ބަހަނާއެއް ނެތެވެ؛ މިރަށް ދަނޑުވެރިކަމަށް ހުޅުވާލާށެވެ.

އދ. އަރިޔަދޫ: މި ރަށް ދަނޑުވެރިކަމަށް ދޫކުރަން ޖެހޭ --

އެއީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ފަހު އަހަރުތަކެވެ. ރާއްޖެ ކާޑަށް ޖެހުނެވެ. އެ ފަހަރު ރާއްޖެ ކާޑަށް ޖެހުނީ ދުނިޔޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްގެން ކަމަށް އެއްވެސް ރެކޯޑަކުން ފެންނާކަށް ނެތެވެ. އެކަމަކު އޭރު ރާއްޖެ އަށް ބޭރު ފައިސާ ލިބުނު ހަމަ އެކަނި ވަސީލަތަކީ ރާއްޖޭގެ ހިކި ކަނޑުމަސް ސްރީލަންކާ އަށް އެކްސްޕޯޓްކޮށްގެން ލިބުނު ފައިސާ އެކަންޏެވެ. ނަތީޖާއަކީ ދިވެހި ރައްޔިތުންގެ މައިގަނޑު ކާޑުގެ ބާވަތްތައް ކަމުގައިވާ، ހަނޑޫ، ހަކުރު އަދި ފުއް އެތެރެ ކުރީ އެތަކެތި އެކްސްޕޯޓްކޮށްގެން ލިބުނު ފައިސާ ކަމުގައިވުމެ އެވެ.

އެކަން އެހެން އޮއްވައި 1970 ވަނަ އަހަރު ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު ދެ ވަނަ ފަހަރަށް މިސިޒު ބަންޑާރަނައިކަ ކާމިޔާބު ކުރެއްވި އެވެ. އަދި ލަންކާގެ އިގްތިސާދު ނެޝެނަލައިޒު ކުރައްވައި ލަންކާ އަށް ބޭނުންވާ ތަކެތި އެ ގައުމުގައި އުފެއްދުމުގެ ސިޔާސަތެއް ސިރިމާވޯ މިސިޒު ބަންޑާރަނައިކަ އެކަށައެޅުއްވި އެވެ.

އެ ދުވަސްވަރު ކޮޅުބުގައި ހުންނެވި ދިވެހި ސަފީރަކީ ހުސައިން އަލިދީދީ އެވެ. މިސިޒު ބަންޑާރަނައިކަ ދެ ވަނަ ދައުރަކަށް އިންތިހާބުވިތާ މާކަ ގިނަ ދުވަހެއް ނުވެ، ބޮޑުވަޒީރާ ބައްދަލު ކުރުމުގެ ފުރުސަތު ސަފީރަށް ލިބިވަޑައިގަތެވެ. ސަފީރު ބޮޑުވަޒީރު އަރިހަށް ވަޑައިގަތީ، އޭރު ކޮޅުނބުގައި ހުންނެވި ދިވެހި ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް، ކޮލި އަލީ މަނިކާ އެކު އެވެ. އަލި މަނިކުގެ ލޮގު ފޮތުގައި ލިއުއްވާފައިވާ ގޮތުގައި، ފުރަތަމަ ވެސް ބަންޑާރަނައިކަ ވާހަކަ ފެއްޓެވީ، އޭނާ ވަރަށް ފަހުން އޭނާ އިންތިހާބުވި ސަރަހައްދަށް ވަޑައިގަތް ކަމަށާއި އެހިސާބުން އޭނާ އަށް ލިބިވަޑައިގަތް ޝަކުވާއަކީ "އެހިސާބުގަނޑުގައި ކުދިން ބޯނެ ކިރު ނުލިބިގެން ރޯ ވާހަކަ" ކަމަށެވެ. އަދި ވިދާޅުވީ އެކަން އެހެން އޮއްވައި ރާއްޖޭގެ ހިކި ކަނޑު މަސް ސިލޯނަށް ގަންނާނީ ކިހިނެއްތޯ އަޑަށް ބާރުލައްވާފައި ވިދާޅުވި ކަމަށެވެ. އަދި އެކަމަނާ ވިދާޅުވި ކަމަށް އަލި މަނިކު ލިއުއްވާފައިވެ އެވެ؛ "ސިލޯނުން ދިވެހި ހިކި ކަނޑު މަސް ގަންނާނެ ކަމަށް ނުބެލުމަށާއި ކޮންމެ އަހަރަކު ރާއްޖެ އިން އެތެރެ ކުރާ މަސް 15 އިންސައްތަ މަދު ކުރުމަށް [ދިވެހި] ސަރުކާރުގައި ދެންނެވުމަށް،" އެދިވަޑައިގަތް ކަމަށެވެ. އަދި އޭގެ ހަ އަހަރު ފަހުން ދިވެހި ކަނޑު މަސް ވިއްކުމަށް އެހެން ގޮތެއް ހޯދުމަށް ވެސް ބަންޑާރަނައިކަ ވިދާޅުވި ކަމަށް އަލި މަނިކު ލިއުއްވާފައިވެ އެވެ.

ރާއްޖެ ކާޑަށް ޖެހި، ޒުވާރި ކާން ޖެހުނީ، ބައެއް އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި، އޭގެ ފަހުންނެވެ. އެއީ ގާތްގަނޑަކަށް ހަތްދިހައިގެ މެދު ތެރެ އެވެ.

އޭރު ދިވެހި ސަރުކާރުގެ އެންގުމަށް ރަށްރަށުގައި ދަނޑުތައް ހެއްދުމަށް އެންގި އެވެ. އަޅުގަނޑު ވަރަށް ކުޑަކޮށް ހަނދާންވާ ގޮތުގައި މަންމައާ އެކު އަދި މަންމައަށް އެހީވުމަށް ދަނޑަށް ގޮސް އުޅުނު ހަނދާންވެ އެވެ. ރަށުގެ ކޮންމެ ގެ އަކަށް ގާތްގަނޑަކަށް 5000 އަކަފޫޓުގެ ދަނޑެއް އޮވެ އެވެ. މައިގަނޑު ގޮތެއްގައި ހެއްދީ ބިންބި އެވެ. ބިންބީގެ އިތުރަށް ފިޔާ އާއި ބަރަބޮލާއި ތޮރާ، ފުފޫ، ހިކި މިރުސް، އަދި ކަރާ ވެސް ހެއްދި އެވެ. ތެދަށް ބުނާ ނަމަ އަޅުގަނޑުމެންގެ އޭރުގެ މައިގަނޑު ކެއުމަކީ ބިންބިން އުފައްދާ ކާނާ އާއި މަދު ފަހަރަކު ލިބޭ ބަތްކޮޅު ގިނަ ކުރުމަށް އަޅާފައި ހުންނަ ވަނދު ބަނބުކޭލު ބަތެވެ. ލައިގެން ކާއެއްޗެއްގެ ގޮތުގައި މައިގަނޑުކޮށް ލިބުނީ ރިހާކަރު ދިޔަ އެވެ.

ތެދު ފުޅެކެވެ. ބިންބި ހައްދައި އެ އޭގެ ކުރާގަނޑުން ބިންބި އޮއް ވަކި ކުރުމުގެ މަސައްކަތަކީ ބުރަ އަދި އެހާމެ އުނދަގޫ ކަމެކެވެ. އެހެނަސް އެއް މޫސުމުގައި ހައްދާ ބިންބިން އަނެއް ހަ މަސް ދުވަހަށް ގުދަންކޮށް ރައްކާ ކުރެވެ އެވެ. ބަނޑަކަށް ނުޖެހެ އެވެ.

