ހައްޖު ތައްޔާރީތައް މަޑުޖައްސާލަން ސައުދީން އެދިއްޖެ

ސައުދީން ވަނީ ރޭ މަސްޖިދުލް ހަރަމް ސާފު ކުރުމަށް އެ މިސްކިތް ބަންދުކޮށްފަ --

ރިޔާޒް (އޭޕްރިލް 1): ދުނިޔޭގައި މިހާރު ފެތުރެމުންދާ ބަލިމަޑުކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ލިބެންދެން ހައްޖަށް ތައްޔާރުވުން މަޑުޖައްސާލަން ސައުދީ އަރަބިއާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން އެދެފި އެވެ.

ސައުދީން އެފަދައިން ބުނެފައި ވަނީ މިދިޔަ މަހުގެ ތިނެއްގައި އެގައުމުން ކޮރޯނާވައިރަސް ފެނުމާ ގުޅިގެން އުމްރާ ކުރުން ހުއްޓާލި ފަހުންނެވެ.

"ހައްޖަށާއި އުމްރާއަށް އަންނަ މީހުންނަށް ސައުދީ އަރަބިއާ އޮތީ ތައްޔާރަށް. ނަމަވެސް ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރިފައިވާ މިދަނޑިވަޅުގައި... ސައުދީން ބޭނުންވޭ ގައުމުގެ ރައްޔިތުންނާއި ހުރިހާ މުސްލިމުންގެ ސިއްހަތު ރައްކާތެރިކުރަން. އެހެންކަމުން މިހާލަތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ލިބެންދެން ހުރިހާ މުސްލިމުންވެސް [ހައްޖު] ކޮންޓްރެކްޓުތައް ނަހަދާ މަޑުކޮށްލަން އަޅުގަނޑުމެން އެދެފިން،" ހައްޖު މިނިސްޓަރު މުހައްމަދު ސާލިހް ބެންތަން ވިދާޅުވި އެވެ.

އުމްރާ ކުރުން ހުއްޓާލުމުގެ އިތުރުން ސައުދީން ވަނީ މުއްދަތެއް ނެތް ގޮތަށް އިންޓަނޭޝަނަލް ފްލައިޓުތައް ކެންސަލްކޮށް، މައްކާ އާއި މަދީނާ ހިމެނޭ ގޮތަށް އެގައުމުގެ ބައެއް ސިޓީތަކަށް މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ. އަދި މަސްޖިދުލްހަރާމް އާއި މަސްޖިދުލްނަބަވީގައި ނަމާދު ކުރުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ސައުދީން ހައްޖު ކެންސަލްކޮށްފި ނަމަ އެވާނީ ފަހުގެ ތާރީހުގައި ހައްޖު ކެންސަލް ކުރި ފުރަތަމަ ފަހަރަށެވެ. ނަމަވެސް 2014އިގައި ހުޅަނގު އެފްރިކާގައި އިބޯލާ ފެތުރުނު އިރު، އެންމެ ބޮޑަށް އެބަލި ފެތުރުނު ގައުމުތަކުން މީހުން ހައްޖަށް ދިޔުން މަނާކޮށްފައިވެ އެވެ.

ސައުދީގައި މިހާތަނަށް 1,563 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 10 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް