ހެޔޮ ނުވާނެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވަމާ ހިނގާށެވެ.

އަލަ ދަނޑެއް

ދިވެހި ކަނޑުތަކުގައި މަސްމަހާމެއްސާއި ކަނޑުގެ ދިރުމުގެ ބިޔަ ޚަޒާނާއެއް އެބައޮތެވެ. ދިވެހިރާއްޖޭގައި އިންޑިޔާ ކަނޑުގެ އެންމެ ރަނގަޅު ޓްރާންސްޝިޕްމަންޓް ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ވަރުގެ ބަނދަރެއް ހެދިދާނެއެވެ. ދިވެހީންނަށް އޭޝިޔާގެ ދެކޮޅު ގުޅުވައިލައިދޭ ވަރުގަދަ އެއަރލައިނެއް ގާއިމު ކުރެވިދާނެއެވެ. ދިވެހިރާއްޖޭގައި ކަނޑުބޯޓުފަހަރު ބަނދެގެން މުޅި ދުނިޔެއަށް ވިއްކުމުގެ ސިނާއަތެއް ވެސް ގާއިމު ކުރެވިދާނެއެވެ. ދުނިޔޭގެ ފެންވަރުގެ ޝިޕިންގް ލައިނެއް ވެސް ހެދިދާނެއެވެ. ދިވެހިރާއްޖޭގައި ބިމަކީ ވަރަށް މަހުދޫދު ވަސީލަތެއް ކަމުގައި ވީ ނަމަވެސް، ދިވެހި ބިމުގައި ދިވެހީންގެ ކެއުމުގެ ތެރޭގައި ހިމެނޭ އެތައް ބާވަތެއް ހައްދައިގެން، އިންޕޯޓު އެތައް ތަނަކުން މަދު ކުރެވިދާނެއެވެ. ދުނިޔޭގައި ބޮޑެތި ބަލިމަޑުކަމުގެ ހާލަތުތަކާއި ހަނގުރާމަތައް ހިނގާ ހާލަތުތަކުގައި، އެންމެ ކުޑަމިނުން މުޅި އާބާދީ ބަނޑަށް ނުޖެހި ތިބެވޭ ވަރު ކުރެވިދާނެއެވެ.

މި ދެންނެވި ގޮތްގޮތުން ގައުމު ތަރައްގީ ކުރެވިއްޖެ ނަމަ، މާތްރަސްކަލާނގެ ރަހުމަތްޕުޅާއި ތައުފީގާ އެކު، އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ގައުމުގެ އާމުދަނީގެ ވަށިގަނޑަށް އިތުރު ކުރެވި، ބޭރުން ތަކެތި އެތެރެ ކުރާން ޚަރަދު ކުރާ އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ސަލާމަތް ކުރެވޭނެއެވެ.

އެންމެ މިސާލަކަށް ބަލަމާ ހިންގަވާށެވެ. އަޅުގަނޑުމެން ކުޑަ އިރު، ފުވައްމުލަކުގެ ރައްޔިތުންގެ މައިގަނޑު ކެއުމަކީ އަލަޔާއި ބަނބުކޭލެވެ. ޚާއްސަކޮށް އަލައެވެ. އެއިރު ފުވައްމުލަކުގެ ކޮންމެ އާއިލާއެއްގެ މިލްކުގައި އާއްމުކޮށް ތިންހަތަރު އަލަދަނޑު އޮންނާނެއެވެ. އެއިން ދަނޑެއްގެ ބޮޑުމިނުގައި ތިން ހަތަރު ހާސް ނުވަތަ ހައެއްކަ ހާސް އަކަފޫޓު ހުންނާނެއެވެ. ކޮންމެ ދަނޑެއް ކަހަލަ ގޮތަކަށް އޮންނާނީ ސާފު ކޮށްފައެވެ. އެއިން ދަނޑަކަށް ދިޔަ ކޮންމެ މީހަކަށް ވެސް، އެއީ އިންސާނުން ގެންގުޅޭ، އިންސާނުން ބަލަހައްޓާ، އިންސާނުން ބޭނުން ކުރާ ތަންތަންކަން އެނގޭނެއެވެ. ގޮދަން ފުށާއި ހަނޑުލަކީ ވެސް އެއިރުގެ އާއްމު ކެއުމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ދެ ބާވަތެވެ. ނަމަވެސް އެއާ އެއްވަރަކަށް، އަލަޔާއި ބަނބުކެޔޮ ވެސް މީހުން ކައިއުޅުނެވެ. ނަމަވެސް މިހާރު ފުވައްމުލަކުގައި މަދުން ނޫނީ ފުވައްމުލަކު ރައްޔިތަކު، ދިވެއްސަކު ބަލަހައްޓައި ބޭނުން ކުރާ އަލަދަނޑެއް ނެތެވެ. ގިނަ އަލަދަނޑުތައް ވައު ވެ ހަލާކު ވެހިނގައްޖެއެވެ. އެއިރު ކުޅަދާނަކަމާ އެކު ހަތަރު ފަސްހާސް އަކަފޫޓުގެ އަލަދަނޑުތައް ބެލެހެއްޓި މައިންބަފައިންގެ ދަރީންނަށް، މިއަދަކު އަލަދަނޑެއްގައި ފައި އަޅާކަށް ވެސް ނޭނގެއެވެ. އަލަދަނޑަކުން އަޅުގަނޑުމެންނަށް އަލައެއް މިއަދު ލިބެނީ، އެއްކަލަ ބަންގްލަދޭޝް މަސައްކަތު މީހާ އަލައެއް ކަނޑައިފައި ދިނިއްޔާއެވެ. އޭނާ ދޭނީ ވެސް އޭނާ ހިތުހުރި އަގެއްގައެވެ. ރަނގަޅަށް ބަލައިލާ އިރު، އެ ބަންގްލަދޭޝް މަސައްކަތު މީހާ ދިވެހިރާއްޖެ އެތެރެ ވީކަން، އެއީ ކޮން ނަމެއް ކިޔާ ކާކުކަން، އޭނާ ރާއްޖޭގައި ކުރަނީ ކީއްކަން ދަންނަ އެއްވެސް އިދާރާއެއް ދިވެހި ދައުލަތުގައި ނުވެސް ހުރެއެވެ.

މިއީ ތަންފުކެއް ބޮޑުވަރު ނޫންތޯއެވެ؟

އަޅުގަނޑުމެންގެ ބިން ކުޑައޭ، ވަސީލަތްތައް މަދޭ ކިޔަކިޔައި ތިބެވިދާނެއެވެ. އެއީ އެއް ގޮތެވެ. އެކަމަކު އެހެން ގޮތެއް ވެސް އެބައޮތެވެ. އެޔަށްވުރެ ރަނގަޅު ގޮތެކެވެ. ނައްސި ނޫން، ފައްސި ވިސްނުމަކުން ވިސްނުމުގެ ގޮތެވެ. ކުޑަޔަސް، މަދަސް، މާތްރަސްކަލާނގެ ދެއްވި އެއްޗެއްގެ ބޭނުން ޝުކުރުވެރިކަމާއި ހީވާގިކަމާ އެކު ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ ގޮތެވެ. ފުވައްމުލަކާއި، ރާއްޖޭގެ އެހެން ވެސް އެތައް ރަށެއްގައި އޮތް ބިންތަކުގައި، ހެއްދޭނޭ ތަކެތި ހެއްދުމުގެ މަގެވެ.

އަޅުގަނޑުމެންގެ ކަންނެތްކަން ހުރި ވަރީތޯއެވެ؟ ދިވެހި ބިމުގައި ހުރި އެތައް ލައްކަ ރުކެއްގައި އަޅާ ތަކެތީގެ ތެރެއިން ބޮޑު ބައެއް، ރުކުގައި ހުރެ ހަރު ވެގެން ބިންމައްޗަށް ވެރި، ބިންމަތީގައި ހުރެގެން ނެތިގެން ހަލާކު ވެގެން ދަނީއެވެ. ކުރުނބަޔާއި ގަބުޅިޔާއި ކާށީގެ ގޮތުގައި އެއިގެ ތެރެއިން ބާޒާރުތަކާ ހަމަޔަށް ގެނެވެނީ އިންސައްތައިން ކިޔާ ނަމަ މަދު ބައެކެވެ. އެ ގެނެވޭ ބައިގެ ތެރެއިން ވެސް ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ އެއްކަލަ ބަންގްލަދޭޝްގެ ކާކުކަން ނޭނގޭ، ޕާސްޕޯޓެއް، ވިޒާއެއް ނެތި ރާއްޖޭގައި ހިތަކަށް އުޅޭ މަސައްކަތު މީހާއެވެ. އޭނާ ދިވެހި ރުކުގައި އަޅާ ދިވެހި ކުރުނބާ ގެނެސް، ދިވެހީންނަށް ކުރުނބައެއް ތިރީސް ރުފިޔާޔަށް ވިއްކީމާ، އަޅުގަނޑުމެން ކުރާ ކަމަކީ ބިޓު ފަހަތަށް ލައިގެން ސައިކަލު ދުއްވަމުން އެ ކުރުނބާ ބޮއިގެން، ބިދޭސީ މީހާޔަށް ފައިސާ ދިނުމެވެ.

ދިވެހި ކަނޑުތަކުގައި މަސްމަހާމެއްސާއި ކަނޑުގެ ދިރުމުގެ ބިޔަ ޚަޒާނާއެއް އެބައޮތޭ ކުރީން ދަންނަވައިފީމެވެ. ނަމަވެސް މަޑުމަޑުން ހާލަތު ބަދަލު ވަމުން މި ދަނީ، އެ ކަނޑުން މަހެއް ވެސް، އެއްކަލަ ބަންގްލަދޭޝް މަސައްކަތު މީހާ ނަގައިފައި ދިނިއްޔާ ނޫނީ ދިވެހީންނަށް ނުކެވޭ ހިސާބަށެވެ.

ދިވެހީން ކައިބޮއިއުޅޭ ތަކެތީގެ ތެރެއިން ރާއްޖޭގައި ހެއްދޭނެ މިންވަރަކީ ކޮބައިކަން ދެނެގަންނާން ސަރުކާރުގެ އިދާރާތަކުން ދިރާސާތައް ކުރާން އެބަޖެހެއެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުން ވަނީ އަހަރަކު ކިތައް ޓަނުގެ މިރުސްތޯ ބެލިދާނެއެވެ. އެއިގެ ތެރެއިން، ދިވެހި ބިމުގައި ހެއްދޭނީ ކިހައި މިންވަރެއްތޯ ބެލިދާނެއެވެ. ދެން ދިވެހި ދަނޑުވެރިކަމުގެ ތެރެއިން އެ މިންވަރަށް މިރުސް ހެއްދީމާ، އިންޕޯޓު ކުރާން އޮންނާނީ ބާކީ އޮންނަ މިންވަރެއް ނޫންތޯއެވެ؟ މި ގޮތަށް، ދަނޑުވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމުން، ރާއްޖޭގެ ދަނޑުވެރި ބިންތައް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ކުރެވޭނެއެވެ. އޭގެ ފައިދާ މުޅި ގައުމަށާއި، އެންމެހައި ރައްޔިތުންނަށް ކުރާނެއެވެ. މިގޮތުން ދަނޑުވެރިކަން ތަރައްގީ ކުރާ އިރު، ދަނޑުވެރީންނަށް ރައްކައުތެރި ގަސްކާނާޔާއި، ގަސްތަކަށް ޖަހާނޭ ރައްކައުތެރި ބޭސް ފޯރު ކޮށްދިނުމަށާއި، އަދި ދަނޑުވެރީންނަށް އެކަށޭނަ ފައިދާއެއް ލިބިފައި މެ ކުޑަ އަގުތަކެއްގައި ތަކެތި ބާޒާރަށް ދަނޑުވެރިކަމުގެ ތަކެތި ފޯރު ކޮށްދިނުމަށް ޓަކައި ދަނޑުވެރީންނަށް ދައުލަތުން ސަބްސިޑީ ދިނުމަކީ، ކަރަންޓާއި ފެން ބިލުން ސަބްސިޑީ ދިނުން ފަދަ ކަންކަމަށް ވުރެ ގައުމަށް ފައިދާ ހުރި ކަންކަމަށް ވާނެއެވެ.

ދައުލަތުގެ ޚަރަދުގައި ފަތުރުވެރިކަމުގެ ދާއިރާޔަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތް އެބަ ކުރެއެވެ. ގައުމީ ޔުނިވަރުސިޓީގެ ފެކަލްޓީއެއްގައެވެ. އެއީ ހަމަ ގައުމީ ޔުނިވަރުސިޓީއަކުން ކުރާން ޖެހޭ ކަމެއް ބާވައެވެ! ގައުމީ ޔުނިވަރުސިޓީއަކީ އަމިއްލަ ވިޔަފާރިވެރީން ކޮންޓްރޯލް ކުރާ ބޮޑެތި ސިނާއަތްތަކަށް ލޭބަރުން ތަމްރީނު ކޮށްދޭ "ވޮކޭޝަނަލް ޓްރެއިނިންގ" ސެންޓަރަކަށް ވާން ހަމަ ޖެހޭ ބާވައެވެ! އެންމެ ރަނގަޅެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ ގައުމުގެ އިގުތިސާދަށް މުހިއްމު ސިނާއަތެއް ކަމުގައި ވާތީ، އެ ސިނާއަތަށް މީހުން ބިނާ ކުރުމަށް ޓަކައި ދައުލަތުން މުއައްސަސާއެއް، ގައުމީ ޔުނިވަރުސިޓީއާ ވަކީން ނަމަވެސް، ހަދައިފައި ހުރުމަކީ ވެސް ގޯހެއް ނޫނެވެ. އެކަމަކު، ފަތުރުވެރިކަމަށް މީހުން ތަމްރީނު ކުރާ ފަދައިން، ދައުލަތުން ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރި އެރުވުމަށް ޓަކައި ދަނޑުވެރިކަން ކިޔަވައިދޭ މަރުކަޒެއް ގާއިމު ނުކުރަނީ ކީއްވެގެން ބާވައެވެ! މަސްވެރިކަން ކިޔަވައިދޭ ތަނެއް ނުހިންގަނީ ކީއްވެގެން ބާވައެވެ!

ދިވެހީން އަމިއްލަ ފައިމައްޗަށް ތެދު ވާން އެބަޖެހެއެވެ. އަމިއްލަ ފައިމައްޗަށް ތެދު ވުމަށް ޓަކައި އެތައް ކަމެއް ކުރާން އޮތް އިރު، އޭގެ ތެރެއިން އެންމެ މުހިއްމުކަން ބޮޑު، އެންމެ އަވަހަށް ކުރާން ޖެހިފައި އޮތް އެއް ކަމަކީ، އަޅުގަނޑުމެން ކައިބޮއި އުޅޭ ތަކެތި ވީ ވަރަކުން އަޅުގަނޑުމެން އަމިއްލަޔަށް، އަމިއްލަ ގައުމުގައި އުފެއްދުމުގެ ގާބިލުކަން ގައުމުގައި އުފެއްދުމެވެ. ރާއްޖޭގައި އުފެއްދޭނޭ އެއްވެސް އެއްޗެއް ބޭރުން އެތެރެ ނުކޮށް އުޅެވޭ ދުވަހެއް ގެނެވޭތޯ މަސައްކަތް ކުރުމެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ނުއުފެއްދޭ، ރާއްޖޭގައި ނުހެދޭ ތަކެތި ބޭރުން ގެންނާން ވީއެވެ. އާފަލާއި އޮރެންޖާއި މޭބިސްކަދުރު ފަދަ މޭވާތަކާއި، އެ ނޫން ވެސް ރާއްޖޭގައި ނުހެއްދޭ ތަކެތި އިންޕޯޓު ކުރާން ވީއެވެ. އަދި ރާއްޖޭގައި ހެއްދޭ އެއްޗެއް ވެސް، ހެއްދޭ މިންވަރުން އަޅުގަނޑުމެންނަށް ނުފުދޭ ނަމަ، އިތުރަށް ބޭނުން ވާ މިންވަރު އެތެރެ ކުރާން ވީއެވެ. ނަމަވެސް ރާއްޖޭގައި ހެއްދޭ ތަކެތި، ހެއްދޭ މިންވަރު، އުފައްދަމާތޯއެވެ؟

މިކަން ނުކޮށް އަޅުގަނޑުމެން ތިބެއްޖެ ނަމަ، ކޮންމެވެސް ދުވަހަކު ފިސާރި ވަރުގަދަ ބޮނޑިއެއް ބޯން ނުޖެހޭނޭ ކަމަށް ހީ ނުކުރައްވާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް