ކާނިވާ ސަރަހައްދުގައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނަގަން އަންގައިފި

ކާނިވާ ސަރަހައްދުގައި އުޅަނދު ޕާކު ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެންވޭރު ކާނިވާ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް އެތަނުން ނެގުމަށް ހަފްތާއެއްގެ މުހުލަތެއް މާލޭ ސިޓީ ކައުންސިލުން ދީފި އެވެ.

އެ ސަރަަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގާފައި ވަނީ ޕާކިން ޒޯނުގެ މަސައްކަތް ފެށުމަށްޓަކައެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ސަރަޙައްދުގައި މިހާރު ޕާކުކޮށްހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ބަހައްޓާފައިވާ ފަރާތްތަކުން މި މަހުގެ އަށެއްވާ ބުދަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން އެތަކެތި ނަގައި ސަރަހައްދު ހުސްކޮށްދިނުމަށެވެ.

ކާނިވާ ސަރަހައްދުގައި ހަދަނީ ހަތަރުު ފުރޮލީ އުޅަނދު ޕާކު ކުރާ ޒޯނެކެވެ. އެ ޒޯނުން ދޫކުރުމަށް ހަމަޖައްސާފައި ވަނީ 52 ސްލޮޓެވެ. އެއިން ކޮންމެ ސްލޮޓެއްގެ އަގަކީ މަހަކު 3،000 ރުފިޔާ ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފީ ދައްކައިގެން ހެންވޭރު ކާނިވާ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވީ މާޗު މަހުގެ ފުރަތަމަ ދުވަހު އެވެ.

ފާއިތުވި އަހަރުގެ ތެރޭގައި 80-400އާ ދެމެދުގެ އުޅަނދުތައް ޕާކްކުރެވޭނެ ޖާގަ ހުރި 11 ޕާކިން ޒޯން ހަދާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ޕާކިން ޒޯނު ހެދުމަށް ލިބިފައިވާ 21 ޖާގައިގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސައި މި އަހަރުގެ ކުރީކޮޅު އެ ހުރިހާ ޒޯންތައް ހުޅުވާލާނެ ކަމަށްވެސް ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް