ޖޭއެސްސީގެ މެމްބަރުންނާއި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަނީ

ނޮވެމްބަރ 7، 2019: ހައިކޯޓުގެ އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންނާއި މުވައްޒަފުން މާދަމާއިން ފެށިގެން ގޭގައި ތިބެގެން މަސައްކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖެއިން މިހާރު ފެންނަމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ.

އެހެން ނަމަވެސް މިހާލަތު ދިގު މުައްދަތަކަށް ދެމިއޮތުމުގެ ފުރުސަތު އޮންނާތީއާއެކު ޖޭއެސްސީގެ މަސައްކަތްތައް މެދުނުކެނޑޭނެ ގޮތަށް ގެންދިއުމަށް ރާވައިފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެގޮތުން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާނެ އުސޫލެއް އެކުލަވާލައި މާދަމާއިން ފެށިގެން އެގޮތަށް އަމަލުކުރަން ފާސްކޮށްފައިވާ ކަަމަށް ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

"މިކޮމިޝަނަށް ފޮނުވަން ޖެހޭ ހުރިހާ ލިޔުމެއް ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެސްއަށް ފޮނުވުމުން އެ ލިޔެ ކިޔުންތައް ބަލައިގަނެ މަސައްކަތްކުރިއަށް ގެންދެވޭ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް ކޮމިޝަނުން ވަނީ ނިންމައިފައެވެ،" ޖޭއެސްސީން ބުންޏެވެ.

އޭގެ އިތުރުން ޖޭއެސްސީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައި މިހާލަތުގައި ކޯޓުތައް ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި ކޯޓުތަކަށް ބޭނުންވާ އެހެނިގެން އިންތިޒާމްތައް ދެނެގަނެ، އެކަންތައްތައް ރޭވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

comment ކޮމެންޓް