާސީ ފަރާތްތަކާއި އެކި ފަންނުތަކުގައި އުޅުއްވާ ބޭފުޅުންނަށް މިދެވޭ ދައުވަތަކީ މިހަރަކާތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ދެވޭ ދައުވަތެކެވެ.

"ވަރަށް ގިނަ ސިޔާސީ ބޭފުޅުންވެސް ބައިވެރިވެއްޖެ. އަދި ބައެއް ބޭފުޅުން ގުރުއާން ވިދާޅުވާތަން އާންމުންނަށް މި ފެންނަނީވެސް މުޅީން އަލަށް. ވަރަށް ރީތިކޮށް ކިޔަވާ ވިދާލުވާ ބޭފުޅުންވެސް އެބަތިބި. އެބޭފުޅުންގެ ވީޑީއޯތައްފެނި ޝެއާކޮށް އެކަމާ އުފާވެ އެތަށް ބަޔަކު ކޮމެންޓްވެސް ކުރޭ. ރައްޔިތުންގެ ހިތުގައި އެބޭފުޅުންނަށް ދެވިފައިވާ ލޯތްބާއި އިހްތިރާމްވެސް އިތުރުވެގެން ހިނގައްޖެ" ޝަހީމް ވިދާޅުވިއެވެ.

މިކަމުގައި ވަކި ޕާޓީއެއް، ވަކި ފިކުރެއް، ވަކި ހިޔާލެއް ނެތެވެ. ވަކި ފަންތިއެއް ވަކި ގިންތިއެއް ނެތެވެ.

ގުރުއާން ޗެލެންޖްގެ އިތުރުން މި ދުވަސްކޮޅު ރާއްޖޭގެ ގަޑިން 10 ޖަހާއިރު ކޮންމެ ރެއަކުވެސް ފޭސްބުކް މެދުވެރިކޮށް ގުރުއާނުގެ އިލްމާއި ތަފްސީރު ގެ ޕްރޮގްރާމެއްވެސް ޑރ.ޝަހީމް ކުރިއަށްގެންދަވައެވެ. މި ޕްރޮގްރާމުގައި ގުރުއާނުގައި ހުންނަ އެކިއެކި އިލްމީ ވާހަކަތަކާއި މާނަތައް އާންމުންނާއި ހިސާބަށް ގެނެސްދެވެއެވެ.

ހަމައެޔާއެކު، ގުރުއާން ޗެލެންޖާއި އެކީގައި ގުރުއާން ޚަތިމް ކުރުމުގެ ހާއްސަ ހަރަކާތެއްވެސް ވަރަށް ފޯރިއާއި އެކީގައި ކުރިއަށް އެބަދެއެވެ. މި ފެށުނު އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ގުރުއާން ޚަތިމްކޮށް ނިންމުމަށް އަމާޒުހިފާފައިވާ މި ޕްރޮގްރާމުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިިވެރިވަމުންނެވެ.

ބައެއް މީހުން ކޮށްފައިވާ ޕޯސްޓްތަކުގައި މިހާރު ކިޔާ ނިންމާފައިވާ ފޮތްތަކުގެ އަދަދުތައްވެސް ވަނީ ހާމަކޮށްފައެވެ.

ޑރ.ޝަހީމް ވިދާޅުވީ މުސްލިމުންގެ ހައިސިއްޔަތުން މި ދަނޑިވަޅުގައި ކުރުން އެންމެ މުހިންމު ކަމަކީ މާތްﷲ ސުބުހާނަހޫ ވަތައާލާއަށް ކުއްތަންވުމާއި ހެޔޮދުއާކުރުމާއި އަދި ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވުމެވެ.

މިއީ އާދައިގެ ކަމެއް ނޫން. އިސްލާމީ ތާރީހުގައިވެސް މިއީ ހިތްދަތި ވަގުތެއް. މަސްޖިދުލް ހަރާމް ބަންދުވެފައި. މަސްޖިދުލް ނަބަވީ ވަނީ ބަންދުވެފައި. މަސްޖިދުލް އަޤްސާ ވަނީ ބަންދުވެފައި. އެތަށް މިސްކިތެއް ވަނީ ބަންދުކުރެވިފައި. ޖަމާއަތް ގާއިމް ނުކުރެވޭ. ހުކުރު ނަމާދެއް ނުކުރެވޭ. އެހެންކަމުން މިކަމުން ފިއްލެވުން އެދި ﷲގެ ހަޒްރަތުގައި ދުޢާކޮށް ވާގިފުޅަށް އެދުމަކީ ވަރަށް މުހިންމުކަމެއް" ޝަހީމް ފާހަގަކުރެއްވިއެވެ.

ގުރުއާން ޗެލެންޖް ފުރިހަމަ ކުރުމަށް އަދިވެސް ވަގުުތު އެބައޮތެވެ. އަވަހަށް ކުރިއަށްގެންދާށެވެ.

comment ކޮމެންޓް