ރާއްޖޭގެ ދެކުނުގެ ރަށްތަކުގައި މައިގަނޑު ކެއުމެއްގެ ގޮތުގައި ބޭނުން ކުރީ އޮޅު އަލަ އެވެ. ކޮންމެ ގެއަކަށް ވެސް އޮޅުދަނޑެއް އޮވެ އެވެ. ނަތީޖާއަކީ އެ މީހުން ވެސް ބަނޑަށް ނުޖެހި ސަލާމަތްވުމެވެ. ރާއްޖޭގެ އުތުރުގައި ކަން ކުރި ގޮތެއް ނޭނގެ އެވެ. ގަބޫލު ކުރެވެނީ އެ މީހުން ވެސް ދަނޑުތައް ހައްދައިގެން ކައި ބޮއިގެން އުޅުނު ކަމެވެ. ގޯތީގެ ވަލު ފަރާތުގައި ތަރުކާރީ އާއި ތަފާތު މޭވާތައް ހައްދާނެ ބިންތައް އޮތުމަކީ ވެސް ކައިބޮއި އުޅުމަށް މަގުފަހިކޮށްދިން ކަންކަމެވެ.

މިއަދު އެ ފުރުސަތެއް ނެތެވެ. ގޯތިތައް ވަނީ ފޮތި ފޮއްޗަށް ކޮށައި ކުދި ކޮށްފަ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް މަދު ރަށެއް ނޫނީ ހުސް ބިންކޮޅެއް ނެތެވެ. އެފަދަ ތަނެއް އޮތަސް އޮންނަނީ "ބިދޭސީންގެ" ކޮންޓްރޯލުގަ އެވެ. އެއީ ވެސް ދައްކައި ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އެކަމަކު އެ ވާހަކަ މިފުރުސަތުގައި ނުދައްްކާނަމެވެ.

ރާއްޖޭގެ އިގްތިސާދުގެ މޫނުމަތި ބަދަލުކޮށްލީ 1972 ވަނަ އަހަރު ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވުމާ އެކު އެވެ. އެ ހިސާބުން އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން "އޮޅިއްޖެ" ވާހަކަ އެވެ. ހުރިހާ ކަމަކީ ޓޫރިޒަމް ކަމަށް ހަދައިފި އެވެ. އަރިއަތޮޅުގައި ދޫނި އަރާ ފިނޮޅެއް އޮތަސް، މިހާރު އޮތީ ޓޫރިޒަމް ރަށެއްގެ ގޮތުގައި ބޭނުންކޮށްފަ އެވެ. ބާކީ އޮތީ ހަމަ އެކަނި އެންމެ ރަށެކެވެ. އެއީ އަރިއަދު އެވެ. އެ ރަށަކީ ގާތްގަނޑަކަށް 30 ވަރަކަށް ހެކުޓަރުގެ ރަށެކެވެ. އެ ރަަށް ވަގުތުން ދަނޑުވެރިކަމަށް ނޫނީ ކަލްޓިވޭޝަނަށް ދޫކުރުމަށް ގޮވާލަމެވެ.

ބަހަނާ ނުދައްކަވާށެވެ. ކުރީ ސަރުކާރުން އެ ރަށް ވަކި ކުރީ ނުގަވައިދުން ކަމަށް ހައްދަވަން ނޫޅުއްވާށެވެ. އެ ރަށް ވަކި ކުރީ ނުގަވައިދުން ކަމަށް ހައްދަވަން މަަސައްކަތް ކުރާ ނަމަ، ކުރީގެ ސަރުކާރުން އެ ގޮތަށް ނިންމާފައިވާ ހުރިހާ ނިންމުމަކީ ވެސް ނުގަވައިދުން ނިންމާފައިވާ ނިންމުން ކަމަށް ހައްދަވާށެވެ. ވޭތުވެ ދިޔަ ވިއްސަކަށް އަހަރު އެ އޮއް ބޮޑު ރަށް ބޭނުން ކުރީ ވަކި ބޭފުޅެއްގެ ހޮލިޑޭ ހޯމެއްގެ ގޮތުގަ އެވެ. އެ ހިސާބުގަނޑު ބަޔަކަށް އެ ރަށުން އެއްވެސް މަންފާއެއް ލިބުމަކާ ނުލަ އެވެ. ދެން ވެސް އެކަން އެގޮތަށް ކުރައްވަން ނޫޅުއްވާށެވެ. ރާއްޖޭގެ ބިން މަދުވެއްޖެ އެވެ. ދޮން މީހުންނަށް ޖިޒީ ދިން ޒަމާން ނިމި ހިނގައްޖެ އެވެ. ސިޔާސީ ބާރުވެރިކަން ހޯދުމަކީ ރާއްޖޭގެ ބިންތައް ނަހަމަ ގޮތުގައި ބޭނުން ކުރަން ލިބޭ ތަޅުދަނޑިއެއް ނޫނެވެ. ކޮރޯނާ ރޯގާ އެކު ދިވެހިންގެ ނިކަމެތިކަން އަދި ވެސް އިހުސާސް ނުވަނީތޯ އެވެ. ފުޑް ސިކިއުރިޓީ އޮތީ މިހާރު ރާއްޖޭގައި ހުރި މިފަދަ ރަށްތައް ދަނޑުވެރިކަމަށް ދޫކޮށް އެއިން ނަފާ ހޯދުމަށް މަސައްކަތް ކުރުމުން ނޫންތޯ އެވެ؟

މާމިގިލީ ކަތީބު އާއިލާ: ފުރަތަމަ ބަރީގައި އިށީންދެގެން (ކ.4) އަރިއަދޫ އައްޔުބެ --

އެ ރަށުގެ މިލްކުވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާ ނަމަ އެ ފުރުސަތު ވަކި އަޅުގަނޑުމެންނަކަށް ވެސް ކުޑައެއް ނޫނެވެ. އެއީ ކިލެގެފާނުގެ ޒަމާނުއްސުރެ، ފުރަތަމަ އެއްފަތް މައްޗަށް 30 އަހަރު އަދި އެ އަށް ފަހު 15 ވަރަކަށް އަހަރު އަޅުގަނޑުގެ މުނިކާފަ ވެސް އެ ރަށް ލިއުއްވައިގެން ބޭނުންކޮށްފައި ވާތީ އެވެ. އަޅުގަނޑުގެ މުނި ކާފަގެ ނަމަކީ ވެސް "އަރިއަދޫ އައްޔުބެ" އެވެ.

އަޅުގަނޑުގެ ބޭނުމަކީ އެހެނޭ ކިޔާފައި އެއީ އަޅުގަނޑުމެންގެ ރެށެއް ކަމަށް ދައުވާ ކުރުމެއް ނޫނެވެ. އެ ރަށް ކަލްޓިވޭޝަނަށް ނެރުވުމެވެ. ބީލަމުގެ އުސޫލުން، އެކަމަކު ބަޔަކަށް އެކަން ކުރެވޭ ފަދަ ގޮތަށް އެ ފުރުސަތު ހުޅުވާލުމެވެ. ފަހަރަރެއްގައި ވެސް ކޮމިއުނިސްޓް އުސޫލުން، ސިރިމާވޯ މިސިޒު ބަންޑާރަނައިކަ ލަންކާގެ އެކޮނަމީ ނޭޝަނަލައިޒު ކުރި ގޮތަށް އެކަން ކުރާ ވާހަކައެއް ވެސް ނޫނެވެ. އެކަމަކު ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ ވާހަކަ އެވެ. މަދުވެގެން ދުވާލެއްގެ އެއް ކެއުމަކީ އަމިއްލަ ގައުމުގައި ހައްދާ ތަކެތީގެ ކެއުމަށް ހަދާ ވާހަކަ އެވެ. މިއީ އެފުރުސަތެވެ. ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ.

comment ކޮމެންޓް